އިންޑިއާއިން މުހިންމު ފަސް މިނިވަން ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކޮށްފި

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އިންޑިއާއިން މުހިންމު ފަސް މިނިވަން ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިކަން ޕާލިމެންޓަށް ހާމަކުރައްވަމުން އިންޑިއާގެ ކޮމާސް މިނިސްޓަރ ވިދާޅުވި ގޮތުގައި މިއީ އިންޑިއާގެ ބައިނަލްއަޤްވާމީ ވިޔަފާރި ފުޅާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި 2021 ވަނަ އަހަރު މޮރިޝަސްއާއެކު ވެފައިވާ ސީއީސީޕީއޭ، 2022 ވަނަ އަހަރު ޔޫއޭއީއާއެކު ވެފައިވާ ސީއީޕީއޭ، ހަމަ އެ އަހަރު އޮސްޓްރޭލިއާއާއެކު ވެފައިވާ އީސީޓީއޭ، 2024 ވަނަ އަހަރު އީއެފްޓީއޭއާއެކު ވެފައިވާ ޓީއީޕީއޭ އަދި މިއަހަރު ތަންފީޒުކުރުމަށް ހަމަޖެހިފައިވާ ޔޫކޭއާއެކު ވެފައިވާ ސީއީޓީއޭ ހިމެނެއެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން އޮސްޓްރޭލިއާއަށް ކުރާ އެކްސްޕޯޓް 2023-24 ގައި 14 އިންސައްތަ އަދި 2024-25 ގައި 8 އިންސައްތަ އިތުރުވެފައިވެއެވެ. މޮރިޝަސްއާއެކު ކުރެވޭ ވިޔަފާރީގައި އިންޑިއާގެ ފައިދާ ދެމެހެއްޓިފައިވާއިރު، ޔޫއޭއީއާއެކު ކުރެވޭ ވިޔަފާރީގައި ތެލާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކާއި، ބޭސް ފަރުވާގެ ތަކެތީގެ އެކްސްޕޯޓް އިތުރުވެފައިވެއެވެ. އަދި ޔޫއޭއީ އެއްބަސްވުމުގެ ދަށުން ސީދާ ބޭރުގެ އިންވެސްޓްމަންޓް ވެސް ވަނީ އިތުރުވެފައެވެ.

އޮމާނާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާތައް ނިންމާލާފައިވާއިރު، ޔޫރަޕިއަން ޔޫނިއަން، ސްރީލަންކާ، ޕެރޫ، ޗިލީ، ނިއުޒިލޭންޑް އަދި އެމެރިކާއާއެކު އިތުރު އެއްބަސްވުންތަކަކަށް ވާސިލުވުމުގެ މަޝްވަރާތައް ކުރިއަށްދެއެވެ. މީގެ އިތުރުން އާސިއާން އަދި ދެކުނު ކޮރެއާއާއެކު ކުރިން ވެފައިވާ އެއްބަސްވުންތައް މުރާޖަޢާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.

ހިއްސާ ކުރައްވާ!