އެޕަލް އިން އިންޑިއާގައި އައިފޯނު އުފެއްދުން އިތުރު ކުރުމަށް މަސައްކަތް ކުރާއިރު ކުރިއަށް އޮތް އައިފޯން 17 ސީރީޒްގެ ހުރިހާ މޮޑެލްތަކަކާއި އަދި ހައި އެންޑް ޕްރޯ ވަރޝަންތަކުގެ މޮޑެލްތައް އިންޑިއާގައި އެސެމްބަލް ކުރަމުން ގެންދާނެއެވެ.
މިއީ އިންޑިއާގައި އައިފޯންގެ މުޅީން އާ ވައްތަރެއް އުފައްދާ ފުރަތަމަ ފަހަރެވެ. އަދި މިއީ ޗައިނާއަށް ބަރޯސާވުން ކުޑަ ކުރުމަށާއި އެމެރިކާގެ ޓެރިފް ރިސްކްތަކުން ރައްކާތެރިވުމުގެ ސްޓްރެޓެޖީގެ ތެރެއިން އިންޑިއާއިން ކުރިއަށް ގެންދާ ފިޔަވަޅެކެވެ.
މީޑިއާ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުގައި އެޕަލް އިން އައިފޯން 17 އުފެއްދުން ވަނީ އިންޑިއާގެ ފަސް ފެކްޓްރީއެއްގައި ފެށުމަށް ނިންމާފައި ވެއެވެ. އޭގެ ތެރެއިން ދެ ފެކްޓްރީގެ އޮޕަރޭޝަން މިހާރު ވަނީ ފަށާފައެވެ. ނަމަވެސް އެޕަލްއިން އުފައްދާ 'ޕްރޯ' މޮޑެލްތަކުގެ ޔުނިޓް އިންޑިއާގައި އުފެއްދުން އަދި މަދުވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
އެޕަލްގެ އުފެއްދުންތައް އިންޑިއާގައި އުފެއްދުން ފުޅާކުރުމުގެ މައިގަނޑު މަރުކަޒުތަކަކީ، ޓަމިލްނާޑޫގެ ހުސޫރުގައި ހުންނަ ޓާޓާ ގްރޫޕްގެ އާ ޕްލާންޓާއި ބެންގަލޫރު އެއާޕޯޓް ކައިރީގައި ހުންނަ ފޮކްސްކޮންގެ ބޮޑު އާ ހަބެވެ.
އެޕަލްގެ މުހިއްމު އެއް ޕާޓްނަރެއްގެ ގޮތުގައި އިންޑިއާގައި މަސައްކަތް ކުރާ ޓާޓާ ކުންފުނިން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އިންޑިއާގެ އައިފޯން އުފެއްދުމުގެ ދެބައިކުޅަ އެއްބައި ހިއްސާ ކުރާނެ ކަމަށް ބެލެވެ އެވެ.
ފޮކްސްކޮން އިން މިހާރު ވަނީ ބެންގަލޫރު ގެ ފެކްޓްރީގައި 2.8 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައެވެ. އަދި އައިފޯން 17ގެ ޔުނިޓްތައް އުފައްދަނީ އެތަނުންނެވެ.
ޗައިނާއިން ބޭރުގައި ފޮކްސްކޮންގެ ދެވަނައަށް އެންމެ ބޮޑު އައިފޯން ފެކްޓްރީއަކީ، ބެއންގަލޫރުގެ ޔުނިޓާއި ޓެމިލްނާޑޫގެ ޔުނިޓެވެ.
އެޕަލް އިން އިންޑިއާގައި ކުރި އިންވެސްޓްމެންޓްގެ ފައިދާ ހިމާރު ވަނީ ފެންނަން ފަށާފައެވެ. މިއަހަރުގެ އޭޕްރީލް މަހާއި ޖުލައި މަހާއި ދެމެދު އިންޑިއާއިން 7.5 ބިލިއަން ޑޮލަރުގެ އައިފޯނު އެކްސްޕޯޓްކޮށްފައި ވެއެވެ. އޭގެ ކުރީ އަހަރު އެކްސްޕޯޓްކޮށްފައިވަނީ ޖުމުލަ 17 ބިލިއަން ޑޮލަރުގެ ފޯނެވެ.
މާޗް މަހު ނިމުނު މާލީ އަހަރު އެޕަލް އިން ވަނީ އިންޑިއާގައި ގާތްގަނޑަކަށް 22 ބިލިއަން ޑޮލަރުގެ އައިފޯންތައް އެސެމްބްލްކޮށްފަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 60 ޕަސެންޓް ގެ އިތުރު ވުމެކެވެ.
އެޕަލްއިން މިއަހަރު 60 މިލިއަން އައިފޯނަށް އުފައްދާނެ ކަމަށް ލަފާކުރެވޭއިރު، 2024-25 ވަނަ އަހަރު ގާތްގަނޑަކަށް 35-40 މިލިއަނަށް އައިފޯން އެކުންފުނިން އުފެއްދި އެވެ.




