ދިއްލީ އާއި ވެރިރަށުގެ ސަރަހައްދުގައި ބޯ ވިއްސާރަ ވުމުގެ ސަބަބުން ފްލައިޓްތަކަށް ބުރޫއަރައި، މަގުތަކުގައި ދަތުރުފަތުރު ކުރުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ފްލައިޓް ރަޑާ 24 ގެ މަޢުލޫމާތުން ދައްކާ ގޮތުން، އިއްޔެ ވެސް ހަވީރު 5 ޖެހުމާ ހަމައަށް 340 އަށް ވުރެ ގިނަ ފްލައިޓުގެ ދަތުރުތަކަށް އަސަރުކޮށްފައި ވެއެވެ. މީގެ ތެރޭގައި އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރާ 273 ފްލައިޓާއި، ޖައްސާ 73 ފްލައިޓް ހިމެނުނެވެ.
އެއަރޕޯޓާ ކައިރީ ބޮޑެތި މަގުތަކުގައި ފެން ބޮޑުވެ، ޓްރެފިކް ބާރުބޮޑުވެ ފަސިންޖަރުން މަގުމަތީގައި ހާލުގައި ޖެހިފައިވެއެވެ. މީގެ އިތުރުން، ޔަމުނާ ކޯރުގައި ފެންގަނޑު އުފުލުން 207.09 މީޓަރަށް އަރާފައި ވެއެވެ. އަދި މިއީ 1963 ވަނަ އަހަރުން ފެށިގެން މި ވަރުގެ ނުރައްކާތެރި މިންވަރަކަށް ފެން ބޮޑުވި ފަސްވަނަ ފަހަރެވެ. މިކަމުގެ ސަބަބުން ދިއްލީ ސަރަހައްދުގައި ފެންބޮޑުވުމުގެ ނުރައްކާ އިތުރުވެފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.





