އެމެރިކާއާއި ޔޫރަޕްގެ އަނިޔާވެރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، 1970 އިން ފެށިގެން ދުނިޔޭގެ ދެކުނުގެ ގައުމުތަކުގައި 38 މިލިއަނަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ހާމަވެއްޖެއެވެ. މިކަން ހާމަކޮށްފައި ވަނީ ލާންސެޓް ގްލޯބަލް ހެލްތު ޖާނަލްގައި ޝާއިޢުކޮށްފައިވާ އާ ދިރާސާ އެއްގައެވެ. އިކޮނޮމިސްޓް ފްރެންސިސްކޯ ރޮޑްރިގެޒް އިސްވެ ހުންނަވައިގެން ކުރިއަށް ގެންދިޔަ މި ދިރާސާއަކީ، އެމެރިކާއާއި ޔޫރަޕުން އަމިއްލައަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިންސާނީ ގޮތުން ދުނިޔޭގެ ގައުމުތަކަށް ލިބޭ ގެއްލުންތައް ދައްކައިދޭ ފުރަތަމަ ފުރިހަމަ އަންދާޒާއެވެ.
މި ދިރާސާގެ މުހިންމު ހޯދުންތަކުން ދައްކާގޮތުގައި، 2021 ވަނަ އަހަރު އެކަނިވެސް 800،000 އަށްވުރެ ގިނަ މީހުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މަރުވެފައިވެއެވެ. މިއީ ސީދާ ހަނގުރާމައިގެ ސަބަބުން މަރުވާ މީހުންގެ އަދަދަށްވުރެ ގިނަ އަދަދެއް ކަމަށް ދައްކައެވެ. އަދި މި މަރުތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ ކުޑަކުދިންނާއި އުމުރުން ދޮށީ މީހުންނެވެ. 2012 އިން ފެށިގެން، ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ކާނާ ނުލިބުމުގެ ސަބަބުން 1 މިލިއަނަށްވުރެ ގިނަ ކުދިން މަރުވެފައިވާ ކަމަށްވެސް ދައްކައެވެ.
އޭގެ އިތުރުން ހިޔުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ ގޮތުގައި، ބޭސްފަރުވާއާއި، ސާފު ފެނާއި، ކާނާ ހޯދުމަށް ހުރަސްއެޅޭ މައިގަނޑު ސަބަބަކީ ދަތިކުރުމުގެ ފިޔަވަޅުތަކެވެ. އެމެރިކާއާއި ޔޫރަޕުން ވަނީ 1970 ގެ އަހަރުތަކުގައި ޗިލީއާއި އަދި އޭގެ ފަހުން އީރާނާއި އުތުރު ކޮރެއާ އަދި ޔަމަނާއި ވެނެޒުއެލާ ފަދަ ގައުމުތަކާ ދެކޮޅަށް މިފަދަ ފިޔަވަޅުތައް އަޅާފައެވެ.
މި ރިޕޯޓު ލިޔުނު ފަރާތްތަކުން ހުށަހަޅާފައި ވަނީ ދުނިޔޭގެ ދެކުނުގެ ގައުމުތަކުން ޔޫރަޕްގެ ސްވިފްޓް ނިޒާމާއި އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަ ކުރުމަށެވެ. އަދި ޗައިނާގެ ބެއިޑޫ ސެޓެލައިޓް ނެޓްވަރކާއި ޗައިނާއިން ތައާރަފް ކޮށްފައިވާ ސީއައިޕީއެސް ޕޭމަންޓް ސިސްޓަމް ފަދަ އަލަށް އުފެދެމުންދާ މާލީ ނިޒާމުތަކަކީ މި ފަދަ ވަކިތަކުން ދުނިޔެ ސަލާމަތް ކޮށްދޭނެ ކަމެއް ކަމަށް ބުނެފައި ވެއެވެ.




