އެމެރިކާއިން އިންޑިއާގެ އެކްސްޕޯޓްތަކަށް ބޮޑެތި ޓެރިފްތަކެއް ކަނޑައަޅައިފިއެވެ. އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ހީނަރުކަމާ ކުރިމަތިލާން ޖެހޭނެ ކަމަށް މީޑިއާއިން ލަފާ ކުރެއެވެ.
މިގޮތުން އިންޑިއާގެ 48.2 ބިލިއަން ޑޮލަރުގެ މުދަލަށް 50 އިންސައްތައިގެ ޑިއުޓީއެއް އެމެރިކާއިން ވަނީ ކަނޑައަޅާފައެވެ. މިއީ އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅެއް ކަމަށް އެމެރިކާއިން ބުނެފައިވެއެވެ.
2024 ވަނަ އަހަރު އެމެރިކާ އާއި އިންޑިއާގެ ދެމެދުގައި 212.3 ބިލިއަން ޑޮލަރުގެ ވިޔަފާރި ބަދަލުކޮށްފައި ވެއެވެ. އަދި އިންޑިއާގެ ކުންފުނިތަކުން އެމެރިކާގައި 40 ބިލިއަން ޑޮލަރަށްވުރެ ގިނައިން އިންވެސްޓް ކޮށްފައިވެއވެ. މީގެ ސަބަބުން 425،000 އަށްވުރެ ގިނަ އެމެރިކާ ރައްޔިތުންނަށް އިންޑިއާގެ ވިޔަފާރިތަކުން ވަޒީފާގެ ފުރުސަތު ހޯދާދީފައި ވެއެވެ.
މުހައްލިލުން ބުނާ ގޮތުގައި އެމެރިކާގެ ޓެރިފްތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވޭތުވެދިޔަ 20 އަހަރު ބިނާކޮށްފައިވާ ސްޓްރެޓެޖިކް ގުޅުން ހީނަރު ވެދާނެ ކަމުގެ ބިރު މިހާރު އެބައޮތެވެ. އިންޑިއާއަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ނުފޫޒު ކުޑަކުރުމަށް އެމެރިކާގެ ސްޓްރެޓެޖީގައި މުހިންމު ދައުރެއް އަދާކުރާ ގައުމެކެވެ.
މިދިޔަ މުއްދަތުގައި އެމެރިކާގެ ކުންފުނިތަކުންވެސް ވަނީ އިންޑިއާގައި އިންވެސްޓްކުރަން ފަށާފައެވެ. އެގޮތުން، 2000 އިން ފެށިގެން އެމެރިކާގެ ކުންފުނިތަކުން އިންޑިއާގައި 70 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވެއެވެ. އިންޑިއާއާއި އެމެރިކާގެ ވިޔަފާރި، ބޭސް، އިލެކްޓްރޯނިކްސް އަދި އައިޓީ ދާއިރާގައި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާއިރު، އައު ޓެރިފްތަކުގެ ސަބަބުން ޚަރަދުތައް އިތުރުވެ، މަސައްކަތްތަކަށް ހުރަސްއެޅި، ދެ ގައުމުގައިވެސް ވަޒީފާތައް ގެއްލިދާނެ ކަމަށް ބެލެވެއެވެ.
ޗައިނާ އާއި އިންޑިއާގެ ވިޔަފާރީގެ ގުޅުމުގައި ގެންގުޅޭ ބެލެންސަކީ، މިފަދަ ހާލަތްތަކުގައި އިބްރަތް ހާސިލްކުރެވިދާނެ މިސާލެއް ކަމަށް މާހިރުން ފާހަގަކުރެއެވެ. ބޯޑަރުގެ މައްސަލަތަކާއި ސިޔާސީ ދެބަސްވުންތައް ހުރި ނަމަވެސް، ވޭތުވެދިޔަ އަހަރު ދެ ގައުމުގެ ދެމެދުގައި 138.5 ބިލިއަން ޑޮލަރުގެ ވިޔަފާރި ބަދަލުކޮށްފައި ވެއެވެ. މީގެ ތެރެއިން 120.5 ބިލިއަން ޑޮލަރުގެ މުދާ ޗައިނާއިން އިންޑިއާއަށް އެކްސްޕޯޓް ކޮށްފައިވެއެވެ.







