ޤަތަރަށް ދިން ޓެރަރިސްޓް ހަމަލާ މޮދީ ކުށްވެރި ކުރައްވައިފި

ދޯހާއަށް ދިން ޔަހޫދީ ޓެރަރިސްޓް ހަމަލާ އިންޑިއާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ޔަހޫދީންގެ ޓެރަރިސްޓް ހަމަލާތަކެއް ދިންތާ އެއް ދުވަސް ފަހުން އިންޑިއާ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ބުދަ ދުވަހު އެ ހަމަލާއާ ގުޅިގެން "ހިތުގެ އެންމެ ފުން މިނުން ކަންބޮޑުވުން" ފާޅުކުރައްވާފަ އެވެ. އަދި ގަތަރުގެ އަމީރާ ފޯނުން ވާހަކަ ދައްކަވައި، ގަތަރުގެ އިސްތިގުލާލަށް އަރައިގަތުން ކުށްވެރި ކުރައްވައި، މައްސަލަތައް ހައްލުކުރުމަށް މަޝްވަރާ ގެ މަގު އިޚުތިޔާރު ކުރުމަށް ގޮވާލައްވާފައެވެ.

"ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ތާނީއާ ވާހަކަ ދައްކަވައި ދޯހާއަށް ދިން ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކުރެއްވި. ގަތަރުގެ އިސްތިގުލާލަށް އަރައިގަތުން އިންޑިއާއިން ކުށްވެރިކުރޭ،" ޕީއެމް މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތާއީދުކުރަނީ މަޝްވަރާއާއި ޑިޕްލޮމެސީގެ ތެރެއިން މައްސަލަތައް ހައްލުކުރުމަށާއި، މައްސަލަތައް ގޯސްވުމުން ދުރުހެލިވުމަށް. އިންޑިއާއިން ބާރުއަޅައި ތާއީދުކުރަނީ މި ސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ގާއިމް ކުރުމަށް، އަދި ޓެރަރިޒަމްގެ ހުރިހާ އަމަލުތަކާ ފާޅުކޮށް ދެކޮޅުހަދަން،" މޯދީ އިތުރަށް ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!