ފަލަސްޠީނު މީހުންގެ ޖެނޮސައިޑަށް ތާއީދުކުރާ ޓްރަމްޕްގެ ސަޕޯޓަރަކު ބަޑީގެ ހަމަލައަކުން ނައްތާލައިފިއެވެ. ޓްރަމްޕްގެ ފިކުރަށް ތާއީދުކުރާ އެކްޓިވިސްޓް ޗާލީ ކިރްކް މަރާލީ ޔޫޓާގައެވެ. ޓްރަމްޕް އޭނާގެ ޓްރޫތް ސޯޝަލް ވެބްސައިޓުގައި ލިޔެފައި ވަނީ "މޮޅު، ހަގީގީ ލެޖެންޑަރީ ޗާލީ ކިރްކް އަވަހާރަވެއްޖެ. މި ގައުމުގެ ޒުވާނުންގެ އިހުސާސްތައް އޭނާއަށް ވުރެ ރަނގަޅަށް އެހެން އެއްވެސް މީހަކަށް ވިސްނިފައެއް ނުވެ އެވެ."
ޓްރަމްޕް ވަނީ ކިރްކްގެ ހަނދާނުގައި ހަފްތާއެއްހާ ދުވަހާށް އެމެރިކާ ދިދަ ބައި ދަނޑީގައި ބަހައްޓަން އަންގާފައެވެ.
އުމުރުން 31 އަހަރުގެ ކިރްކް ނައްތާލާފައި ވަނީ ޔޫޓާ ވެލީ ޔުނިވާސިޓީގައި ބޭއްވި އާންމު ހަރަކާތެއްގައި ބައިވެރިވަމުން ދަނިކޮށް ބަޑިޖަހައިގެންނެވެ. އޭނާ ނައްތާލި މީހާ އަދިވެސް ނު ހޯދެއެވެ. އެފްބީއައި އިން ދަނީ ގޭގެއަށް ވަދެ އަތްފުނާ އަޅަމުންނެވެ.
އެ ޔުނިވާސިޓީގެ ވެބްސައިޓުގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާގެ ބޮޑީގާޑުން ވަގުތުން އޭނާ އޮޑިޓޯރިއަމް އިން އެސްކޯޓްކޮށް، ޝައްކު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި އޭނާގެ ގަޔަށް ބަޑިޖަހައިފައި ވަނީ ސުވާލާއި ޖަވާބު ސެޝަނެއްގެ ތެރޭގައެވެ.
ކިރްކް އަކީ ޓްރަމްޕަށް ތާއީދުކުރާ ޒުވާނުންގެ ސަޕޯޓު ހޯދައި ދިނުމުގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އޭނާ ވަނީ "ދަ ޗާލީ ކިރްކް ޝޯ" ގެ ނަމުގައި ރޭޑިއޯ ޕްރޮގްރާމެއް ވެސް ހޯސްޓްކޮށްފަ އެވެ. އަދި ޓާނިން ޕޮއިންޓް ޔޫއެސްއޭގެ ކޯ ފައުންޑަރުގެ މަގާމާއި އަދި އެގްޒެކެޓިވް ޑިރެކްޓަރުގެ އިތުރުން ޓާނިން ޕޮއިންޓް އެކްޝަން، ޓާނިން ޕޮއިންޓް އެކަޑަމީ، އަދި ޓާނިން ޕޮއިންޓް ފެއިތު ފަދަ ޓްރަމްޕަށް ސަޕޯޓު ކުރާ ބައެއް ޖަމިއްޔާތައް އޭނާ ހިންގި އެވެ.
އެމެރިކާގައި ފަލަސްޠީނު މީހުންނާ ދެކޮޅު ސަޔަނިސްޓް ސަޕޯޓަރު މަދުވީއެވެ.







