އިސްރާއީލުން ޣައްޒާގައި ހިންގާ ޔަހޫދީންގެ ހޮލޮސްކޯސްޓް ހަނގުރާމައާ ދެކޮޅަށް އެމެރިކާގެ ކޮލަމްބިއާ ޔުނިވަރސިޓީގައި ބޭއްވި އިހުތިޖާޖުތަކުގައި އިސްކޮށް ހަރަކާތްތެރިވި ފަލަސްޠީނަށް ތާއީދުކުރާ އެކްޓިވިސްޓް މަހުމޫދު ޚަލީލު އަލްޖީރިއާ ނުވަތަ ސީރިއާއަށް އަރުވާލުމަށް އެމެރިކާގެ އިމިގްރޭޝަން ކޯޓުން އަމުރުކޮށްފިއެވެ.
އެމެރިކަން ސިވިލް ލިބަރޓީސް ޔޫނިއަން (އޭސީއެލްޔޫ) އިން މީޑިއާއަށް ހާމަކުރި ކޯޓު ލިޔެކިޔުންތަކުން ދައްކާގޮތުގައި، ލުއިޒިއާނާގެ އިމިގްރޭޝަން ޖަޖް ޖެމީ ކޮމާންސް މި ޙުކުމް އިއްވާފައިވަނީ ސެޕްޓެމްބަރު 12 ވަނަ ދުވަހުއެވެ. މި ޙުކުމް އިއްވާފައިވަނީ އެމެރިކާގެ ދާއިމީ ރަށްވެހިކަމަށް އެދި ހުށަހެޅިއިރު ޚަލީލު މުހިންމު މަޢުލޫމާތުތަކެއް ހާމަނުކޮށް އޮޅުވާލާފައިވާ ކަމަށް ބުނެއެވެ.
މަހުމޫދު ޚަލީލަކީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހޮލޮކޯސްޓް ހަނގުރާމައާ ދެކޮޅަށް ކޮލަމްބިއާ ޔުނިވަރސިޓީގައި ބޭއްވި އިހުތިޖާޖުތަކުގައި އިސް ދައުރެއް އަދާކުރި ފަރާތެކެވެ. މި އިހުތިޖާޖުތަކަކީ ފާއިތުވި އަހަރު ފަލަސްޠީނާ މެދު އެމެރިކާގެ މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިގެންދިޔަ އިހުތިޖާޖުތަކެކެވެ.
މި މައްސަލައިގައި އޭސީއެލްޔޫއިން ވަނީ މަހުމޫދު ޚަލީލުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރާނެކަމަށް ބުނެފައެވެ. އަދި މި ޙުކުމަކީ އިންސާފުވެރި ޙުކުމެއް ނޫންކަމަށް ބުނެ އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.





