1600 ކިލޯމީޓަރު ދުރުން 16 މަހުގެ ކުޑަކުއްޖަކަށް ރޮބޮޓިކް ސާޖަރީއެއް ހަދައިފި

އިންޑިއާގެ ހައިދަރާބާދުގެ ޕްރީތީ ކިޑްނީ ހޮސްޕިޓަލުގައި 16 މަހުގެ ކުޑަކުއްޖަކަށް ކުރަންޖެހުނު ސަރޖަރީއެއް، ހަދާފައި ވަނީ 1600 ކިލޯ މީޓަރު ދުރުގައި އޮންނަ ގުރުގާއޯ ސިޓީ އިންނެވެ. މިއީ ދުރުން ކުރިއަށް ގެންގޮސްފައިވާ ކާމިޔާބު ރޮބޮޓިކް ޓެކްނޮލޮޖީގެ ސާޖަރީއެކެވެ. އަދި މިއީ މިހާ ހަގު އުމުރެއްގެ ކުއްޖަކަށް މިހާތަނަށް ދުރުން ކުރިއަށް ގެންގޮސްފައިވާ ފުރަތަމަ ޓެލެސަރޖަރީ އެވެ.

މި ސާޖަރީ ކުރިއަށް ގެންދިޔައީ ޕްރީތީ ކިޑްނީ ހޮސްޕިޓަލުގެ ޗީފް ޔޫރޮލޮޖިސްޓް ޑރ. ޗަންދްރަ މޯހަން އެވެ. އޭނާ ކިޔައިދިން ގޮތުގައި މި ކުއްޖާއަށް ސަރޖަރީ ކުރަން ޖެހުނީ އުފަންވިއިރު ގުރުދާއާއި މަސާނާ ހޮޅި ގުޅޭ ތަނުގައި ހުރަހެއް ހުރުމުގެ ސަބަބުންނެވެ. މި ހާލަތުގައި ކުޑަކަމުދާ ތަކެތި ގުރުދާއިން ބޭރުވުމަށް ހުރަސްތަކެއް ކުރިމަތިވެ، ގުރުދާ ފުރި ގެއްލުން ލިބުމުގެ ފުރުސަތު ބޮޑު ވެއެވެ.

"ކުއްޖާގެ އުމުރަކީ އެންމެ 16 މަސް ކަމަށްވާތީ، އަޅުގަނޑުމެން ނިންމީ ރޮބޮޓިކް ސަރޖަރީ އެއް މެދުވެރިކޮށް ކުރިއަށް ގެންދަން،" ޑރ. ޗަންދްރަމޯހަން ނޫސްވެރިންނަށް ކިޔައި ދިނެވެ.

މި ސާޖަރީގައި ބޭނުންކޮށްފައި ވަނީ އިންޑިއާގައި އުފައްދާފައިވާ އެސްއެސްއައި މަންތްރާ ރޮބޮޓިކް ސިސްޓަމް އެވެ. ޑރ. ޗަންދްރަމޯހަން ގުރުގާއޯގައި ހުރެގެން ހައިދަރާބާދުގައި ހުރި ރޮބޮޓް ކޮންޓްރޯލް ކޮށް ސާޖަރީ ކުރިއަށް ގެންދިޔައީއެވެ. މި ސާޖަރީގައި، 5ޖީ ގެ މުވާސަލާތީ ނިޒާމު ބޭނުންކޮށްފައި ވެއެވެ.

އެސްއެސްއައި މަންތްރާ ސިސްޓަމް ބޭނުންކޮށްގެން ކުރިއަށް ގެންދެވުނު މި ސަރޖަރީ ނިންމާލަން 1 ގަޑިއިރާއި 20 މިނެޓް ނެގިއެވެ. މިއީ އިންޑިއާގައި އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ކުރެވުނު ފުރަތަމަ ޓެލެސަރޖަރީ އެވެ.

މިފަދަ ސާޖަރީއެއް މީގެ ކުރިން ޗައިނާގައި ކޮށްފައި ވެއެވެ. ނަމަވެސް އެއީ، 8 އަހަރުގެ ކުއްޖަކަށް ކޮށްފައިވާ ރޮބޮޓިކް ސާޖަރީއެކެވެ.

މީގެ އިތުރުން، ޑރ. ޗަންދްރަމޯހަން ވަނީ އުއްތަރު ޕްރަދޭޝްގެ މުރާދާބާދުގައި ހުރި އަންހެނަކަށްވެސް ޓެލެސަރޖަރީ މެދުވެރިކޮށް އޮޕަރޭޝަނެއް ކޮށްދީފައެވެ.

ހިއްސާ ކުރައްވާ!