އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ވަނީ ނޭޕާލްގެ އަލަށް އައްޔަންކުރެވުނު ވަގުތީ ބޮޑުވަޒީރު ސުޝީލާ ކާކީއާ ފޯނުން މަޝްވަރާކުރައްވައިފައެވެ. ޒުވާނުންގެ އިހުތިޖާޖުތަކާ ގުޅިގެން އެ ގައުމުގައި އަމާންކަމާއި ހަމަޖެހުން އަލުން ގާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް އިންޑިއާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން މޮދީ ވިދާޅުވިއެވެ.
މި މަހުގެ ކުރީކޮޅު ކުރިއަށް ގެންދިޔަ ޖެން ޒީގެ އިހުތިޖާޖުތަކުގައި މަރުވި 74 މީހުންނާއި، ޒަޚަމްވި 2،300 އަށްވުރެ ގިނަ މީހުންނަށް ބޮޑުވަޒީރު މޯދީ ވަނީ ހަމްދަރުދީ ފާޅުކުރައްވާފައެވެ. ނޭޕާލް ސަރުކާރުން ސޯޝަލް މީޑިއާ ބްލޮކްކުރުމާއި، ކޮރަޕްޝަނާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން އިތުރުވުމާ ގުޅިގެން ފެށުނު މި އިހުތިޖާޖުތަކާ ގުޅިގެން ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީ އަށް އިސްތިއުފާ ދެއްވުމަށް މަޖުބޫރުވިއެވެ.
ނޭޕާލްގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ކާކީ އައްޔަންކުރެވުމާ ގުޅިގެން މޯދީ މަރުހަބާ ވިދާޅުވެ، އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮ އެދުންތައް ފާޅުކުރެއްވިއެވެ. އަދި ސެޕްޓެމްބަރު 19 ގައި ފާހަގަކުރި ނޭޕާލްގެ ގައުމީ ދުވަހުގެ މުނާސަބަތުގައިވެސް ހެޔޮ އެދުންތައް ވެދް މޮދީ ފޮނުއްވިއެވެ.
"ނޭޕާލްގެ އަމާންކަމާއި ކުރިއެރުމަކީ އިންޑިއާއަށް ވަރަށް މުހިންމު ކަމެއް،" މޯދީ ވިދާޅުވިއެވެ. އަދި ނޭޕާލްގެ ޑިމޮކްރެޓިކް ބަދަލުތަކާއި ތަރައްގީގެ ލަނޑުދަނޑިތަކަށް އިންޑިއާގެ އެއްބާރުލުން ލިބޭނެކަން އަލުން ޔަގީންކޮށްދެއްވިއެވެ.
ޖެން ޒީގެ ހަރަކާތުން ތާއީދު ލިބިވަޑައިގެންފައިވާ ކާކީ ވަނީ ހާމަކަން ބޮޑު ވެރިކަމަމެއް ކުރައްވައި އިންތިޚާބީ އިސްލާހުތަކަށް އިސްކަންދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. އޭނާ ވަނީ 2026 ގެ މާރިޗު މަހާ ހަމައަށް ވަގުތީ ސަރުކާރު ހިންގަވާނެކަމަށް ވިދާޅުވެފައެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒުންވެސް ވަނީ މޯދީގެ ބަސްފުޅުތަކަށް ތާއީދުކޮށް، ދެ ގައުމުގެ ގުޅުން ބަދަހިކޮށް، ނޭޕާލްގެ ރައްޔިތުންގެ އުންމީދުތަކަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބިކަމުގެ ޔަގީންކަން ދީފައެވެ.



