މިސްރުގެ ސީނާ ސަރަހައްދުގައި މިސްރުގެ ސިފައިންގެ އަސްކަރީ ހަރަކާތްތައް އިތުރުވަމުން ދިއުމާ ގުޅިގެން އިޒްރޭލުން ނުތަނަވަސްކަން ފާޅުކޮށްފިއެވެ. އަދި އެމެރިކާގެ ސަމާލުކަން ހޯދުމަށް މަސައްކަތް ކޮށް އެމެރިކާއިން މިސްރަށް ފިއްތުމަށް ޔަހޫދީން ދަނީ އެދެމުންނެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކަން އިޒްރޭލަށް ކުރެއްވި ދަތުރުފުޅުގައި މި މައްސަލަ އޭނާގެ ސަމާލުކަމަށް ގެނެސްފައެވެ. އިޒްރޭލުގެ ޗެނަލް 12 އިން އެކަން ޔަގީން ކޮށް ދެއެވެ.
ނަތަންޔާހޫގެ ޝަކުވާގައި ބުނެފައިވަނީ މިސްރުން ވަނީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ ސުލްހައިގެ މުއާހަދާއާ ޚިލާފަށް ސީނާގައި ސިފައިން އިތުރުކޮށްފައެވެ. މީގެ ތެރޭގައި އަސްކަރީ މަތިންދާބޯޓުތަކަށް ޚާއްސަ ރަންވޭތައް ހެދުމާއި، މިސައިލް ރައްކާކުރުމަށް ބިންގަރާސްތައް ހަދާކަމަށްވެސް ޔަހޫދީ ކަލޭގެ ބުނެފައި ވެއެވެ.
އިޒްރޭލުގެ ޔަހޫދީން ފަތުރާ ވާހަކަތަކުގައި ބުނަނީ މި ވަގުތު މިސައިލްތައް އެ ތަންތަނުގައި ރައްކާކޮށްފައި ހުރިކަން ސާބިތުކޮށްދޭ ހެއްކެއް ނެތްނަމަވެސް، މިކަން ސާފު ކުރަން އުޅުމުން މިސްރުން ސާފު ޖަވާބެއް ނުދޭ ކަމަށެވެ.
"މިސްރުން ސިނާއީގައި ކުރަމުންދާ ކަންތައްތަކަކީ ވަރަށް ނުރައްކާތެރި ކަންތައްތަކެއް. އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވޭ،" ޔަހޫދީ އިސްވެރިއަކު ބުނެފައި ވެއެވެ.
އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ހޮލޮކޯސްޓް ހަނގުރާމައާ ގުޅިގެން މިސްރުގައި ވަނީ ނުތަވަސްކަމެއް ވެރިވެފައެވެ. އަދި ޔަހޫދީްނ ދޯހާއަށް ދިން ހަމަލައަށްފަހު މިސްރުން ޔަހޫދީންގެ ޣަދަރުވެރިކަމަށް އިތުރަށް ފާރަވެރި ވެފައި ވަމުން ދެއެވެ.





