އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާއަށް ދިނުމަށް އިންޒާރު ކުރުމުން ތާލިބާނުން ވަރުގަދަ ރައްދެއް ދީފިއެވެ. 20 އަހަރު ދުވަހުގެ ހަނގުރާމައިގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކުގެ މައި މަރުކަޒަކަށްވެފައިވާ މި އެއަރބޭސްއަކީ މިހާރު ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުމުގެ މައި މައްސަލައެވެ.
ކާބުލްގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޠާލިބާން ސަރުކާރުގެ ޚާރިޖީ ވަޒީރު މައުލަވީ އަމީރު ޚާން މުއްތަޤީ ވިދާޅުވީ، "އެމެރިކާއިން ޠާލިބާން ސަރުކާރު ބަލައިގަނެ، އަފްޣާނިސްތާން އަލުން އާރާސްތުކޮށް ބިނާކުރުމަށް ފުރިހަމައަށް އެހީތެރިވާން ނިންމި ކަމުގައި ވިޔަސް، އެމެރިކާގެ އަސްކަރީ ވުޖޫދު އަފްޣާނިސްތާންގައި ބޭއްވުމަށްޓަކައި އަޅުގަނޑުމެންގެ ބިމުގެ އެންމެ އިންޗިއެއްވެސް ދޫކޮށްލާކަށެއް ނެތިން" ކަމަށެވެ.
ޠާލިބާން ސަރުކާރުގެ ސިފައިންގެ އެންމެ އިސްވެރިޔާ ފަސީހުއްދީން ފިޠްރަތް ވިދާޅުވީ، "އަފްޣާނިސްތާނަކީ ފުރިހަމައަށް މިނިވަން، އަމިއްލަ ރައްޔިތުންގެ ބާރު ހިންގާ، އެއްވެސް ބޭރު ބާރެއްގެ ދަށުގައި ނެތް ޤައުމެއް. އަޅުގަނޑުމެން އެއްވެސް ބިރުދެއްކުމަކަށް ނުވަތަ ބާރުވެރިއަކަށް ބިރެއް ނުގަނޭ" ކަމަށެވެ.
ކާބުލުން 64 ކިލޯމީޓަރު އުތުރުގައި އޮންނަ މި އެއަރބޭސް އިން އެމެރިކާގެ ސިފައިން ޖާނު ސަލާމަތް ކޮށްގެން ފުރައިގެން ދިޔައީ 2021 ވަނަ އަހަރުގެ ޖުލައި މަހު، އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފޭބުމުގެ އެންމެ ފަހު މަރުހަލާގައެވެ. އޭގެ ފަހުން މި އެއަރބޭސް ވަނީ ޠާލިބާނުންގެ ފުރިހަމަ ބާރުގެ ދަށަށް ގެން ގޮސްފައެވެ.
ޓްރަމްޕް ވަނީ އޮޅުވާލުމަށްވެސް މަސައްކަތް ކޮށްފައެވެ. ތްރަމްޕް ބުނެފައި ވަނީ މި އެއާބެސް ބިނާ ކުރީ އެމެރިކާއިން ކަމަށެވެ. ނަމަވެސް މިއީ އަފްޣާނިސްތާން ހިފުމަށްފަހު ރޫސީން މިނާކުރި އަސްކަރީ މަރުކަޒެކެވެ.
އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ބޭލުމަށްޓަކައި ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ދޯހާގައި ބޭއްވި މަޝްވަރާތަކުގައިވެސް ބަގްރާމް ބޭސްގައި އެމެރިކާ ސިފައިން ތިބުމަށް ވާހަކަ ދެއްކުމުން ތާލިބާނުން ބުނެފައި ވަނީ އަދި އިތުރަށް 20 އަހަރަށް ހަނގުރާމަ ކުރަން ޖެހުނަސް އަފްޣާނިސްތާނުން އެތަން އެމެރިކާއަށް ނުދޭނެ ކަމަށެވެ. އެއަށްފަހު އެމެރިކާއަށް މަޖުބޫރުވީ އެތަން ދޫކޮށް ދާށެވެ.
ޗައިނާއިން ވެސް ވަނީ އެމެރިކާގެ ބަސްމަގާ މެދު އިއުތިރާޒް ކޮށް ކުށްވެރިކޮށްފައެވެ. އެމެރިކާ ބޭނުން ވަނީ ޗައިނާއަށް ހަމަލަ ދެވޭ ގޮތަށް ބަގްރާމް ބެސްގައި ތިބޭށެވެ. ޗައިނާއިން ބުނެފައި ވަނީ ސަރަހައްދީ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރުމަކީ ޗައިނާއިން ކުށްވެރިކުރާ ކަމެއް ކަމަށެވެ.
ޓްރަމްޕް ބުނަނީ ޗައިނާގެ ނިއުކްލިއަރ ފެސިލިޓީތަކާ ކައިރީގައި މި އެއަރބޭސް އޮތުމަކީ އެމރިކާއަށް ސްތްރެޓެޖިކް ގޮތުން މުހިންމުކަމެއް ކަމަށެވެ. ނަމަވެސް، ޠާލިބާނުންގެ އިންޓެލިޖެންސް ޑައިރެކްޓަރޭޓްގެ ޑެޕިއުޓީ ޑައިރެކްޓަރު ތާޖް މީރު ޖަވާދު ވިދާޅުވެފައިވަނީ އެއަރބޭސް އަތުލަން މަސައްކަތްކޮށްފިނަމަ އަފްޣާނިސްތާނުން ހަރުކަށި ދިފާއީ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.






