ޖަރުމަނުވިލާތުން އިންޑިއާގެ ހުނަރުވެރިންނަށް ހޫނު މަރުހަބާއެއް

އެމެރިކާއިން ހުނަރުވެރިންނަށް ދޫކުރާ އެޗް-1ބީ ވިސާ ޕްރޮގްރާމަށް ގެނައި ބޮޑެތި ބަދަލުތަކާ ގުޅިގެން އިންޑިއާގެ ހުނަރުވެރިންގެ ވިސާއަށް ހުރަސް އެޅުމުން، ޖާމަނުވިލާތުން ވަނީ އިންޑިއާގެ ހުނަރުވެރި ޕްރޮފެޝަނަލުންނަށް ހޫނު މަރުހަބާއެއް ކިޔާކަމަށް ބުނެފައެވެ. ޖަރުމަންވިލާތުްނ ބުނެފައި ވަނީ އެ ޤައުމަކީ ދުނިޔޭގެ ހުނަރުވެރިންނަށް ރައްކާތެރި އަދި ފައިދާހުރި މަންޒިލެއްގެ ގޮތުގައި ސިފަކޮށްދީފައެވެ.

އިންޑިއާގައި ހުންނަވާ ޖަރުނު ސަފީރު ޑރ. ފިލިޕް އެކަރމަން ވަނީ އިންޑިއާ ހުނަރުވެރިންނަށް މަރުޙަބާ ކިޔާކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ. "މިއީ އިންޑިއާގެ ހުރިހާ ހުނަރުވެރިންނަށް އަޅުގަނޑުމެން ގޮވާލާ ގޮވާލުމެކެވެ. ޖަރުމަނުވިލާތަކީ ދެމެހެއްޓެނިވި އިމިގްރޭޝަން ސިޔާސަތުތަކެއް ގެންގުޅޭ، އައިޓީ، މެނޭޖްމަންޓް، ސައިންސް އަދި ޓެކްނޮލޮޖީގެ ދާއިރާތަކުން އިންޑިއާ ގެ ހުނަރުވެރިންނަށް ރަނގަޅު ވަޒީފާގެ ފުރުސަތުތައް ލިބެން ހުރި ޤައުމެކެވެ،" އެކަރމަން ވިދާޅުވިއެވެ.

އެމެރިކާއިން އެޗް-1ބީ ވިސާގެ ފީ މިހާރު ވަނީ 100،000 ޑޮލަރަށް ބޮޑުކުރުމަށް ނިންމާފައެވެ. އަދި ކުއްލިއަކަށް ކުރުމުއްދަތެއްގެ ތެރޭގައި ޓްރަމްޕްގެ އައު ސިޔާސަތަށް އަމަލު ކުރަން އެމެރިކާއިން ނިންމުމުން ޗުއްޓީއަށް އެމެރިކާއިން ބޭރުގައި ތިބި ހުނަރުވެރިން އަވަހަށް އެމެރިކާއަށް ވަންނަން އުޅުމުން އެމެރިކާ މީހުން ވަނީ އެއްބަސް ކިޔާފައި އެއާލައިންގެ ސީޓްތައް ބުކުކޮށް ޓިކެޓް އަގު ބޮޑުވާ ގޮތް ހަދާފައެވެ.

މިހާރުވެސް ޖަރުމަނުވިލާތުގައި އިންޑިއާގެ 130،000 ޕްރޮފެޝަނަލުން އެވްރެޖްކޮށް މަސައްކަތް ކުރެއެވެ. އަދި މުސާރައަށް މަހަކު 5،359 ޔޫރޯ ހޯދަމުންދެއެވެ. މިއީ ޖަރުމަންގެ މެދު މިނުގެ މުސާރަ ކަމުގައިވާ 3،945 ޔޫރޯއަށްވުރެ މަތީ އަދަދެކެވެ.

ޖަރުމަނުވިލާތުގެ އާބާދީއަކީ އުމުރުން ދުވަސްވަމުންދާ އާމާބީއެކެވެ. އަދި އެކަމުގެ ސަބަބުން އިޤްތިޞާދީ އުފެއްދުންތެރިކަމަށް ނުރައްކާވަމުން ދެއެވެ. ޖަރުމަންވިލާތުގައި 2040 ވަނަ އަހަރާ ހަމައަށް އަހަރަކު 288،000 މުހާޖިރުން ބޭނުންވާނެ ކަމަށް މާހިރުން ލަފާކުރެއެވެ. މިކަމަށް އަމާޒުކޮށް، 2025 ވަނަ އަހަރު ތެރޭގައި 200،000 ޕްރޮފެޝަނަލް ވިސާ ދޫކުރުމަށް ޖަރުމަން ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ތެރެއިން 90،000 ވިސާ އިންޑިއާ މީހުންނަށް ޚާއްޞަކޮށްފައި ވެއެވެ. މިއީ ކުރިން ކަނޑައެޅިފައިވާ 20،000 ގެ އަދަދަށްވުރެ ބޮޑު އިތުރުވުމެކެވެ.

ދުނިޔޭގެ އިމިގްރޭޝަން ސިޔާސަތުތައް ބަދަލުވަމުންދާއިރު، ޖަރުމަނުވިލާތުގެ އައު ހުޅުވާލެވިފައިވާ ސިޔާސަތުން އިންޑިއާގެ ހުނަރުވެރިންނަށް އާ އުއްމީދެއް ގެނެސްދޭނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!