އެމެރިކާއިން އީރާނުގެ ޑިޕްލޮމެޓުންނަށް ހުރަސް އަޅާކަމަށް ބުނެފި

އީރާނުގެ ޑިޕްލޮމެޓުންނަށް އެމެރިކާއިން ތަޢާރަފުކޮށްފައިވާ އައު ނެއްގާނި ސިޔާސަތުގެ ސަބަބުން އދ. އަށް އެމެރިކާއިން ފުރިހަމަ ކުރަން ޖެހޭ ގާނޫނީ އިލްތިޒާމުތަކުގެ ޒިންމާތަކާ ފުށުއަރާ  ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަގާއީ ވިދާޅުވި ގޮތުގައި، ނިއުޔޯކުގައި ތިބޭ އީރާނުގެ ޑިޕްލޮމެޓުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް އެމެރިކާއިން ގެންދަނީ ހުރަސްތައް އަޅަމުންނެވެ. އެމެރިކާގެ މި ނޭއްގާނި ސިޔާސަތުގެ މަޤްޞަދަކީ އދ. ގައި އީރާނުގެ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ހުރަސްއެޅުން ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.

އެމެރިކާއިން ކަނޑައަޅާފައިވާ ޖިއޮގްރަފިކް ސަރަހައްދުން ބޭރުގައި ބޭއްވުނު އެތައް ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި ބައިވެރިވުމަށް އީރާނަށް ހުރަސްއެޅިފައިވާ ކަމަށް ވެސް ބަގާއީ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އީރާނުގެ ޑިޕްލޮމެޓުންގެ ދަތުރުފަތުރާއި ދުވަހުން ދުވަހަށް ކުރަންޖެހޭ ޝޮޕިންގ ފަދަ ކަންކަމަށް ވެސް "ބޭއަދަބީ" ގޮތްގޮތަށް ހުރަސްތައް އަޅައި ކުރިމަތި ކުރާ ހިފެހެއްޓުންތަކަކީ އެމެރިކާގެ ހޯސްޓް ކަންޓްރީ އެގްރީމެންޓާ ޚިލާފު ކަމެއް ކަމަށާއި، އެމެރިކާގެ އިދާރާތަކުން އީރާނާ މެދު ގެންގުޅޭ އުދުވާނީ ނެއްގާނީ ސިޔާސަތު އައު ފެންވަރެއްގައި ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން، އެމެރިކާއިން ވަނީ ނިއުޔޯކުގައި ތިބޭ އީރާނުގެ ޑިޕްލޮމެޓުންނަށް ބައެއް ފިހާރަތަކުން ވިޔަފާރި ކުރުމާއި އަދި އެމެރިކާގެ ޚާރިޖީ ވުޒާރާގެ ހުއްދައެއް ނެތި ލަގްޒަރީ މުދާ ގަތުން މަނާކޮށްފައެވެ.

އަދި އީރާނުގެ ރައީސް މަސްޢޫދު ބަޒްޝަކިއަން ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި، އެ މަނިކުފާނުގެ މީޑިއާ ޓީމާއި ނޫސްވެރިންގެ އޮފީހުގެ ގިނަ މެންބަރުންނަށް ވީޒާ ދޫކުރަން ވެސް އެމެރިކާގެ ޓްރަމްޕްގެ އުދުވާނީ ސަރުކާރުން ވަނީ މަނާކޮށްފައެވެ. ފާރްސް ނިއުސް އެޖެންސީގެ ރިޕޯޓުގައިވާ ގޮތުން، ވިސާ ދީފައި ވަނީ އީރާނުގެ ރިޔާސީ ޕަބްލިކް ރިލޭޝަންސްގެ ޑިރެކްޓަރ ޖެނެރަލް އާއި ނައިބު ޑިރެކްޓަރ ޖެނެރަލްއަށް އެކަންޏެވެ.

ހިއްސާ ކުރައްވާ!