މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިންޑިއާގެ ޤައުމީ އެކްޝަން ޕްލޭނަކީ މިސާލެއް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ދުނިޔެ ކުރިމަތިލަމުންދާއިރު، އިންޑިއާގެ ނެޝަނަލް އެކްޝަން ޕްލޭން އޮން ކްލައިމެޓް ޗޭންޖް (އެންއޭޕީސީސީ) ވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އައު އުއްމީދެއްގެ ގޮތުގައި ދައްކާފައެވެ.

2008 ވަނަ އަހަރު ތަޢާރަފުކޮށް، މިދިޔަ އަހަރުތަކުގެ ތެރޭގައި ފުޅާކުރަމުން ގެންގޮސްފައިވާ މި ޕްލޭނަކީ ތިމާވެށި ރައްކާތެރިކުރުމާއި އިޤްތިޞާދީ ކުރިއެރުން ހިމަނައިލައިގެން ކުރިއަށް ގެންދާ މަސައްކަތްތަކެއްގެ ނަމޫނާއެކެވެ.

މި ޕްލޭންގެ މައިގަނޑު އަސާސްގެ ގޮތުގައި ހިމެނެނީ ޤައުމީ ފެންވަރުގެ 8 މިޝަނެކެވެ. އެއީ އިރުގެ ހަކަތަ، ހަކަތައިގެ ޚަރަދު ކުޑަކުރުން، ދެމެހެއްޓެނިވި ދަނޑުވެރިކަން، ފެން ރައްކާތެރިކުރުން، ދިރިއުޅުމުގެ ވެށި ފަރުމާކުރުން، ގަސްގަހާގެހި އިންދުން، ހިމާލަޔަން ނިޒާމު ރައްކާތެރިކުރުން އަދި މޫސުމާ ގުޅޭ ސްޓްރެޓެޖިކް މަޢުލޫމާތު ހޯދުމެވެ. މި މިޝަންތައް މިހާރު ވަނީ ގިނަ ފަށަލަތަކެއް ހިމެނޭ ސްތްރެޓެޖިކް އަސާސްތަކަކަށް ބަދަލުވެ، ސްޓޭޓް ފެންވަރުގެ އެކްޝަން ޕްލޭންތަކާއި ވަކިވަކި ދާއިރާތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްތައް ހިމެނޭ ގޮތަށް ފުޅާވެގެން ގޮސްފައެވެ.

މި ޕްލޭންގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި އިންޑިއާގެ ނެޝަނަލް ސޯލާ މިޝަން ހިމެނެއެވެ. 2025 ގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، އިންޑިއާގައި 82 ގިގަވޮޓަށްވުރެ ގިނައިން  އިރުގެ ހަކަތައިގެ ނިޒާމުން ހަކަތަ އުފެއްދުން އިތުރުކޮށް ރާޖަސްތާން، ގުޖުރާތު އަދި ކަރުނާޓަކާގައި ބޮޑެތި ސޯލާ ޕާކުތައް ޤާއިމުކޮށްފައި ވެއެވެ. އަދި ގޭބިސީތަކަށާއި އިޤްތިޞާދީ މަސައްކަތްތަކަށް ބޭނުންވާ ކަރަންޓު އެތަންތަނުން އުފައްދަން ފަށާފައި ވެއެވެ.

އިންޑިއާގެ ހަކަތައިގެ ޚަރަދު ކުޑަކުރުމުގެ މަސައްކަތްތަކަށްވެސް ވަނީ ބައިނަލްއަޤްވާމީ ތަޢުރީފު ލިބިފައެވެ. ޕަރފޯމް، އެޗީވް އެންޑް ޓްރޭޑް (ޕީއޭޓީ) ސްކީމްގެ ދަށުން ސިނާޢީ ދާއިރާތަކުން ހަކަތަ ސަލާމަތްކުރުމުގެ އަމާޒުތައް ހާސިލުކުރުމަށް ހިތްވަރުދެވި، އުޖާލާ އިނީޝިއޭޓިވްގެ ދަށުން 370 މިލިއަނަށް ވުރެ ގިނަ އެލްއީޑީ ބޮކި ވަނީ ޤައުމުގެ އެކި ކަންކޮޅުތަކަށް ބަހާފައިވެއެވެ.

ދަނޑުވެރިކަމުގެ ދާއިރާގައި މޫސުމީ ގޮން ޖެހުންތަކާ ކުރިމަތިލެވޭ ގޮތަށް ދަނޑުވެރިކަން ކުރުމާއި އޯގަނިކް ދަނޑުވެރިކަމަށް ސަމާލުކަން ދިނުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވި، ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރެވިފައިވެއެވެ. އަދި ގްރީން އިންޑިއާ މިޝަންގެ ދަށުން އިންޑިއާގެ ބިމުގެ 25 އިންސައްތައަށް ވުރެ ބޮޑު ސަރަހައްދެއްގައި އަލަށް ގަސްގަހާގެހި އިންދާ ފެހި ކުރުމަށް މަސައްކަތް ކުރެވިފައި ވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިންޑިއާގެ ލީޑަރޝިޕް ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ފާހަގަކުރެވިފައެވެ. އަދި ޕެރިސް އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައިވާ އަމާޒުތައް ވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ހާސިލުކުރެވޭ ގޮތް މެދުވެރިވެފައެވެ. މިގޮތުން ތިމާވެށި ރައްކާތެރިކުރުމާއި އިޤްތިޞާދީ ކުރިއެރުން އެއްކޮށް ގެންދެވިދާނެކަން އިންޑިއާއިން ވަނީ ސާބިތުކޮށްދީފައެވެ.

ހިއްސާ ކުރައްވާ!