އިންޑިއާގެ ފޮރިން މިނިސްޓަރު އެސް. ޖަޔަޝަންކަރު ވަނީ ނިއުޔޯކުގައި ބޭއްވި ދެވަނަ އެލް69-ސީ10 ޖޮއިންޓް މިނިސްޓީރިއަލް ބައްދަލުވުމުގައި، އދ. ގެ ސެކިއުރިޓީ ކައުންސިލް އެއްކޮށް އިސްލާހު ކުރުމަށް ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކުގެ މެންބަރުންނާއެކު ގޮވާލައްވާފައެވެ.
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގެ ހަވާސާގައި ބެއްވި މަތީ ފެންވަރުގެ ބައްދަލުވުމުގައި ލެޓިން އެމެރިކާ، އެފްރިކާ، އޭޝިއާ އަދި ކެރިބިއަން ސަރަހައްދުގެ ފޮރިން މިނިސްޓަރުން ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން ޖަޔަޝަންކަރު ވަނީ ބްރެޒިލް، ސްރީލަންކާ، ޑެންމާކް، ލެސޯތޯ، ސުރިނާމް އަދި ނެދަލޭންޑްސްގެ އޮފިޝަލުންނާ ވަކިވަކިން ބައްދަލުކުރައްވާފައެވެ.
"މިހާރު ދުނިޔެއަށް މިވަނީ ވަރަށް ހާސްކަން ބޮޑު ދުވަސްވަރެއް ކުރމަތި ވެފައި،" ޖަޔަޝަންކަރު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކޮވިޑް-19 ބަލިމަޑުކަމުގެ އަސަރުތަކާއި، ޔުކްރެއިން އަދި ގާޒާގެ ހަނގުރާމައާއި، މޫސުމީ ބަދަލުތަކާއި، އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
އެލް69 އަދި ސީ10 ގްރޫޕްތަކުގައި ހިމެނޭ ތަރައްގީވަމުން އަންނަ ގައުމުތަކުން ވަނީ މިހާރުގެ ބައިނަލްއަގްވާމީ ހާލަތަށް ރިއާޔަތްކޮށް، ސެކިއުރިޓީ ކައުންސިލްގައި ހުރިހާ ގައުމުތަކެއްގެ ތަމްސީލު ވުން އިތުރުކުރުމަށް ގޮވާލާފައެވެ.
އދ. އަށް 80 އަހަރު ފުރޭ މި މުނާސަބާ ގައި ދުނިޔޭގެ ދެކުނުގެ ގައުމުތަކުން އިސްލާހަށް ގޮވާލާ އަޑު އިތުރުވަމުންދާއިރު، އިންޑިއާއިން ވަނީ ސްޓްރެޓިޖިކް ގުޅުންތަކާއި ޑިޕްލޮމެޓިކް ބާރުގެ ބޭނުންކޮށްގެން މި މަސައްކަތުގެ އިސް ސަފުގައި ހަރަކާތްތެރިވާން ފަށާފައެވެ.



