ބޯޑަރު ހުރަސްކޮށް ކުރެވޭ ޑިޖިޓަލް ޕޭމަންޓްތައް ފަސޭހަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުން، އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) މިހާރު ވަނީ ޤަތަރުގައި ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ. މި ޚިދުމަތް އެންމެ ފުރަތަމަ ތަޢާރަފުކޮށްފައިވަނީ ޤަތަރުގެ ޑިއުޓީ ފްރީގައެވެ.
މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާއި ޤަތަރު ނޭޝަނަލް ބޭންކް (ކިއުއެންބީ) ގުޅިގެންނެވެ. މި ޚިދުމަތުގައި ނެޓްސްޓާރސްގެ ޕޭމަންޓް ސޮލިއުޝަން ބޭނުންކޮށްގެން، ޤަތަރުގެ އެކި ހިސާބުތަކުގައި ހުންނަ ޕޮއިންޓް އޮފް ސޭލް ޓާމިނަލްތަކުގައި ކިއުއާރު ކޯޑް މެދުވެރިކޮށް އިންޑިއާގެ ޔޫޕީއައި މެދުވެރިކޮށް މުޢާމަލާތްތައް ކުރެވޭނެއެވެ.
މި ޚިދުމަތް ތަޢާރަފުކުރުމާ ގުޅިގެން އެންޕީސީއައި އިން ބުނީ، "މިއީ ޔޫޕީއައިގެ ބައިނަލްއަޤްވާމީ ހާޒިރީ ފުޅާކޮށް، އިންޑިއާގެ ފަތުރުވެރިންގެ ދަތުރުފަތުރު ފަސޭހަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް" ކަމަށެވެ.
މި ޚިދުމަތް ތަޢާރަފުކުރުމުން، އިންޑިއާގެ ފަތުރުވެރިންނަށް ޤަތަރުގެ މުހިންމު ފަތުރުވެރި މަންޒިލުތަކާއި ވިޔަފާރި މަރުކަޒުތަކުގައި ފަސޭހަކަމާއެކު ފައިސާ ނުލައި ފޯނުން މުޢާމަލާތްތައް ކުރެވޭނެއެވެ. މިއީ އިންޑިއާއިން އެ ޤައުމުގެ ޑިޖިޓަލް ޕޭމަންޓް އިންފްރާސްޓްރަކްޗަރ ބައިނަލްއަޤްވާމީ ފެންވަރަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު ފިޔަވަޅެކެވެ. މީގެ ކުރިން ޔޫއޭއީ، ސިންގަޕޫރު އަދި ފްރާންސްގައިވެސް މި ޚިދުމަތް ވަނީ ތަޢާރަފުކޮށްފައެވެ.





