އިންޑިއާ އިން ވަނީ އޮމާނާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) އެކުލަވާލައި ސޮއިކުރުމަށް ތައްޔާރުވެފައެވެ. މިއީ ގަލްފު ސަރަހައްދުގައި އިންޑިއާގެ އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ. މިއީ ޔޫއޭއީއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށްފަހު ގަލްފު ގައުމަކާއެކު އިންޑިއާ އެކުލަވާލާ ދެވަނަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެވެ.
ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުން، ނިމިދިޔަ މާލީ އަހަރުގައި އިންޑިއާ އާއި އޮމާނާ ދެމެދު ކުރެވުނު ވިޔަފާރީގެ އަގު 10.61 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 18.6 ޕަސެންޓުގެ ކުރިއެރުމެކެވެ. އެމެރިކާއިން އިންޑިއާގެ މުދަލަށް ނަގާ ޓެރިފްތައް މަތިވަމުން ދާއިރު، އިންޑިއާގެ އެކްސްޕޯޓަރުން ދަނީ އައު ބާޒާރުތަކަށް އަމާޒުކުރަމުން ނެވެ. މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރީގެ ދައުރު އިތުރަށް ފުޅާވެގެން ދާނެކަމަށް ބެލެވެއެވެ.
މި އެއްބަސްވުމުގެ ސަބަބުން އައު ދާއިރާތަކުގައި ފުރުސަތުތައް ހުޅުވި، އާންމުކޮށް އެކްސްޕޯޓު ކުރާ ބާޒާރުތަކަށް ބަރޯސާވާ މިންވަރު ކުޑަވެ، ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ސަރަހައްދުގައި އިންޑިއާގެ ސްޓްރެޓެޖިކް ހާޒިރީ ވަރުގަދަވެގެންދާނެކަމަށް ބެލެވެއެވެ. އޮމާނާއެކު ސޮއިކުރާ މި އެއްބަސްވުމަކީ ގަލްފްގެ އެހެން ގައުމުތަކާއެކުވެސް މިފަދަ އެއްބަސްވުންތައް ހެދުމުގެ މަގު ތަނަވަސްވެ، ހަކަތައާއި، އިންފްރާސްޓްރަކްޗަރ އަދި ޓެކްނޮލޮޖީގެ ދާއިރާއިން އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ ކަމެއްކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
މި މަޝްވަރާތައް ނިމުމަކާ ހަމައަށް އައިސްފައިވާ އިރު، އިންޑިއާ އާއި އޮމާނުގެ ވިޔަފާރީގެ ވެށި އައު ސިފައަކަށް ބަދަލުވެގެން ދާނެ އެވެ. އެގޮތުން ޓެރިފް ކުޑަވެގެން ދިއުމާއި، ބާޒާރަށް ވަނުމުގެ ފުރުސަތުތަކާއި، ޤަވާއިދުތައް އެއްގޮތްކުރުމާ ގުޅޭ ތަފްސީލުތަކަށް އެކި ސިނާއަތްތަކުގެ ފަރާތްތަކުން ދަނީ ބަލަމުންނެވެ.




