އިންޑިއާ އާއި ފިލިޕީންސްގެ ގުޅުން އިތުރަށް ވަރުގަދަވަމުންދާ ކަމަށާއި، ދެ ގައުމުގެ ދެމެދުގައި ދިފާއީ ގުޅުމާއި އަދި އިންޑޯ-ޕެސިފިކް ސަރަހައްދުގެ ލަނޑުދަނޑިތަކުގައި އެއްބާރުލުން އިތުރުވަމުންދާ ކަމަށް ފިލިޕީންސްގެ ފޮރިން އެފެއާޒް ސެކްރެޓަރީ މާ. ތެރެސާ ޕީ. ލަޒާރޯ ވިދާޅުވެއެވެ. ނިއުޔޯކުގައި ބޭއްވުނު މަތީ ފެންވަރުގެ ބައްދަލުވުންތަކުގެ ހަވާސާގައި ވާހަކަދައްކަވަމުން ލަޒާރޯ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ދިފާއީ ގުޅުން ކުރީއްސުރެ އޮތް ކަމަށާއި، ފަހަކަށް އައިސް ވެފައިވާ އެއްބަސްވުންތަކުން އެ ގުޅުން އިތުރަށް ހަރުދަނާވެ، ފުޅާވެގެންދާ ކަމަށެވެ.
ފިލިޕީންސްގެ ރައީސް ފަރްޑިނަންޑް މާކޯސް ޖޫނިއަރ ވަނީ އޯގަސްޓް މަހު އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. މިއީ މާކޯސް ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ފަސްޓް ލޭޑީ ލުއިސް އަރަނޭޓާ މާކޯސް އަދި އިސް ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މި ދަތުރުފުޅަކީ ދެ ގައުމުގެ ސިޔާސީ ގުޅުން ގާއިމުކުރި ތާ 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރެއްވި ދަތުރުފުޅެކެވެ.
ލަޒަރޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އިންޑިއާ އާއި ފިލިޕީންސްގެ ގުޅުން ވަރުގަދަވުމަކީ ސަރަހައްދީ ހަމަޖެހުމަށް ލިބޭ ބާރަކަށް ވާނެއެވެ. "އަޅުގަނޑުމެންގެ ގުޅުމަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި އަޅުގަނޑުމެން ގެންގުޅޭ އުސޫލުތައް ވަރުގަދަކުރުމަށް މަގުފަހިވާނެ ކަމެއް" އޭނާ ވިދާޅުވިއެވެ.
ދެކުނު ޗައިނާ ކަނޑުގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ލަޒަރޯ ވިދާޅުވީ އެއީ އުނދަގޫ މައްސަލައެއް ކަމަށެވެ. ނަމަވެސް، ސުލްހަވެރި ގޮތެއްގައި އެކަން ހައްލުކުރުމަށް ފިލިޕީންސާއި ޗައިނާއިން މަސައްކަތްކުރާ ކަމަށެވެ. "އަމަން އަމާންކަން ގާއިމުކުރުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުން އެބަދޭ" އޭނާ ވިދާޅުވިއެވެ.
އިންޑިއާ އާއި ފިލިޕީންސްގެ ޑިޕްލޮމެޓިކް ގުޅުން 1949 އިން ފެށިގެން ދެމިއޮތް އިރު، ވިޔަފާރި، ދަނޑުވެރިކަން، ސިއްހީ ދާއިރާ، ކަނޑުގެ ސަލާމަތް އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާތަކުން އެއްބާރުލުން އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މި ގުޅުން އިތުރަށް ބަދަހިވެފައިވަނީ އިންޑިއާގެ "އެކްޓް އީސްޓް ޕޮލިސީ" އަދި "ވިޝަން މަހާސާގަރު" އާއި އާސިއާންގެ ގުޅުމުގެ އޮނިގަނޑުގެ ތެރެއިންނެވެ.




