ގެއްލުމުން ސަލާމަތްވުމަށް ސްޓާބަކްސްއިން 1 ބިލިއަން ޑޮލަރު ހޭދަ ކުރަނީ

ދުނިޔޭގެ އެންމެ ބޮޑު ކޮފީ ޗެއިން ކުންފުނި ސްޓާބަކްސްއިން އެ ކުންފުނީގެ އުތުރު އެމެރިކާގެ ހިންގުން ހަރުދަނާކުރުމަށް 1 ބިލިއަން ޑޮލަރުގެ ރީސްޓްރަކްޗަރިންގ ޕްލޭނެއް އިއުލާނުކޮށްފިއެވެ. މި ޕްލޭންގެ ދަށުން ރަނގަޅަށް ނުހިނގާ ފިހާރަތައް ބަންދުކޮށް، 900 އެއްހާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ވަނީ ނިންމާފައެވެ.

ޔޫ.އެސް ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަނަށް ހުށަހެޅި ބަޔާނެއްގައި، ވިޔަފާރީގެ މާޙައުލާއި މާލީ ފެންވަރު ދަށް ފިހާރަތައް މި މާލީ އަހަރު ނިމުމުގެ ކުރިން ބަންދުކުރާނެކަމަށް ސްޓާބަކްސްއިން ބުނެފައިވެއެވެ. މިއީ ކުންފުނީގެ "ބެކް ޓު ސްޓާބަކްސް" ސްޓްރެޓެޖީގެ ބައެއްގެ ގޮތުގައި ކަސްޓަމަރުންނަށް ދެވޭ ޚިދުމަތް ރަނގަޅުކޮށް، ހިންގުން ހަރުދަނާކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ބުނެފައި ވެއެވެ.

ޔަހޫދީ ހޮލޮކޯސްޓަށް ސްޓާބަކްސްއިން ސަޕޯޓު ކުރުމުން ދުނިޔޭގެ އެތައް ހިސާބއެއްގައި ސްޓާބަކްސްގެ ވިޔަފާރިއަށް ހީނަރުކަމާކުރިމަތިލާން ޖެހިފައި ވެއެވެ.

ސްޓާބަކްސްގެ ސީއީއޯ ލަކްޝްމަން ނަރަސިމްހަން މުވައްޒަފުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ "އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ޕާޓްނަރުން އެދޭ ފެންވަރުގެ މާޙައުލެއް ޤާއިމްކުރެވެން ނެތް، އަދި މާލީ ގޮތުން ކުރިއެރުމެއް ނުފެންނަ ފިހާރަތައް ފާހަގަ ކޮށް، އެ ތަންތަން ބަންދުކުރެވޭނެ" ކަމަށެވެ.

މި ރީސްޓްރަކްޗަރިންގގެ 90 އިންސައްތަ ޚަރަދު ހިނގާނީ އުތުރު އެމެރިކާގައެވެ. މީގެ ތެރޭގައި މުވައްޒަފުންގެ ވަކިވުމުގެ އިނާޔަތަށް 150 މިލިއަން ޑޮލަރަށް އަރާނެއެވެ. އަދި، މުދާތަކށް ބަދަލު ދިނުމަށް 400 މިލިއަން ޑޮލަރު، އަދި ކުއްޔާ ގުޅޭ ޚަރަދުތަކަށް 450 މިލިއަން ޑޮލަރު ހޭދަފަވާނެއެވެ.

މުވައްޒަފުންނާއި އާންމުންގެ ރުހުން ހޯދުމަށްޓަކައި ކުންފުނިން އުތުރު އެމެރިކާގައި އެކުންފުނިން މުސާރަ ދޭ އެންމެހާ މުވައްޒަފުންނަށް 2 އިންސައްތައިގެ މުސާރައިގެ ކުރިއެރުމެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ހިއްސާ ކުރައްވާ!