ޓްރަމްޕްގެ އޮޅުވާލުމަށް މުސްލިމު ލީޑަރުން ދީލާލުމުން އުންމަތުގެ ނުރުހުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އދ. ގެ އާންމު މަޖިލީހުގައި ހުށަހެޅި ޣައްޒާގެ ސުލްހައިގެ ޕްލޭނަށް މުސްލިމު ލީޑަރުން ތާއީދު ކުރުމާ ގުޅިގެން އިސްލާމީ އުންމަތުގެ ތެރޭގައި ލީޑަރުންނަށް ފާޑު ކިޔުން އިތުރު ވެއްޖެއެވެ. ޓްރަމްޕްގެ މި ޕްލޭންގެ 20 ނުކުތާއަކީ އިސްރާއީލަަށް ރައްދުވަމުންދާ ދުނިޔޭގެ ބަދުނާމީން ސަލާމަތް ކުރުމުގެ ޕްލޭނެކެވެ. ޓްރަމްޕްގެ ޕްލޭންގައި ހަމާސްގެ ހަތިޔާރު އަތުލުމަށާއި އިސްރާއީލުން މަރުހަލާތަކަކަށް ބަހާލައިގެން ޣައްޒާއިން ސިފައިން މަދުކުރުމާއި އެމެރިކާ އިން އައްޔަން ކުރާ ފަރާތަކުން ރިޔާސަތު ބަލަހައްޓާ ސުލްހައިގެ މަޖިލީހެއް އެކުލަވާލައިގެން އެ މަޖިލީހުން ޣައްޒާ ހިންގުން ހިމެނެއެވެ. މި މަޖިލީހުގެ އިސްވެރިއަކަށް އެމެރިކާއިން އައްޔަން ކުރަން ބޭނުން ވަނީ، އޮޅުވާލައިގެން އިރާގް އިސްތިއުމާރުކޮށް އެގައުމު ސުންނާފަތިކޮށްލުމަށް އެހީތެރިވި އިނގިރޭސި މުޖުރިމު ޓޯނީ ބްލެޔަރ އެވެ.

ތުރުކީ ލީޑަރު އެރުދުޣާނާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި އަރަބި ގައުމުތަކުގެ ބައެއް ވެރިން ވަނީ ޓްރަމްޕްގެ ޣަދަރުވެރި ޕްލޭނަށް ތާއީދުކޮށް، ޓްރަމްޕްގެ "ލީޑަރޝިޕް" އަށް ތަޢުރީފުކޮށްފައެވެ.

ގައްޒާގެ ނަސްލު ސާފުކޮށްލުމަށް ފާޅުގައި ހިތްވަރުދީފައިވާ ޓްރަމްޕަކީ ޕާކިސްތާނުން ނޯބެލްގެ ސުލްހައިގެ އިނާމަށް ނަން ހުށަހަޅާފައިވާ މީހެކެވެ. ޗައިނާއާއެކު ގާތް އަސްކަރީ ގުޅުމެއް ޙިއްސާ ކުރާ ޕާކިސްތާނުން ކުއްލި ގޮތަކަށް ޓްރަމްޕު ދެކެ މާބޮޑަށް ލޯބިވުމުން ޕާކިސްތާނާ މެދު ޗައިނާއިން ނުތަނަސްކަމެއް އިޙުސާސް ކޮށްފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

ޓްރަމްޕގެ ޣައްޒާ ހިފުމަށް ހުށަހަޅާ ހުށަހެޅުމަކީ ޣަދަރުވެރި ހުށަހެޅުމެއް ކަމަށް މުސްލިމުންގެ އާންމުން ދެކެއެވެ. އެހެންވެ، މުސްލިމ،ު ލީޑަރުންނަކީ "އުންމަތަށް ޣައްދާރުވި" ބައެއްގެ ގޮތުގައި ސިފަކޮށްފައިޥާ ކަމަށް ވެސް ރިޕޯޓުކޮށްފައި ވެއެވެ.

ސޯޝަލް މީޑިއާގައި ޕާކިސްތާނުގެ ލީޑަރުން އިސްރާއީލުގެ ދިދައާއެކު ފެންނަ މަބު ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯތައް ވަނީ ވައިރަލްވެ ފައެވެ. އަދި #MuslimUmmah ފަދަ ހޭޝްޓެގްތައް ދަނީ ޓްރެންޑް ވަމުންނެވެ.

ހަމާސްއިން ވަނީ ޓްރަމްޕްގެ ޣަދަރުވެރި ޕްލޭނަށް އިސްލާހުތަކެއް ހުށަހަޅާފައެވެ. ނަމަވެސް ބައެއް ގައުމުތަކުން ދަނީ މި ޕްލޭން ގަބޫލު ކުރުމަށް ބާރުއަޅައި ހަމާސްއަށް ފިއްތުންތައް ފިއްތަމުންނެވެ.

ޕާކިސްތާންގައި އާންމުންގެ މެދުގައި މި ޕްލޭނާ މެދު ނުރުހުން ފާޅު ކުރަން ފެށުމުން ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގު ދާރް ވަނީ މި ޕްލޭނާ ދުރަށްޖެހި، މިއީ އެމެރިކާގެ އިސްނެގުމެއް ކަމަށް ވިދާޅުވެފައެވެެ. އަދި ޓްރަމްޕާއި ނެތަންޔާހޫ ވަނީ މުސްލިމު ލީޑަރުންގެ ރުހުން އެމީހުންގެ ޕްލޭނަށް ލިބުމުން ފަހުން ބަދަލުތައް ގެނަސްފައި ކަމަށްވެސް ޕާކިސްތާނު ލީޑަރުން ބުނެއެވެ.

ހިއްސާ ކުރައްވާ!