ބޮލީވުޑްގެ ލެޖެންޑް ޝާހް ރުޚް ޚާން ވަނީ ފުރަތަމަ ފަހަރަށް ބިލިއަނަރުންގެ ލިސްޓުގައި ހިމެނޭ އިންޑިއާގެ ފިލްމީ ތަރިއަށް ވެފައެވެ. ހުރޫން އިންޑިއާ ރިޗް ލިސްޓް 2025 ގައި ހިމަނާފައިވާ މައުލޫމާތުން ދައްކާ ގޮތުގައި އޭނާގެ މުއްސަނދިކަން 150 މިލިއަން ޑޮލަރަށް އަރާކަމަށް ލަފާ ކުރެވެއެވެ. ޝާހް ރުޚްގެ މި ކާމިޔާބީގެ ފަހަތުގައި ވަނީ އޭނާގެ ރެޑް ޗިލީސް އެންޓަޓެއިންމަންޓް އަދި އައިޕީއެލް ފްރެންޗައިޒް ކޮލްކަތާ ނައިޓް ރައިޑާސް އެވެ. ދެ ކުންފުނީގެ އަގުވެސް ވަނީ އުފުލިފައެވެ.
އިންޑިއާގެ މަހުޖަނުންގެ ލިސްޓުގައި އެންމެ މަތީގައި ހިމަނާފައި ވަނީ ސިނާއީ ދާއިރާގެ އެންމެ ބޮޑު ނަން ކަމަށްވާ މުކޭޝް އަމްބާނީއެވެ. އޭނާގެ މުއްސަނދިކަން 11.48 ބިލިއަން ޑޮލަރަށް އަރައެވެ. ދެވަނައިގައި ހިމަނާފައި ވަނީ 9.79 ބިލިއަން ޑޮލަރުގެ މުއްސަނދި ކަމާއެކު ގައުތަމް އަދާނީއެވެ. އަދި އިންޑިއާގެ އެންމެ މުއްސަނދި އަންހެން ވިޔަފާރިވެރިޔާގެ ގޮތުގައި ހިމަނާފައި ވަނީ ރޮޝްނީ ނާދާރު މަލްހޮތްރާ އެވެ. އޭނާގެ މުއްސަނދިކަން ވަނީ 3.41 ބިލިއަން ޑޮލަރުގައެވެ. މިއީ 3 ވަނަ އެވެ.
މި ލިސްޓުގައި ހިމެނޭ އެންމެ ހަގު އުމުރުގެ ބިލިއަނަރުންގެ ތެރޭގައި ހިމެނެނީ އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި ޕަރްޕްލެކްސިޓީގެ ބާނީ އަރަވިންދް ސްރީނިވާސް (31އ) އެވެ. އޭނާގެ މުއްސަނދިކަން 254.6 މިލިއަން ޑޮލަރަށް އަރައެވެ. މީގެ އިތުރުން ޒެޕްޓޯގެ ބާނީން ކަމުގައިވާ އާދިތް ޕަލީޗާ (23އ) އަދި ކައިވަލްޔާ ވޯހްރާ (22އ) ގެ މުއްސަނދިކަން ވަނީ 64.6 މިލިއަން ޑޮލަރު އަދި 53.8 މިލިއަން ޑޮލަރުގައެވެ.




