ހައިޑްރޯގްރަފީ: އިންޑިއާގެ ކަނޑުގެ ސަރަހައްދުން މައުދަން ނެގުމަށް އިންޑިއާއަށް ހުއްދަ ދީފި

އިންޑިއާ ކަނޑުގެ ސަރަހައްދުން ނާދިރު މައުދަންތައް ނެގުމަށް އިންޑިއާއިން ވަނީ އިންޓަނޭޝަނަލް ސީބެޑް އޮތޯރިޓީ (އައިއެސްއޭ) އާ އެކު މިދިޔަ ހަފްތާގައި ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. އިންޑިއާއިން މި މައުދަން ނެގުމަށް ހަމަޖެހިފައި ވަނީ ކާލްސްބާގް ރިޖް ސަރަހައްދުންނެވެ.

އިންޑިއާއިން ކަނޑުގެ އަޑިން ނަގާ މާއްދާއަކީ ޕޮލިމެޓަލިކް ސަލްފައިޑްސް (ޕީއެމްއެސް) އެވެ.  ޕޮލިމެޓަލިކް ސަލްފައިޑްސް އަކީ ރަނާއި ރިއްސާއި ލޮއެ ގެ މާއްދާއާއި ޒިންކް، އަދި ތިމަރަ ފަދަ ސްޓްރެޓެޖިކް އަދި ކްރިޓިކަލް މައުދަންތަކާއި މަދުން ނޫނީ ނުފެންނަ އަދި އަގުހުރި މާއްދާތަކެއް ހިމެނޭ އެއްޗެކެވެ.

މި އެއްބަސްވުމާއެކު އިންޑިއާ ވެގެން ގޮސްފައި ވަނީ ޕީއެމްއެސް ހޯދުމަށް އައިއެސްއޭ އާ އެކު ދެ ކޮންޓްރެކްޓް ހެދި ދުނިޔޭގެ ފުރަތަމަ ގައުމަށެވެ.

ކަނޑު އަޑިން ޕީއެމްއެސް ނެގުމުގެ މަސައްކަތް ކުރާނީ ގޯއާގައި ހުންނަ ނޭޝަނަލް ސެންޓަރ ފޯ ޕޯލާ އެންޑް އޯޝަން ރިސާޗް (އެންސީޕީއޯއާރު) އިން ނެވެ. މި މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ 2026 ވަނަ އަހަރު، އެވެ. އިންޑިއާއިން ނިންމާފައި ވަނީ ލައިސަންސް ލިބިފައިވާ ސަރަހައްދުގައި ޖިއޮފިޒިކަލް އަދި ހައިޑްރޯގްރަފިކް ސާވޭގެ މަސައްކަތް ކުރުމަށެވެ.

މިސަރަހައްދުން މައުދަން ނެގުމަށް އެދި އިންޑިއާއިން ހުއްދައަށް އެދި ހުށަހަޅާފައި ވަނީ 2024 ވަނަ އަހަރު އެވެ. އިންޑިއާގެ ހުށަހެޅުން ވަޒަން ކުރުމަށްފަހު، ކާލްސްބަރގް ރިޖްގައި 10،000 އަކަމީޓަރުގެ ސަރަހައްދެއް ކޮނުމަށް މިދިޔަ ހަފްތާގައި އައިއެސްއޭއިން ވަނީ އިންޑިއާއަށް ހުއްދަ ދޫކޮށްފައެވެ.

މި މައުދަންތަކަކީ އިންޑިއާގެ ބިމުގެ ސަރަހައްދުގައި މަދު އެއްޗެއްކަން ފާހަގަ ކުރެވެއެވެ. އެހެންވެ، މާކަނޑުގައި ޕީއެމްއެސް ހޯދުމަކީ އިންޑިއާއަށް މުހިންމު ކަމެކެވެ.

މި މައުދަންތަކަކީ މަތީ ފެންވަރުގެ ޓެކްނޮލޮޖީގެ ބޭނުންތަކާއި އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކާއި، ފެހި ޓެކްނޮލޮޖީތަކަށް ކޮންމެހެން ބޭނުންތެރި މާއްދާތަކެކެވެ. 2016 ވަނަ އަހަރު އައިއެސްއޭއާ އެކު ކޮންޓްރެކްޓްގައި ސޮއިކުރި ފަހުން އެންސީޕީއޯއާރު އިން އަންނަނީ އިންޑިއާ ކަނޑުގެ މެދުތެރެއާއި ހުޅަނގު ދެކުނުގެ ރިޖްތަކުގައި މައުދަން ހުރި ތޯ ބެލުމަށް ސާވޭތައް ކުރަމުންނެވެ.

މި މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ޑީޕް އޯޝަން މިޝަން ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އިންޑިއާއިން ވަނީ މާކަނަޑުގައި މައުދަން ނެގުމަށާއި ދިރާސާއަށް ބޭނުން ކުރާނެ އާ އުޅަނދުތަކާއި އޮޓޮނޮމިކް އަންޑަވޯޓާ ވެހިކަލްސް (އޭޔޫވީ) ފަދަ ޒަމާނީ ވަސީލަތްތައް ހޯދާފައެވެ. އިންޑިއާގެ ސަމުދްރަޔާން މިޝަނަށް ތަރައްގީ ކުރަމުން ދަނީ މާކނޑުގައި ބޭނުން ކުރާ އުޅަނދެއް ކަމަށްވާ މަޓްސިއާ އިން އިންޑިއާގެ ފުން ކަނޑުގެ މައުދަން ހޯދުމުގެ ގާބިލްކަމަށް އިތުރު ކުރުމާ އެކުގައެވެ.

އިންޑިއާއިން މައުދަން ނަގާ ސަރަހައްދު ކަމަށްވާ ކާލްސްބާގް ރިޖަކީ އިންޑިއާ ކަނޑުގައި ހިމެނޭ މެދު ތެރޭ ސަރަހައްދުގެ މުހިންމު ބައެކެވެ. މިއީ އިންޑިއާ ކަނޑުގައި ހިމެނޭ، އިންޑިއާ ޕްލޭޓާއި ސޯމާލީ ޕްލޭޓް މުޑިއެރުމުން ކަނޑުގެ އަޑީގައި އުފެދިފައިވާ ވާދީއެކެވެ.

ކާލްސްބާގް ރިޖް ފޭ ވެފައި ވަނީ މީގެ ގާތްގަނޑަކަށް 40 މިލިއަން އަހަރު ކުރިން ދުނިޔޭގެ ބައްރުތަކުގެ ޕްލޭޓްތަކަށް އައި ބޮޑު ބަދަލަކާ ގުޅިގެންކަމަށް ލަފާކުރެވެއެވެ. އަދި ކޮންމެ އަހަރަކުވެސް އެ ރިޖު ދަނީ  2.4 އިން 3.3 ސެންޓިމީޓަރުގެ މިންވަރަކުން ދުރު ވަމުން ފޭވަމުންނެވެ.

މި ރިޖަކީ ބިމުގެ އަޑިން ބޭރުކޮށްލާ ހޫނު ވައި ބޭރު ކުރުމަށް އޮތް މަގެކެވެ. އެފަދަ ތަންތަނަކީ މައުދަންތަކުން މުއްސަނދި ޕީއެމްއެސް ގިނަ އަދަދަކަށް އެކުލެވޭ ސަރަހައްދުތަކެއް ކަމަށް ބެލެވެއެވެ.

އިންޑިއާއިން ވަނީ ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި މި ނިޒާމުތަކާ ބެހޭ ސައިންޓިފިކް ދިރާސާތައް ކޮށްފައެވެ.

ކާލްސްބާގް ރިޖު އިންޑިއާއަށް މުހިންމު ވަނީ އިންޑިއާއާ ކައިރި ވުމުންނެވެ. ރާއްޖެއާއި މޮރިޝިއަސް ސަރަހައްދާ އިންވާ ހިސާބުގައި އޮންނަ އިންޑިއަން ރިޖް އަކީ އިންޑިއާ ދުރުގައި އޮންނަ ތަނެކެވެ.

މައުދަން ނަގުމަށް އިންޑިއާއަށް ހުއްދަ ދީފައިވާ އިދާރާ އައިއެސްއޭ އަކީ މިނިވަން ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ. މިއީ އދގެ ކަނޑުގެ ގާނޫނާ ބެހޭ މުއާހަދާ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގެ އޮނިގަނޑުގެ ދަށުން ބައިނަލްއަޤްވާމީ ކަނޑުތަކުގައި މައުދަނު ހޯދުމަށް ސަރަހައްދުތައް ކަނޑައަޅާ އިދާރާއެވެ.

ކޮންމެ ޤައުމަކަށްވެސް ނުވަތަ ގައުމެއްގެ ސަރުކާރަކުން ނުވަތަ ސަރުކާރުގެ އިދާރާއަކުން ނުވަތަ ސްޕޮންސަރކުރާ ފަރާތެއް މެދުވެރިކޮށް، ކަނޑު ކޮނުމަށް އައިއެސްއޭއަށް ހުށަހެޅުންތައް ހުށަހެޅިދާނެއެވެ.

އެފަދަ ހުށަހެޅުމެއް ހުށަހަޅާއިރު ދިރާސާކުރާނެ ސަރަހައްދަކާއި އެ ސަރަހައްދުގެ ތަފްސީލީ މަސައްކަތު ޕްލޭނަކާއި، ތިމާވެށީގެ އަސަރާ ބެހޭ އަސާސީ ދިރާސާތަކާއި، މާލީ އަދި ފަންނީ ޤާބިލުކަން ދައްކުވައިދޭ ލިޔެކިޔުންތައް ހުށަހަލަން ޖެހެއެވެ.

އެއަށްފަހު އައިއެސްއޭގެ ލީގަލް އެންޑް ޓެކްނިކަލް ކޮމިޝަން (އެލްޓީސީ) އިން  އެ ހުށަހެޅުންތައް ޤަވާއިދަށް ފެތޭތޯ ބަލައި ޝަރުތުތައް ފުރިހަމަވާނަމަ، ހުއްދަ ދިނުމަށް އައިއެސްއޭ ގެ ކައުންސިލަށް ހުށަހަޅާނެއެވެ.

ކަނޑު ކޮނުމަކީ އިންޑިއާ ސަރުކާރުގެ ނޫ އިގްތިސާދަށް މުހިންމު ކަމެއް ކަމުން އިންޑިއާއިން ދަނީ އިންޑިއާ ކަނޑުގައި އިތުރު ސަރަހައްދުތައްވެސް ހޯދައި ބަލަމުންނެވެ.

 

ހިއްސާ ކުރައްވާ!