ޗައިނާގެ ބޭސް އުފައްދާ ކުންފުނިތަކަށް އަމާޒުވާ އެމެރިކާގެ ފިޔަވަޅުތަކުގެ ނުރައްކާ އިތުރުވަނީ

ބޭރުގައި އުފައްދާ ބެސްތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަލަށް ތަޢާރަފުކުރި 100 ޕަސެންޓުގެ ޓެރިފުން ޗައިނާގެ ބޭސް އުފައްދާ ކުންފުނިތަކަށް ސަލާމަތްވެވުނު ނަމަވެސް، އެމެރިކާއިން ވަނީ އެމެރިކާގެ މާކެޓަށް ވަނުމަށް ބޭނުންވާ ހުއްދަ ދިނުން ހަރުކަށި ކޮށްފައެވެ.

ޗައިނާއިން އެކްސްޕޯޓްކުރާ ބޭސްތަކުގެ ގިނަ ބޭސްތަކަކީ ޖެނެރިކް ބޭސްތަކެވެ. އަދި އެއީ އެމެރިކާއިން ދޫކޮށްފައިވާ ލައިސަންސްގެ ދަށުން އުފައްދާ ބޭސްތަކަށްވުމުން ޗައިނާ ބޭސްތައް އެމެރިކާގެ ޓެރިފް އިން ސަލާމަތް ވެއެވެ. ނަމަވެސް، މި ސަލާމަތްވުމަކީ ވަގުތީ ކަމެއްކަމަށް މާހިރުން ވަނީ އިންޒާރުދީފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން ދަށަށްދާ ވަރަކަށް ޗައިނާގެ ބޭހާ މެދުވެސް އެމެރިކާއިން އައު ފިޔަވަޅުތައް އެޅުމަށް ވިސްނާމެ ކަމަށް އެފަރާތްތަކުން ދެކެއެވެ.

"ޗައިނާގެ ކުންފުނިތަކުން އެމެރިކާގެ ޕާޓްނަރުންނާއެކު ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދޭ. އެހެންނަމަވެސް މިހާރު އެ ކުންފުނިތައް ދެކެމުން ދަނީ ޗައިނާގެ އުފެއްދުމަކީ އެމީހުންގެ ވުޖޫދީ ނުރައްކަލެއްގެ ގޮތުގައި،" ސިއްޙީ ދާއިރާގެ ތަހުލީލީ ލިޔުންތައް ލިޔާ ކޮލަމިސްޓް ޖުލިއާނާ ލިއު އޭނާގެ ކޮލަމްގައި ބްލޫމްބާގްގައި ލިޔެފައި ވެއެވެ.

މި އިންޒާރު އައިސްފައިވަނީ ޗައިނާގެ އައު އީޖާދުތަކުގެ ގާބިލުކަމުން ދުނިޔޭގެ ވާދަވެރިން ހައިރާންކުރުވަމުންދާ ދަނޑިވަޅެއްގައެވެ. ޖެނުއަރީ މަހު ޗައިނާގެ ޑީޕްސީކްއިން އަގުހެޔޮ އޯޕަން-ސޯސް ލޭންގުއޭޖް މޮޑެލްއެއް ތަޢާރަފުކުރުމާއި، އަދި މާރިޗު މަހު ބީވައިޑީން ފަސް މިނެޓުން އިލެކްޓްރިކް ވެހިކަލް ޗާޖުކުރެވޭ ޓެކްނޮލޮޖީއެއް ތައާރަފް ކުރުމާއި އޭޕްރީލް މަހު ކޮންޓެމްޕަރަރީ އެމްޕަރެކް ޓެކްނޮލޮޖީ ކުންފުނިން ބެޓެރީގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުމަކީ އެކި ދާއިރާތަކުން ޗައިނާގެ ޓެކްނޮލޮޖީ ކުރިއަރަމުންދާކަމުގެ ހެއްކެވެ.

މިވަގުތު ބޭސް އުފެއްދުމުގެ ދާއިރާއަކީ އެމެރިކާއާއި ޗައިނާގެ ދެގައުމުން އެއްބާރުލުން ދެމުންދާ މަދު ދާއިރާތަކުގެ ތެރެއިން ދާއިރާއެކެވެ. ނަމަވެސް އެމެރިކާގެ ސަރުކާރުގެ ސިޔާސަތު ހަރުކަށިވަމުން ދިއުމާ އެކު ޗައިނާގެ ބޭސް އުފައްދާ ކުންފުނިތަކަށް ފިޔަވަޅު އަޅާނީ ކޮން އިރަކުންތޯ އެއީ ބޮޑު  ސުއާލެއް ކަމަށް ޖޫލިއާނާ ލިޔު ބުނެއެވެ.

ހިއްސާ ކުރައްވާ!