ޣައްޒާއަށް ދޭ ހަމަލަތައް ހުއްޓާލުމަށް ޓްރަމްޕް ގޮވާލައިފި

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ޣައްޒާ ސަރަހައްދަށް އިސްރާއީލުން ދެމުންދާ ހަމަލަތައް ލަސްނުކޮށް ހުއްޓާލުމަށް އިސްރާއީލަށް ގޮވާލައްވާފައެވެ. އަދި ޓްރަމްޕް ހުށަހަޅާފައިވާ ބަޔާނަށް ޙަމާސްއިން މަރުޙަބާ ކިޔާކަން ހާމަކޮށް ނެރުނު ބަޔާނަކީ ދާއިމީ ސުލްހައަކަށް މަގުފަހިވާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޓްރޫތް ސޯޝަލް މީޑިއާ މެދުވެރިކޮށް ޓްރަމްޕް ވިދާޅުވެފައިވަނީ، ޣައްޒާގެ ހަނގުރާމަ ނިންމާލުމަށް ރާވާފައިވާ ޕްލޭން ތަންފީޒުކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ. އަދި މިއީ ހަމައެކަނި ޣައްޒާއަށް އަމާޒުކުރެވިފައިވާ ކަމެއް ނޫން ކަމަށާއި، މެދުއިރުމަތީގެ ސަރަހައްދުގައި ގިނަ ބަޔަކު ގޮވާލަމުންދާ ސުލްހައިގެ މަސައްކަތެއް ކަމުގައި ފާހަގަކުރެއްވިއެވެ.

އޯވަލް އޮފީހުގައި ދެއްކެވި ވާހަކަފުޅުގައި، ޓްރަމްޕް ވަނީ މި އެއްބަސްވުމަކީ ވަރަށް ޚާއްސަ އަދި ތާރީޚީ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި، އަސީރުން އެމީހުންގެ އާއިލާތަކާ އަވަހަށް ބައްދަލުކުރުމަށް އޭނާ ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ގަތަރު، ތުރުކީ، ސައުދީ އަރަބިއްޔާ، މިޞްރު، އުރުދުން އަދި އެހެނިހެން ގައުމުތަކުގެ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ހަމާސްގެ ފަރާތުން ޓްރަމްޕްގެ ހުށަހެޅުމަށް ތާއީދުކޮށް، ހަނގުރާމައިގެ އަސީރުން ދޫކޮށްލުމާއި، ހަނގުރާމަ ނިންމާލުމަށާއި، ޔަހޫދީ ސިފައިން ޣައްޒާއިން ފޭބުމާ ގުޅޭ މަޝްވަރާތައް ފެށުމަށް ތައްޔާރަށް ތިބިކަން އިއުލާންކޮށްފައިވެއެވެ. އަދި ޣައްޒާގެ ކަންކަން ހިންގުމަށް ފަލަސްތީނުގެ މިނިވަން ފަރާތްތަކުގެ ޖަމާއަތަކާ ހަވާލުކުރުމަށް އެއްބަސްވެފައިވާކަން ވެސް ހާމަކޮށްފައިވެއެވެ.

ފަލަސްޠީނުގެ މިނިވަންކަމށް މަސައްކަތް ކުރާ ޙަމާސްއިން ބުނެފައި ވަނީ ގައުމީ ފަލަސްޠީނު މީހުންގެ އެދުމަށާއި އަރަބި އަދި އިސްލާމީ ގައުމުތަކުގެ ތާއީދުގެ މައްޗަށް ބިނާކޮށް، ފަލަސްތީނުގެ މިނިވަން ފަރާތްތަކުގެ ޖަމާއަތަކާ ޣައްޒާގެ ހިންގުން ހަވާލުކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އެގޮތުން ޣައްޒާގެ މުސްތަގުބަލާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ގުޅޭ ގޮތުން ޓްރަމްޕް ހުށަހެޅުއްވި ކަންކަމާ ގުޅިފައި ވަނީ "ފަލަސްތީނުގެ ފުރިހަމަ ގައުމީ އޮނިގަނޑެއްގެ ތެރޭން މަޝްވަރާ ކުރެވޭ ގައުމީ ހައިސިއްޔަތާއި އަދި ޙަމާސް އެބައެއްގައި ފުރިހަމައަށް ޝާމިލުުވުމާ އެކުގައި" ކަމަށެވެ.

ހިއްސާ ކުރައްވާ!