ޓްރަމްޕްގެ ޚުދު މުޚުތާރު ފިޔަވަޅާ ދެކޮޅަށް ގާޒީ އަމުރެއް ނެރެފި

ޓްރަމްޕް ސަރުކާރުން ޕޯޓްލޭންޑަށް ސިފައިން ފޮނުވަން އުޅުމުން، ޓްރަމްޕްގެ ސަރުކާރުން އައްޔަން ކުރި ފަނޑިޔާރު ކާރިން އިމަރގަޓް ވަނީ އެކަން ވަގުތީގޮތުން ހުއްޓުވާލައިފައެވެ. އޮރެގަން، ކެލިފޯނިއާ އަދި ޓެކްސަސްއަށް ސިފައިން ފޮނުވުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ފަނޑިޔާރު ވަނީ ނިންމަވާފައެވެ.

ޓްރަމްޕް ސަރުކާރުން ވަނީ އިމިގްރޭޝަން އިން މީހުން ބަންދުކޮށްފައި ބައިތިއްބާ ތަނެއްގެ ބޭރުގައި ކުރިއަށްދާ އިހްތިޖާޖުތަކާ ގުޅިގެން، ސަރުކާރުގެ މުދަލާއި އާންމު ރައްކާތެރިކަމަށް ނުރައްކާވެފައިވާ ކަމަށް ބުނެ، 900 އަށްވުރެ ގިނަ ސިފައިން ފޮނުވަން ނިންމާފައެވެ. ނަމަވެސް އެ އިހްތިޖާޖުތަކަކީ އަމާން އިހްތިޖާޖުތަކެއް ކަމަށް ސްޓޭޓް ސަރުކާރުން ވަނީ ބުނެފައެވެ.

އޮރެގަންގެ ގަވަރނަރ ޓީނާ ކޯޓެކް، އެޓަރނީ ޖެނެރަލް ޑޭން ރޭފީލްޑް އަދި ޕޯޓްލޭންޑްގެ މޭޔަރ ކީތު ވިލްސަން ވަނީ ފަނޑިޔާރުގެ މި ނިންމުމަށް ތާއީދުކުރައްވާފައެވެ. އަދި ކެލިފޯނިއާގެ ގަވަރނަރ ގެވިން ނިއުސަމް ވެސް ވަނީ ޓްރަމްޕް ސަރުކާރުގެ ޚުދު މުޚުތާރު ނިންމުމަކީ ބާރުގެ ނަހަމަ ބޭނުންކުރުމެއް ކަމަށް ވިދާޅުވެފައެވެ.

ފަނޑިޔާރުގެ މި އަމުރު އޮކްޓޯބަރ 18 އާ ހަމައަށް ދެމިގެންދާނެއެވެ. މި މައްސަލައިގައި އިތުރު އަޑުއެހުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވައިޓް ހައުސްއިން މިހާތަނަށް މި ނިންމުމާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް އިސްތިއުނާފު ކުރުމަށް ރޭވިފައިވާކަމަށް އޮފިޝަލުން ވަނީ އިޝާރާތްކޮށްފައެވެ.

ހިއްސާ ކުރައްވާ!