ނަތަންޔާހޫއަށް ވުރެން ބޮޑަށް ޤަތަރުން ދައްކާ ވާހަކަ ޓްރަމްޕް ގަބޫލު ކުރޭ: އިޒްރޭލު މީޑިއާ

އިސްރާއީލުގެ މީޑިއާއިން ވަނީ ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ހޮލޮކޯސްޓާ ބެހޭ ގޮތުން ނަތަންޔާހޫއާއި ޓްރަމްޕާ ދެމެދު ހުކުރު ބަދަލު ކުރެވުނު ފޯނު ކޯލާއި ތްރަމްޕް ނަތަންޔާހޫއަށް ފިއްތި ގޮތުގެ ވާހަކަ ގެނަސްދީފައެވެ.

އިޒްރޭލުގެ ޗެނަލް 12އާއި ޔަދިއޯތުން މިކަން ތަފްސީލުކޮށް ގެނަސްދީފައި ވެއެވެ.

އިޒްރޭލުގެ މުހައްލިލުން ބުނާ ގޮތުގައި ނަތަންޔާހޫ ޤަތަރަށް ދިން ޓެރަރިސްޓް ހަމަލައަށް ފަހު އެމެރިކާގެ ވިސްނުމަށް ބަދަލެއް އައިސްފައިވެއެވެ. އެގޮތުން، ނަތަންޔާހޫގެ ހުށަހެޅުމަށް ވުރެން ބޮޑަށް އެމެރިކާއިން ޤަތަރުގެ ހުށަހެޅުމަށް ދީލާލާކަމަށްވެސް ބުނެފައި ވެއެވެ.

ޓެލް އަވީވް ޔުނިވާސިޓީގެ ޑިޕާޓްމަންޓް އޮފް ފަލަސްތީނުގެ ސްޓަޑީޒްގެ ވެރިޔާ މައިކަލް މިލްސްޓައިން ބުނަނީ ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ ވިސްނުމަށް އަސާސީ ބަދަލެއް އައިސްފައިވާ ކަމަށެވެ.

"ޓްރަމްޕް ވަނީ ކުރިން ދެއްކެވި ވާހަކަތަކާ ތަފާތު ކޮށް ގަތަރުގެ ވިސްނުން ސާފުކޮށް ގަބޫލު ކުރައްވައިފައި، ދޯހާގެ ނުފޫޒު ވަނީ ކުރިއަށްވުރެ ބޮޑަށް ބޮޑުވެފައި" ކަމަށް މިލްސްޓައިން  ބުނެއެވެ.

މިލްސްޓައިން ފާހަގަކުރި ގޮތުގައި އަރަބި ދުނިޔޭގައި އޮބްޒާވަރުން ވެސް ވަނީ އެމެރިކާ ސަރުކާރުގެ ވިސްނުމަށް ކުއްލި ބަދަލު އައުމުގެ ސިއްރާ މެދު ސުވާލު އުފައްދާފައެވެ. ނަމަވެސް ޔަގީންވާ ކަމަކީ "ޤަތަރަށް ދިން ހަމަލާއަށް ފަހު މުއާމަލާތްތަކުގައި ގަތަރުގެ ނުފޫޒު އިތުރުވެފައިވާކަން އިސްރާއީލުގެ މީޑިއާއިން ވެސް ފާހަގަ ކުރާކަން" މިލްސްޓައިން ބުންޏެވެ.

އިޒްރޭލުގެ ޗެނަލް 12 އިން ވަނީ ހުކުރު ދުވަހު ނަތަންޔާހޫއަށް ތްރަމްޕް ބަވާލި ގޮތުގެ ތަފްސީލުވެސް ގެނަސްދީފައެވެ. އެމެރިކާ މީޑިއާއިން ވަނީ ނަތަންޔާހޫއާ ދިމާއަށް ޓްރަމްޕް އަވަގުރާނަ ގޮވިކަމަށް ރިޕޯޓު ކޮށްފައެވެ. ޗެނަލް 12 އިން މި ވާހަކަ ގެނަހެއް ނުދެއެވެ.

ނަމަވެސް ޗެނަލް 12 ގެ ސިޔާސީ ރިޕޯޓަރު ބަރާކް ރަވިޑް ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕް ވަނީ "މިހާރު އޮތް ގޮތަށް ކަންކަން ގަބޫލު ނުކުރާ ނަމަ ދެން ބޮންއަޅާނީ ކަލެއަށް" ކަމަށް ނަތަންޔާހޫއާ ދިމާއަށް ބުނެފައެވެ.

މި ޒުވާބެއް ފެށުނީ، ހަމާސްގެ ރައްދާ ބެހޭ ގޮތުން ނަތަންޔާހޫއަށް ޓްރަމްޕް އެންގުމުންނެވެ. އެވާހައިގެ ރައްދުގައި ނަތަންޔާހޫ ބުނެފައި ވަނީ "ހަމާސްގެ ރައްދަކީ މާނައެއް ނެތް އަދި އުފާފާޅުކުރަން ޖެހޭ ވަރުގެ ރައްދެއް ނޫން" ކަމަށެވެ. މިހިސާބުން ޓްރަމްޕް ރުޅިގަދަވެ ނަތަންޔާހޫއާ ދިމާއަށް ބުންޏެވެ.

"ކަލޭ! ކީއްވެތަ އަބަދުވެސް ނެގެޓިވް ވަނީ؟" ބަރާކް ރަވިޑް ގެ ރިޕޯޓުގައި ޓްރަމްޕާ ހަވާލާދީ ބުންޏެވެ.

ޗެނަލް 12 އިން ބުނާ ގޮތުގައި ކުރިއާ ޚިލާފަށް މިހާރުގެ މަޝްވަރާތަކުގައި ކޮންޓްރޯލުގައި އޮތީ ޓްރަމްޕެވެ. ނަތަންޔާހޫއެއް ނޫނެވެ. އަދި ނަތަންޔާހޫ ބޭނުން ވަނީ މިއީ ޓްރަމްޕާ އޭނާ އެއްބަސްވެފައިވާ ގޮތަށް ދާކަމެއް ކަމަށް ދައްކައި މިކަމުގެ ފޮނިބޯލާށެވެ.

އިޒްރޭލުގެ ސްޓްރެޓެޖިކް އަދި ޕޮލިޓިކަލް އެޑްވައިޒަރު އަޓިލާ ސޮމްފެލްވީ ޗެނަލް 12 ގައި ވާހަކަ ދައްކަމުން ބުނަނީ ޓްރަމްޕް ހަމަ އެކަނި ނަތަންޔާހޫއަށް ބަހުގެ އިންޒާރުތައް އެކަނި ދިނީކީ ނޫން ކަމަށެވެ. އޭގެ އިތުރަށް އޭނާ ވަނީ ނަތަންޔާހޫއަށް ތެކްސް މެސެޖުތަކެއްވެސް ތަޅާފައި ކަމަށް ބުނެއެވެ. އަދި ނަތަންޔާހޫ އާއި އޭނާގެ އެހީތެރިންނަށް ޖެހިޖެހިގެން މެސެޖުތަކެއް ޓްރަމްޕް ފޮނުވިއެވެ.

"ކޮންމެ ދެ ގަޑިއިރަކުން އަހަރެންގެ ފަރާތުން މެސެޖެއް ލިބޭނެ… އެ ވެދާނެ ޓްވީޓަކަށް، މެޕަކަށް، ނުވަތަ ބަޔާނަކަށް ނުވަތަ ރެކޯޑިންއަކަށްވެސް" އެމެސެޖުތަކުގައި ޓްރަމްޕް ބުނި ކަމަށް ސޮމްފެލްވީ ބުނެއެވެ.

އޭނާ އިތުރަށް ކިޔައި ދިން ގޮތުގައި ޓްރަމްޕް އައި ރުޅީގައި ސީދާ ނަތަންޔާހޫއާ ދިމާއަށް ބުނެފައި ވަނީ "ކަލެއާއި ކަލޭގެ ގްރޫޕު ކަމަށްވާ ކުޑަ ކައުންސިލަކާއި ސަރުކާރަކީ މިހާރު އަހަރެންގެ ޕްލޭންގެ ބައެއް، އެ ޕްލާ ދެކޮޅު ބަޔެއް ނޫން" ކަމަށެވެ.

އިސްރާއީލުގައި ކޮމެންޓޭޓަރުން ބުނަނީ މިއިން ދައްކައި ދެނީ ނަތަންޔާހޫއާއި ބައިވެރިންނަށް މި މައްސަލަ މެނޭޖްކުރުމުގައި މިހާރު ނުފުޒު ކުޑަވެފައިވާ ކަމަށެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރުގެ ކުރީގެ އެޑްވައިޒަރު ބަރާކް ސާރީ ބުނަނީ ނަތަންޔާހޫ ދައްކާ ވާހަކަތަކުން މިހާރު އެނގެނީ އެމެރިކާއަށް ދީލާލާފައިވާ ކަމެވެ.

ހިއްސާ ކުރައްވާ!