ޕާކިސްތާނާއި އިޒްރޭލުން ތާއީދު ކުރި ނަމަވެސް ޓްރަމްޕަށް ނޯބެލްގެ އިނާމެއް ނުލިބޭ

ނޯބެލް ސުލްހައިގެ އިނާމް ދޭ ނޯވޭގެ ނޯބެލް ކޮމިޓީން މިހަފްތާގެ ހޯމަ ދުވަހު އެމީހުންގެ އެންމެ ފަހުގެ ބައްދަލުވުން ބާއްވައި، 2025 ވަނަ އަހަރަށް ސުލްހައިގެ އިނާމު ލިބޭނެ ފަރާތް ނުވަތަ ފަރާތްތައް ކަނޑައަޅައި ނިންމާފައިވާ ކަމަށް ނޯބެލް އިންސްޓިޓިއުޓުން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.

މި ނިންމުން ނިންމާފައިވާ ކަން އިއުލާން ކުރީ އިޒްރޭލާއި ހަމާސްއާ ދެމެދު މަޝްވަރާކޮށް ހަމާސްގެ ހުށަހެޅުންތަކަށް ދީލާލައި ޖެނޮސައިޑް ހުއްޓާލުމަށް ޔަހޫދީން އެއްބަސްވުމުގެ ކުރިންނެވެ. މި އެއްބަސްވުމުގައި ހިމެނެނީ ހަނގުރާމަ ހުއްޓާލުމާއި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ފަލަސްޠީނު މިނިވަން ކުރުމަށް ހަމާސްއިން ފެށި އަޤްޞާ ޠޫފާންގެ ހަނގުރާމައަށް ފަހު ވަގަށް ނެގި ފަލަސްޠީނު މީހުން އަނބުރައި ދިނުމަށާއި ޙަމާސްއިން އަސިރު ކުރި ޔަހޫދީ ހަނގުރާމައިގެ އަސީރުން މިނިވަން ކުރުމެވެ.

ޣައްޒާގައި ޔަހޫދީން ފެށި ހޮލޮކޯސްޓަށް ދެ އަހަރާ 2 ދުވަސް ވިފަހުން ޖެނޮސައިޑް ނިމުމަކަށް ގެނައުމަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވެގެން ދިޔައީ އެމެރިކާ ރައީސް އެކަމަށް ބާރު އަޅައި ޔަހޫދީ ލީޑަރަށް ބަވައި ފިއްތުމުންނެވެ.

ޓްރަމްޕަކީ ނޯބެލް ސުލްހަވެރިކަމުގެ އިނާމަށް އޭނާ ޙައްޤުވާ ކަމަށް  ބުނެފައި ވަނީ ޕާކިސްތާންގެ ބޮޑު ވަޒީރާއި އެގައުމުގެ އަސްކަރީ ލީޑަރާއި އިޒްރޭލުގެ ރައީސާއި ބޮޑު ވަޒީރާއި އިދިކޮޅު ލީޑަރެވެ.

މިއީ ޕާކިސްތާނާއި ޔަހޫދީން އިއްތިފާގުވި ނާދިރު ހާލަތެކެވެ.

 

ހިއްސާ ކުރައްވާ!