ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މަރިއާ ކޮރީނާ މަޗާޑޯއަށް 2025 ވަނަ އަހަރުގެ ނޯބެލްގެ ސުލްހައިގެ އިނާމު ދޭން ނިންމުމާ ގުޅިގެން، މި އިނާމު ދިނުން ސިޔާސީ ކަމަކށް ވެފައިވާ ކަމަށް މީހުން ބުނަން ފަށައިފިއެވެ. ނޯބެލްގެ އިނާމަކީ ޔޫރަޕާއި އެމެރިކާ ގެ ދޮން މީހުންނަށް ޚާއްސަކޮށް ދޭ އިނާމެކެވެ. ދުނިޔޭގެ އެހެން ސަރަހައްދުތަކަށް މިއިނާމު ލިބެނީ މަދު ފަހަރެއްގައެވެ.
މިފަހަރު ސުލްހައިގެ އިނާމު ދޭން އިއުލާން ކޮށްފައިވާ ފަރާތަކީ ވެނެޒުއެލާގެ ރައީސް މަދޫރޯގެ ވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ އެމެރިކާއިން ވާގިވެރިވެގެން އިދިކޮޅު ހަރަކާތެއް ހިންގާ ޒަޔަނިސްޓުންގެ ސަޕޯޓު ލިބިގެންވާ މީހެކެވެ. އަދި އެމެރިކާއިން ވެނެޒުއެލާ ރައްޔިތުންނާ ދެކޮޅަށް އަޅާ ދަތިތަކަށް ތާއީދުކުރާ ފަރާތެއްވެސް މެއެވެ.
ދެ އަހަރު ދުވަސް ވަންދެން ނަސްލެއް ނައްތާލުމަށް ޔަހޫދީން ޖެނޮސައިޑް ހިންގާފައިވާއިރު އެކަމާ ދެކޮޅަށް މަސައްކަތް ކުރި ފަރާތްތަކާއި ޖެނޮސައިޑް ބޭޒާރު ކޮށްލުމަށް މަސައްކަތް ކުރި ފަރާތްތައް މިއިނާމު ދޭ ކޮމިޓީން ހަނދާން ނައްތާފައިޥާ ކަމަށްވެސް ތުހުމަތު ކުރެވެއެވެ.
ޔަހޫދީން ވަގަށް ނަގާފައިވާ ޙުސާމު އަބޫ ސަފިއްޔާއަކީވެސް މި އިނާމަށް ނަން ހުށަހެޅުނު ފަރާތެކެވެ. އޭނާއަކީ ޔަހޫދީން ޖެނޮސައިޑް ހިންގަމުން ދިޔައިރުވެސް ފަލަސްޠީނު މީހުންނަށް ފަރުވާ ދިނުމުގައި ސާބިތުވެ ހުއްޓައި ޔަހޫދީން ވަގަށް ނެގި ޑޮކްޓަރެކެވެ.
ފަލަސްޠީނުގެ ކަންކަމާ ބެހޭ އދގެ ރެޕަޓުއާ އިޓަލީގެ ފްރެންޗެސްކާ އަލްބެނީޒްއަކީވެސް ޖެނޮސައިޑާ ދެކޮޅަށް އަޑު އުފުލާ ޔަހޫދީން ހިންގާ ހޮލޮކޯސްޓް ބޭޒާރު ކޮށްލުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއްގެ ހައިސިއްޔަތުން ދުނިޔޭގެ ރައްޔިތުންގެ މެދުގައި މަގްބޫލުކަން ހޯދާފައިޥާ މީހެކެވެ. އޭނާއަކީވެސް މި އިނާމަށް ނަން ހުށަހެޅުނު މީހެކެވެ.
އަދި ފަލަސްޠީނުގައި ޔަހޫދީން ހިންގި ޖެނޮސައިޑް ރިޕޯޓު ކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނާއި ޝަހީދު ކޮށްފައިވާ ނޫސްވެރިންނާއި ނޫސްވެރިންގެ ހައްގުގައި ވާހަކަ ދެއްކި ޖަމާއަތްތަކަކީވެސް ނަންހުށަހެޅުނު ފަރާތްތަކެވެ.
ބޮޑެތި ގުރުބާނީ ވެފައިޥާ މިފަދަ ފަރާތްތަކުގެ ނަންތައް ބޮލާލައި ޖަހައި އެމެރިކާއާއި ޒަޔަނިސްޓުންގެ ގޮނޑިކޮއްކޮއަކަށް މިއަހަރު އިނާމު ދިނުމުން ނޯބެލްގެ ކޮމިޓީގެ އިޚުލާސްތެރި ކަމާއި އަދިސުލްހަވެރިކަމާ މެދު ސުއާލު އުފެދެއެވެ.
ނޯބެލްގެ ސުލްހައިގެ އިނާމަކީ އަބަދުވެސް ސުލްހަވެރިންނަށް ދޭ އިނާމެއް ނޫނެވެ. މިއިނާމު އެމީހެއްގެ ނަމަށް ނިސްބަތްވާ އަލްފްރެޑް ނޯބެލް އަކީ ނަމުން މާތް މީހެއްކަމުގައި ވިއަސް ބާރޫދު އުފެއްދުމުގައި ޝައިޠާނެކެވެ! އަމިއްލަ އުފެއްދުމުން ދަރި މަރުވުމުން ކައްފާރާއެއްގެ ގޮތުގައި އޭނާ މިއިނާމު ދޭން ފެށީއެވެ.
މި އިނާމު ކުރިން ދީފައިވާ ބައެއް މީހުންނަކީ އިންސާނިއްޔަތު ދުށް އެންމެ ނުލަފާ މީހުންގެ ލިސްޓުގައި ހިމެނޭ މީހުންނެވެ. އޭގެ ތެރޭގައި 1973 ގައި އިނާމު ދިން ޔަހޫދީ ހެންރީ ކިސިންޖަރަކީ އޭނާއާ އެއް މާލަމެއްގައި އިބްލީސްވެސް އިންނަން ބޭނުންނުވާ ޒާތުގެ މީހެކެވެ! އަދި، 2009 ގައި މި އިނާމު ދިން ބަރަކް އޮބާމާވެސް އެފަދައެވެ. އަދި 1991 ގައި މި އިނާމު ދިން އާންގް ސާން ސޫޗީއަކީ މުސްލިމުންގެ ޖެނޮސައިޑް ހިންގަން ހިތްވަރު ދިން ސަރުކާރު ހިންގި މީހެކެވެ. ދިވެހިރާއްޖެއިން މީނާގެ ސަރުކާރާ ދެކޮޅަށް ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުގައި ވާނީ ދައުވާ ކޮށްފައެވެ.



