އެމެރިކާގެ އައިޑާހޯ ސްޓޭޓްގައި ޤަތަރުގެ އެއަރފޯސް ބޭސްއެއް ޤާއިމްކުރާނެ ކަމަށް ހުކުރު ދުވަހު އިއުލާނުކުރުމަށް ފަހު، ފާޑު ކިޔުން އަމާޒު ވުމުން އެމެރިކާއިން ރާގު ބަދަލުކޮށްފިއެވެ. އެކްސްގައި ޕޯސްޓެއް ކޮށް އެމެރިކާގެ ހަނގުރާމައާ ބެހޭ ވަޒީރު ޕީޓް ހެގްސެތު ވަނީ އެއީ ޤަތަރުގެ އަމިއްލަ އެއާރ ބޭސްއެއް ނޫން ކަމަށް ބުނެފައެވެ.
މި ބަޔާން ހާމަކުރުމުގެ ކުރީ ދުވަހު، ހުކުރު ދުވަހު ޕެންޓަގަންގައި ޤަތަރުގެ ނައިބު ބޮޑުވަޒީރު އަދި ދިފާއީ ވަޒީރު ޝެއިޚް ސައުދު ބިން އަބްދުއްރަހްމާން އާލަ ޘާނީ އާ އެކު ބޭއްވި ބައްދަލުވުމުގައި ހެގްސެތު އިއުލާނުކުރެއްވީ އައިޑާހޯގެ މައުންޓަން ހޯމް އެއަރފޯސް ބޭސްގައި ޤަތަރު އަމީރީ އެއަރފޯސްގެ ފެސިލިޓީއެއް ޤާއިމްކުރާނެ ކަމަށެވެ.
"އެ ތަނުގައި ޤަތަރުގެ އެފް-15 މަތިންދާބޯޓުތަކާއި ޕައިލެޓުން ތިބޭނެ. އަދި މިއީ އަޅުގަނޑުމެން އެކުގައި ކުރާ ތަމްރީނުތައް އިތުރުކޮށް، ހަނގުރާމަވެރި ޤާބިލުކަމާއި އެކުގައި މަސައްކަތްކުރުމުގެ ފެންވަރު މަތިކުރުމަށް އެޅޭ ފިޔަވަޅެއް،" ހެގްސެތު ވިދާޅުވިއެވެ.
މިވާހަކަތަކަށް ފަހު އެމެރިކާއިން ޖެހިގެން އައި ދުވަހު ބުނި ވާހަކައިން ޤަތަރަށްވެސް ވަނީ އޮޅިފައެވެ.
ހޮނިހިރު ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ހެގްސެތު ވިދާޅުވަނީ އެމެރިކާ އާއި ޤަތަރާ ދެމެދު ދިގު މުއްދަތެއްގެ ޕާޓްނަރޝިޕެއް އޮތް ކަމަށާއި، އެފް-15ގެ މަތިންދާބޯޓުތަކާ ގުޅޭ ގޮތުން އިއުލާނުކުރެވުނު އެއްބާރުލުމަކީ އޭގެ ތެރެއިން ހިމެނޭ ކަމެއް ކަމަށެވެ. ނަމަވެސް ގަތަރުގެ އަމިއްލަ އެއަރބޭސްއެއް އެމެރިކާގައި ނުހުންނާނެ ކަމަށެވެ.
ހެގްސެތު ކުރިން ކުރި އިއުލާނާ ގުޅިގެން އާންމުންގެ ފަރާތުން ލިބުނު ފާޑުކިޔުންތަކާ ގުޅިގެން އޭނާ ވިދާޅުވީ އެ އެއަރ ބޭސްގެ ކޮންޓްރޯލް އޮންނާނީ އެމެރިކާ އަތުގައި ކަމަށާއި އެތަން ހިނގާނީ އެމެރިކާގެ ބެލުމުގެ ދަށުން ކަމަށެވެ.







