ޣައްޒާގައި ފައިބީއްސާލަން ނިކަން ބޭނުން: ޓްރަމްޕް

ހިފާފައިވާ ފަލަސްޠީނަށާއި މިސްރަށް ކުރައްވާ ދަތުރުފުޅަށް އެއާ ފޯސް ވަން އަށް އަރައި ވަޑައިގަންނަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ޣައްޒާއަށް ޒިޔާރަތް ކުރައްވަން ބޭނުންފުޅުވާ ކަމަށާއި ޣައްޒާގައި ފައި ބީއްސާލަން ބޭނުންވާ ކަމަށެވެ. ނަމަވެސް ހިފާފައިވާ ފަލަސްޠީނަށް ޓްރަމްޕް ކުރައްވާ ދަތުރުގައި ޣައްޒާއަށް ޒިޔާރަތް ކުރެއްވުމެއް ނުހިމެނެއެވެ.

ނޫސްވެރިންނާ އެކު ވާހަކަ ދައްކަވަމުން ރައީސް ޓްރަމްޕް ވަނީ އޭނާގެ 20 ނުކުތާގެ ސުލްހައިގެ ޕްލޭންގެ ފުރަތަމަ މަރުހަލާ ކަމަށްވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމި އޮންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ޕްލޭންގައި ބައިވެރިވާ ފަރާތްތަކުން ލިޔުމުން އެއްބަސްވުންތަކެއް ލިބިފައިނުވި ނަމަވެސް، އެ ފަރާތްތަކުން ހަނގުރާމަ ހުއްޓާލުމަށާއި، ސުލްހައިގެ އެހެން ކަންކން ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އަނގަ ބަހުން ޔަގީންކަން ދީފައިވާ ކަމަށެވެ.

ޓްރަމްޕް ވަނީ ސުލްހައިގެ ކަންކަން ކުރިއަށް ދާ ގޮތާ ބެހޭ ގޮތުން ޤަތަރަށާއި ޤަތަރުގެ އަމީރަށް ޚުޝާމަދުކޮށްފައެވެ. އަދި އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވެވި ބައްދަލުވުމަކަށް ފަހު، މި ސުލްހައިގެ މަސައްކަތުގައި ބައިވެރިވި މުސްލިމް ގިނަ ގައުމުތަކުގެ އެއްބާރުލުމަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

 

 

 

ހިއްސާ ކުރައްވާ!