ފަރަންސޭސިވިލާތުގެ މަޝްހޫރު އައިފެލް ޓަވަރު ފަދަ ތަންތާނގައި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި) ބޭނުންކުރެވެން ފެށުމާއެކު، ފަރަންސޭސިވިލާތަށް ދަތުރުކުރާ އިންޑިއަން ފަތުރުވެރިންގެ އަދަދު 40 އިންސައްތަ އިތުރުވެފައިވާ ކަމަށް ދައްކައެވެ.
ލައިރާ ނެޓްވޯކްގެ ޗެއަރމަން ކްރިސްޓޯފް މެރިއެޓް ވިދާޅުވި ގޮތުގައި، އައިފެލް ޓަވަރުގައި ޔޫޕީއައި ތަޢާރަފުކުރި ފަހުން އިންޑިއަން ފަތުރުވެރިންގެ އަދަދު އިތުރު ވެފައިވާ ތަން ފެންނަ ކަމަސެވެ. ޔޫޕީއައި ބޭނުން ކުރުމުން އިންޑިއާ ފަތުރުވެރިންނަށް ޑޮލަރު ހޯދުމަކާ ނުލައި އެމީހުންގެ ފޯނު ބޭނުންކޮށްގެން އިންޑިއަން ރުޕީސް އިން އަގު ދެއްކޭ ގޮތް ވެއެވެ. އަދި މިކަމުން އިންޑިއާގެ ފަތުރުވެރިންނަށް ބޭރަށް ދަތުރުކުރުމަށް ފަސޭހަ ވެއެވެ.
އިންޑިއާގައި 18 އަހަރަށްވުރެ ގިނަ ދުވަހު ހަރަކާތްތެރިވެފައިވާ ލައިރާ ނެޓްވޯކުން މިހާރު ވަނީ ލާ ވެލީ ވިލެޖް ފަދަ ލަގްޒަރީ ޝޮޕިންގ ސެންޓަރުތަކުގައިވެސް ޔޫޕީއައި ޚިދުމަތް ފޯރުކޮށްދޭން ފަށާފައެވެ. މިކަމަކީ އިންޑިއާގެ ޑިޖިޓަލް ޕޭމަންޓް ނިޒާމުގެ ބައިނަލްއަޤްވާމީ މަރުކަޒުތަކަށް އިތުރުވެ، އިންޑިއާ މީހުންގެ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ތަޖުރިބާއަށް ހެޔޮ ބަދަލެއް ގެނެސްދޭ ކަމެކެވެ.