ސީއައިއޭއިން ވެނެޒުއެލާގެ ސަރުކާރު ވައްޓާލަން އުޅެނީ: މަދޫރޯ

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވަނީ އެމެރިކާގެ ސީއައޭ އިން އޭނާގެ ސަރުކާރު ވައްޓާލަން ރާވާ ކަމަށެވެ. އަދި އެމެރިކާގެ ސިފައިން ވެނެޒުއެލާ ސަރަހައްދުގައި ހަރަކާތްތެރި ވުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށް ދައްކައިގެން އެމެރިކާ އިން ވަނީ ހަނގުރާމަ އުޅަނދުތައް ވެނެޒުއެލާގެ ކަނޑު ސަރަހައްދާ ކައިރިއަށް ފޮނުވާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވެނެޒުއެލާގައި ހަނގުރާމަވެރި ހަމަލާތައް ދިނުމަށް ވިސްނާ ކަމަށް ވިދާޅު ވެފައި ވެއެވެ. އަދި ނިއުޔޯކް ޓައިމްސް އިން ވެސް ވަނީ ސީއައޭގެ ސިއްރު އޮޕަރޭޝަންތަކެއް ވެނެޒުއެލާގައި ހިންގުމަށް ޓްރަމްޕް ހުއްދަދީފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

މި ރޭވުންތަކުގެ ސަބަބުން ފިނި ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން ކަން ކުރިގޮތަށް އަލުން ސަރުކާރުތައް ބަދަލު ކުރުމުގެ މަސައްކަތް ފަށަނީ ކަމުގެ ބިރުވެރިކަން އާވެގެން ގޮސްފައި ވެއެވެ. މަދޫރޯގެ ސަރުކާރުން ވަނީ އެމެރިކާއިން އިގްތިސާދީ ދަތިތަކާއި، ޑިޕްލޮމެޓިކް އެކަހެރިކުރުމާއި، ސިއްރު އޮޕަރޭޝަންތަކުގެ ޒަރީއާއިން އެ ގައުމުގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރަނީ ކަމަށް ބަލާފައެވެ.

އެމެރިކާގެ މިފަދަ އަމަލުތަކުގެ ސަބަބުން ގައުމުތަކުގެ މިނިވަންކަމާއި، ބައިނަލްއަގްވާމީ ގާނޫނާއި، އެމެރިކާއާއި ލެޓިން އެމެރިކާގެ ގުޅުމަށް ނޭދެވޭ އަސަރުކުރާނެ ކަމަށް މާހިރުން ވަނީ އިންޒާރުދީފައެވެ. އަދި މިހާރުވެސް ސިޔާސީ އަދި އިގްތިސާދީ ގޮތުން ހީނަރުވެފައިވާ ސަރަހައްދުގެ އެހެން ގައުމުތަކަށްވެސް މީގެ އަސަރުކުރާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!