އިންޑިއާގެ ރިޒާވް ބޭންކުގެ ގަވަރުނަރު ސަންޖޭ މަލްހޯޓްރާ ވިދާޅުވަނީ އެމެރިކާއިން އަލުން އިންޑިއާއާ ދެކޮޅަށް ތަޢާރަފުކުރި ޓެރިފްތަކުގެ ސަބަބުން އިންޑިއާގެ އިގްތިސާދަށް ބޮޑު އަސަރެއް ކުރާނެކަމަށް ނުފެންނަ ކަމަށެވެ. އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ ބައްދަލުވުންތަކުގައި ވާހަކަފުޅު ދައްކަވަމުން، އޭނާ ވިދާޅުވީ އިންޑިއާގެ އިގްތިސާދަކީ އެ ގައުމުގެ އެތެރޭގެ ހަރަކާތްތަކަށް ބަރޯސާވާ އިގްތިސާދެއް ކަމުން އެފަދަ ލޮޅުމަކުން ކުރާނެ އަސަރެއް ފާހަގައެއް ނުކުރެވޭނެ އެވެ.
އޭނާ ވަނީ އިންޑިއާގެ މެކްރޯ އިކޮނޮމިކް އަސާސްތައް ވަރުގަދަކަން ފާހަގަކުރައްވައި އަދި އެމެރިކާއާއެކު ކުރެވޭ ވިޔަފާރީގެ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނުކުމެދާނެކަމުގެ އުއްމީދު އޮތް ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ބާޒާރުގައި ރުޕީސްގެ އަގަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން، އާރްބީއައި އިން އަގު ކޮންޓްރޯލު ކޮށް ވަކި ރޭޓެއް ކަނޑައެޅުމުގައި ގޮތެއް ނުނިންމާނެ ކަމަށް ވިދާޅުވެފައެވެ.







