ޗައިނާއިން އިނގިރޭސިންނަށް ޖާސޫސްކުރާ ކަމަށް ތުހުމަތުކޮށްފި

އިނގިރޭސި ޖާސޫސީ އިދާރާ އެމްއައި5 އިން ވަނީ ޗައިނާއިން އޮޅުވާލާ ޒާތުގެ ވަޒީފާގެ އިޝްތިހާރުތައް މެދުވެރިކޮށް ޔޫކޭގެ ޕްރޮފެޝަނަލުން ހޯދައި އެމީހުންގެ ކިބައިން ސިއްރު މަޢުލޫމާތު ހޯދަން މަސައްކަތްކުރާކަމުގެ އިންޒާރެއް ދީފައެވެ. މި އިޝްތިހާރުތަކުގައި އިނގިރޭސި ސަރުކާރުގެ މުވައްޒަފުންނާއި، އެކެޑެމިކުންނާއި، ދިފާޢީ ކޮންޓްރެކްޓަރުންނަށް އަމާޒުކޮށްފައުިވާ ކަމަށް ބުނެއެވެ. އަދި، ކޮންމެ މައުލޫމާތުގެ ރިޕޯޓަކަށް 2،000 ޕައުންޑާ ހަމައަށް ދޭނެކަމަށް ބުނެ، ސިޔާސީ އަދި ދިފާޢީ މަޢުލޫމާތު ހޯދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައި ވެއެވެ.

އެމްއައި5ގެ ވެރިޔާ ސަރ ކެން މެކްކޯލަމް ވިދާޅުވި ގޮތުގައި މިހާރު މި ނުރައްކާ ވަނީ ލިންކްޑްއިން މެދުވެރިކޮށް މިސްމީހުންނާ ގުޅުން ބަދަހިކުރުމާ ހަމައަށްވެސް ގޮސްފައެވެ. އަދި ވެބްސައިޓްތަކާއި ދޮގު ރެކްރޫޓްމަންޓް ކުންފުނިތައް ބޭނުންކުރާ ކަމަށްވެސް ތުހުމަތުކޮށްފައި ވެއެވެ. ބައެއް ފަހަރު ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ފައިސާ ދިނުމާއި އަދި ބައެއް ހާލަތްތަކުގައި ހުޅަނގުގެ ގައުމުތައް ނޫން ޤައުމުތަކަށް ގެންގޮސް، ޖާސޫސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރާ ކަމަށްވެސް އެމްއައި5 އިން ބުނެއެވެ.

އިނގިރޭސިވިލާތުން މި އިންޒާރު ދީފައި ވަނީ ޔޫކޭ އާއި ޗައިނާގެ ގުޅުން ގޯސްވެ ޖާސޫސް ކުރާ ކަމަށް ތހުމަތުތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އިނގިރޭސިން ވަނީ ލަންޑަންގައި ޗައިނާއިން ބިނާ ކުރަން އުޅޭ އެމްބަސީ ބިނާ ކުރުމަށްވެސް ހުރަސް އަޅާފައެވެ. ޔޫކޭ ސަރުކާރުން ވަނީ ޓަވަރ އޮފް ލަންޑަން ކައިރީގައި 750 މިލިއަން ޕައުންޑުގެ ހޭދައަކާއެކު ބިނާ ކުރާ އެމްބަސީއެއް އެޅުމުގެ ޗައިނާގެ މަޝްރޫޢަށްވެސް އިއުތިރާޒ ްކޮށްފައެވެ. އަދި އިނގިރޭސި އެމްޕީތަކަށް ޖާސޫސީކުރިކަމުގެ މައްސަލައެއްގައި ސަރުކާރުން އަޅާނުލައި ދޫކޮށްލި މައްސަލައަކާ ގުޅިގެން އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ކޮންގްރެސްއިންވެސް ވަނީ ޔޫކޭ އަށް ފާޑުކިޔާފައެވެ.

ހިއްސާ ކުރައްވާ!