ޣައްޒާގެ ނަސްލު ސާފުކޮށްލުމަށް ޓްރަމްޕް ހުށަހަޅާ ޕްލޭނާއި އެޕްލޭންގެ މޭސްތިރި ޔަހޫދީ މީހާ!

ޓްރަމްޕްގެ ސުލްހައިގެ ޕްލޭން ބިނާވެފައި ވަނީ ޣައްޒާ އިން ނަސްލު ސާފުކޮށްލުމަށް އޭނާ ބޭނުން ކުރި ދިރާސާގެ މައްޗަށެވެ. އެ ދިރާސާއަކީ ޔަހޫދީ އިގްތިސާދީ އަދި ގާނޫނީ މާހިރެއް ކަމަށްވާ ޕްރޮފެސަރު ޖޯސެފް ޕިލްޒްމަން އެކުލަވާލި ދިރާސާއެކެވެ.

އެމެރިކާގެ 47 ވަނަ ރައީސްގެ މަގާމަށް ޓްރަމްޕް އިންތިޚާބު ވުމުގެ 15 ދުވަސް ފަހުން ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރަނީ ޣައްޒާގެ ލައްކައެއްހާ މީހުންގެ ފުރާނަ ގެއްލިފައިވާ ޖެނޮސައިޑް ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޭނާގެ ޖަހަންނަމީ ޕްލޭނެއް އޮތް ކަމަށެވެ.

އެ ޕްލޭންގެ ސަބަބުން ޓްރަމްޕް ބުނަނީ ހަނގުރާމަ ނިމޭނެ ކަމަށާއި އެ ސަރަހައްދުގައި މީގެ ކުރިން ނުފެންނަ ވަރުގެ އިންވެސްޓްމަންޓް މަޝްރޫއުތައް ހިންގޭނެ ކަމަށެވެ. ޔަހޫދީން ފަނާކޮށްފައިވާ ޣައްޒާ އަކީ ދުނިޔޭގެ މުއްސަނދިން ޝައުގުވެރިވާ ފްރާންސްގެ މަޝްހޫރު ރިސޯޓެއް ކަމަށްވާ ރިވިއެރާ އަށް ބަދަލުކޮށްލެވޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ވައިޓްހައުސްއަށް އައީވެސް މި ޕްލޭން ކިހިލި ޖަހައިގެންނެވެ. ކެމްޕޭންގެ ތެރޭގައި ހަނގުރާމަ ނިންމާނެ ކަމަށް އިއުލާން ކުރިނަމަވެސް އޭނާ ތަފްސީލު ހާމައެއް ނުކުރެއެވެ.

ޓްރަމްޕްގެ ޣައްޒާގެ ނަސްލު ސާފުކޮށްލުމުގެ ޕްލޭނަކީ މެދުއިރުމަތީގައި ދިގު ޒަމާންތަކެއް ވަންދެން މަސައްކަތްކޮށްފައިވާ، އަރަބި ސަރުކާރުތަކާ ގުޅިގެން ޕްރޮޖެކްޓްތަކާއި ޕްލޭންތައް ހިންގާފައިވާ އެމެރިކާގެ ޔަހޫދީ އިސް އިގްތިސާދީ މާހިރަކު އެކުލަވާލާފައިވާ ޕްލޭނެކެވެ.

މި ޔަހޫދީ ސިކުނޑިއަކީ، ޖޯޖް ވޮޝިންޓަން ޔުނިވާސިޓީގެ އިކޮނޮމިކްސް، އިންޓަނޭޝަނަލް ރިލޭޝަންސް އަދި ލޯގެ ޕްރޮފެސަރު ޖޯސެފް ޕިލްސްމަން އެވެ.

އޭނާ 2024 ވަނަ އަހަރު ތައްޔާރުކުރި "އޭން އިކޮނޮމިކް ޕްލޭން ފޯ ދަ ރިކޮންސްޓްރަކްޝަން އޮފް ޣައްޒާ: އަ ބިލްޑް-އޮޕަރޭޓް-ޓްރާންސްފާ އެޕްރޯޗް" ދިރާސާއަކީ ފަލަސްޠީނުގެ ޝަޚުސިއްޔަތު ފޮހެލައި ޣައްޒާއިން ނަސްލު ސާފުކޮށްލައި، ޣައްޒާ ބޭރުގެ އިންވެސްޓަރުންނަށްދީ، ދިގު މުއްދަތަކަށް ޔަހުދީން ބާރުވެރިކޮށްލާ ޕްލޭނެކެވެ.

ޖެނޮސައިޑް ނިންމުމަށް ޓްރަމްޕް ހުށަހަޅާފައިޥާ އަރަބި ލީޑަރުންނާއި މުސްލިމު ގައުމުތަކުގެ ވެރިން ސަޕޯޓުކޮށް އަތް ޖަހާފައިވާ 21 ނުކުތާގެ ޕްލޭނަކީވެސް ޕްރޮފެސަރު ޖޯސެފް ޕިލްސްމަންގެ ޕްލޭނުން އުފެދިފައިވާ ޕްލޭނެކެވެ.

15 އަހަރު ވަންދެން ޣައްޒާ ހިސާރަކޮށް ވޭންދެނިވި ހާލަތުގައި ޔަހޫދީން އެމީހުން ގެންގުޅެމުން ދިއުމަށްފަހު ކަސްތަޅުތައް ނައްތާލައި މިނިވަންކަމަށް ހަށި ފޮޅާލި، 7 އޮކްޓޯބަރު 2023 ގެ އަޤްޞާ ޠޫފާން ފެށިއިރު ޕިލްޒްމަން ހުރީ ޔޫއޭއީގައެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ މެދުއިރުމައްޗާއި އުތުރު އެފްރިކާއަށް ޚާއްސަކޮށްގެން އޭނާ އަލަށް އުފެއްދި ސެންޓަރ އޮފް އެކްސެލެންސް ފޯ އިކޮނޮމިކް ސްޓަޑީޒް ހިންގުމަށް ޔޫއޭއީގައި އިމާރާތެއް ހޯދުމަށެވެ. އޭނާގެ މި މަރުކަޒަކީ އިޒްރޭލާއި އެމެރިކާގައި އޭގެ ގޮފިތައް ހަދާފައިވާ މަރުކަޒެކެވެ.

ހަމަލަތައް ފެށިއިރު، ޕިލްޒްމަންގެ މަރުކަޒުން އެއިރު ދިޔައީ އަރަބިންނަށް  ޚާއްސަކޮށްފައިވާ ސިލްސިލާ ދިރާސާ ފޮތްތަކެއް ތައްޔާރު ކުރަމުންނެވެ. އޭގައި ވަޒީފާއަށް އަންހެނުން ނެރުމާއި ކެޕިޓަލް މާކެޓްތަކުގައި އިންވެސްޓު ކުރުމާއި ބިމުގެ މިލްކުވެރިކަމާއި އަރަބި ސަރަހައްދު ބަދަލުކޮށްލުމަށް ބޭނުންވާ މުހިންމު އެހެން މައުޟޫއުތަކާ ބެހޭ ރެފަރެންސްތަކާއި ދިރާސާތައް އޭނާގެ މަރުކަޒުން ދިޔައީ ތައްޔާރު ކުރަމުންނެވެ.

ހަނގުރާމަ ފެށުމާއެކު ޕިލްޒްމަންއަށް ވިސްނުނީ ޣައްޒާގެ އިގްތިސާދު ކޮންޓްރޯލްކޮށް ސުމަކުން އަލުން އެތަން ބިނާކޮށްފިނަމަ ޣައްޒާ ބަދަލު ވެގެންދާނެ ގޮތާ ބެހޭ ގޮތުންނެވެ. އަދި ޚާއްސަ ހިސާބު އިލްމުގެ މޮޑެލެއް ކަމަށްވާ ކޮމްޕިއުޓެބަލް ޖެނެރަލް އިކުއިލިބިލިޓީ މޮޑެލް (ސީޖީއެމް) ބޭނުންކޮށްގެން އޭނާ އެކަމަށް ދިރާސާއެއްވެސް ކޮށްލިއެވެ.

މި މޮޑެލް ބޭނުން ކޮށްގެން ކުރި ދިރާސާ 2024ގެ ޖުލައިގައި ނިންމިއެވެ. މިއީ 49 ސަފްހާގެ ދިރާސާ އެކެވެ. މި ދިރާސާ އޭނާ ހުށަހެޅީ ރިޕަބްލިކަން ޕާޓީގެ ރިއާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕްގެ ޓީމަށެވެ. އަދި އެއް ކޮޕީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ކަމަލާ ހެރިސްގެ ޓީމަށެވެ. ކަމެލާގެ ޓީމުން ޖަވާބެއް ނުދެއެވެ. ނަމަވެސް ޓްރަމްޕްގެ ޓީމުން ބުނީ ދިރާސާ ކުރަމުން ގެންދާ ކަމަށެވެ. ފަހުން ޓްރަމްޕް އެކަން އިއުލާން ކުރުމުން އެކަރުދާސް ސިޔާސަތަކަށް ވެއްޖެކަން އޭނާއަށް އެނގުނެވެ.

ޕިލްޒްމަންގެ 49 ސަފްހާގައި ބަޔާން ކޮށްފައި ވަނީ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޣައްޒާ ބިނާ ކުރުމަށް އެއް ޓްރިލިއަން ޑޮލަރާއި ދެ ޓްރިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށެވެ.

އަދި އިންވެސްޓަރުން ފައިނޭންސް ކުރާ ގޮތަށް ދިގު މުއްދަތުގެ އިންވެސްޓްމަންޓް މޮޑެލްއެއްގެ ދަށުން ޣައްޒާ އަލުން ބިނާކުރާއިރު ޒަމާނީ މަދަނީ އަދި ގާނޫނީ މުއައްސަސާތައް ބިނާކުރެވޭނެ ކަމަށް ބުނެފައި ވެއެވެ. މި މޮޑެލްގައި ޣައްޒާގެ ބިންތައް އިންވެސްޓަރުންނަށް ކުއްޔަށް ދެނީ 50 އަހަރުގެ މުއްދަތަށެވެ.

މިކަމަށް ފައިސާ ހޯދާ 4 މަސްދަރެއް ބަޔާން ކުރެއެވެ. އެއީ، ޔަހުދީންނަށް ވާގިވެރިވާ ގަލްފްގެ އަރަބި ގައުމުތަކާއި ހަކަތައާއި ފަތުރުވެރިކަމާއި އިންފްރާސްޓްރަކްޗާއަށް އިންވެސްޓު ކުރާ ކުންފުނިތަކާއި އެމެރިކާ އާއި އިޒްރޭލާއި އަދި އެ ދެފަރާތާއެކު އިބްރާހީމީ މުއާހަދާގައި ބައިވެރިވެފައިވާ އަރަބި ގައުމުތަކާއި، ވޯލްޑް ބޭންކާއި ގަލްފް ސޮވަރިން ވެލްތު ފަންޑު ފަދަ ބައިނަލްއަގްވާމީ މާލީ އިދާރާތަކެވެ.

ޕިލްޒްމަން ބުނަނީ 50 އަހަރަށް ބިންތައް ކުއްޔަށް ހިފުމުގެ ބޭނުމަކީ، ޣައްޒާއިން "ހައްދުފަހަނައަޅާފައިޥާ ހަރުކަށިކަން" ނައްތާލުމަށް އެވަރުގެ މުއްދަތެއް ބޭނުންވާނެތީ ކަމަށެވެ. އެއީ އެތައް ޖީލަކުން އެބަދަލު ގެނެވޭނެތީ ކަމަށެވެ. އޭނާ ބުނަނީ އެއީ "ނާޒީ ވިސްނުން" ޣައްޒާ މީހުންގެ ސިކުނޑިން ފޮހެލުމަށް ބޭނުންވާނެ މުއްދަތު ކަމަށެވެ.

5 އަހަރުގެ މުއްދަތުގައި ޣައްޒާ އިމާރާތް ކުރާއިރު ޕިލްޒްމަން ހުށަހަޅަނީ ޣައްޒާގެ މީހުން ޤަތަރުގެ ހޮޓާތަކުގައި ބައިތިއްބާށެވެ. ގަތަރުގައި ހޮޓެލްތަކުގައި ދެ މިލިއަނަށްވުރެ ގިނަ ހުސް ހޮޓަލް ކޮޓަރި ހުންނަ ކަމަށާއި އެއީ މީހުން ދިރި ނޫޅޭ ލަގްޒަރީ ފަސް ތަރީގެ ހޮޓަލްތައް ކަމުން އެތަންތާނގައި 5 އަހަރަށް ފަލަސްޠިނު މީހުން ބޭތިއްބި ދާނެ ކަމަށް އޭނާ ބުނެއެވެ.

ޕިލްޒްމަން ގަބޫލުކުރާ ގޮތުގައި ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތް ތިން ހަތަރު އަހަރު ތެރޭގައި ނުނިމޭނެ ކަމަށާއި ނަމަވެސް ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތެއް އެކަމަށް ނަގާނެއެވެ.

އޭނާގެ ޕްލޭންގައި އެންމެ ޚާއްސަ ކަމަކީ:

ޣައްޒާ މީހުންނަށާއި ފަލަސްޠީނު މީހުންނަށް އަމިއްލަ ނިންމުން ނިންމުގެ އެއްވެސް ހައްގެއް ދިނުމަށް އިންކާރު ކުރާކަން. ޒާތީ ވެރިކަމުގެ ހައްގެއް ލިބިފައި ނުވާކަން.

ދެކޮރެއާ ދެމެދު އޮންނަ ގޮތަށް ހަތިޔާރު ބޭނުން ނުކުރާ ޒޯނުތަކެއް އިޒްރޭލާއި އިޒްރޭލުގެ އަވަށްޓެރިންނާއި ޣައްޒާއާ ދެމެދު ބޭއްވުން.

ޕިލްޒްމަންގެ ޑޮކިއުމެންޓްގައި ޣައްޒާ ސިފަކޮށްފައި ވަނީ "މައްސަލަ ޖެހިފައިވާ ސަރަހައްދުގެ ގޮތުގައި. (މިއީ 1993ގައި ޔަހޫދީންނާއި ފަލަސްޠީނާ ދެމެދު ސޮއިކޯށްފައިވާ އޮސްލޯ މުއާހަދާއާ ޚިލާފް ވާހަކައެކެވެ.)

ޕިލްޒްމަން ބުނަނީ ރަސްމީ އިދާރާއަކު ޣައްޒާ މީހަކަށް އެއްވެސް ބިމެއް ދީފައިޥާ ކަމުގެ އެއްވެސް ލިޔުމެއް ފެންނާން ނެތް ކަމަށް. އަދި ޣައްޒާގެ ބިމުގެ މިލްކުވެރިކަން މިހާރު އެތާގައި ތިބި މީހުންނަށް ލިބިގެން ނުވާކަން.

ޣައްޒާ އިމާރާތް ކުރާއިރު އެންމެ ފުރަތަމަ ކަމަކަށް ގައްޒާ ކޮނެ ހަމާސްގެ ހުރިހައި ބިންގަރާސްތައް ސާފު ކުރަން ޖެހޭ ކަމަށް ބުނެފައިވޭ.

ޣައްޒާގައި ބޭނުން ކުރަން އޭނާ ހުށަހަޅަނީ އިނގިރޭސި ގާނޫނު،. އެއީ އެމެރިކާ މިނިވަންވެގެން ބޭނުން ކުރި ގާނޫނީ ނިޒާމު ކަމަށް ބުނޭ. އަދި އެއިން އިންވެސްޓަރުންނަށް އެމީހުންގެ ފައިސާ އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަން ލިބޭ ކަމަށް ބުނޭ.

ދައުލަތް ހިންގުމުގެ އެއްވެސް ކަމެއްގައި ދީނު ހިމަނައިގެން ނުވާނެ ކަމަށް ބުނެފައި ވޭ.

ހިއްސާ ކުރައްވާ!