އެތައް އަހަރެއް ވަންދެން ފަޅަށް ދޫކޮށްފައިވާ ޖިންނިން ދިރިއުޅޭ ގަނޑު ވަރު 25 މިލިއަން ދިރުހަމަށް ވިއްކަން ނިންމައިފިއެވެ. މި ގަނޑުވަރަކީ، 4 ފަންގިފިލާއަށް ހަދާފައިވާ 20،000 އަކަމީޓަރުގެ ސަރަހައްދެއްގައި 35 ކޮޓަރި ހިމެނޭ ގަނޑުވަރެކެވެ.
މި ގަނޑުވަރު ބިނާކޮށްފައި ވަނީ 1985 ގައި މަރުހޫމް ޝައިޚް އަބްދުލްއަޒީޒް ބިން ހަމީދު އަލްޤާސިމީ އެވެ، އޭނާ ދުވަހަކުވެސް މި ގަނޑުވަރަކަށް ވަޑައެއް ނުގަންނަވައެވެ. އަދި އޭނާ ނިޔައުވުމަށްފަހު ވާރުތަވެރިން ވަނީ މި ގަނޑުވަރުގައި ބުދުތައް ބަހައްޓާފައިވާތީ އެކަމަށް އިއުތިރާޒް ކޮށްފައެވެ. މި ގަޑނުވަރު ޑިޒައިން ކޮށްފައި ވަނީ އިސްލާމީ އަދުި މޮރޮކޯ ފާރިސްކަރައާއި ހިންދުކަރައިގެ ފަރުމާތަކަށް ބަލައިގެންނެވެ.

ފަރުބަދައެއްގެ މަތީގައި ހަދާފައިވާ މި ގަނޑުވަރުން އާދަޔާ ޚިލާފް އަލިތައް ފެންނަކަމަށާއި އަޑުތައް އިވޭކަމަށް މީހުން ބުނެއެވެ. މި ގަނޑުވަރު ބިނާކޮށްފައި ވަނީ ކުރިން މިތާގައި ހުރި ބިޔަ ގަހެއް ކަނޑައިގެންނެވެ. މީހުން ބުނަނީ އެގަހަކީ ޖިންނިތައް އައިސް ޖައްސާ ގަހެއް ކަމަށެވެ!
ފްރާންސް އަދި ބެލްޖިއަމްއިން ގެނަސްފައިވާ ފާނޫޒްތަކާއި އަގުބޮޑު ސަންގުމަރުމަރު ހިލައިން ތަޅުން ޖަރީކޮށްފައި ވެއެވެ. އަދި ބިއްލޫރި ޕިރަމިޑް ފަރުމާއަށް ގުއްބު ފަރުމާކޮށް ގުދުރަތީ އަލި ލިއްބައި ދެއެވެ.
މި ގަނޑުވަރު ގަންނަ ފަރާތަކީ ޔޫއޭއީގެ ރައްޔިތެއް ކަމުގައި ވާންޖެހެއެވެ.






