ބަނގްލަދޭޝްގައި ނިޒާމުން މީހުން ގެއްލުވާލި 15 އޮފިސަރުން ބަންދުކޮށްފި

ބަންގްލަދޭޝްގެ ކޯޓަކުން ވަނީ އެގައުމުގެ ސަރުކާރު ވައްޓާލި، 2024 ވަނަ އަހަރުގެ މުޒާހަރާތަކުގައި ނިޒާމުން މީހުން ގެއްލުވާލުމަށް ހިންގާފައިވާ ކުށްތަކާއި، އެ މުޒާހަރާގައި އާންމުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާވެރި އަމަލުތައް ހިންގުމުގެ ދައުވާގައި ސިފައިންގެ އިސް 15 އޮފިސަރުން ބަންދު ކުރުމަށް އަމުރުކޮށްފައެވެ. މިއީ ބަންގްލަދޭޝްގައި ނިޒާމުން މީހުން ގެއްލުވާލުމުގެ ކުށަށް ރަސްމީކޮށް ދައުވާ އުފުލާފައިވާ ފުރަތަމަ ފަހަރެވެ. އަދި މިހާ ގިނަ އަދަދެއްގެ ސިފައިންގެ އިސް އޮފިސަރުންގެ މައްޗަށް މަދަނީ ކޯޓެއްގައި ޝަރީޢަތް ހިންގާ ފުރަތަމަ ފަހަރު ވެސް މެއެވެ.

މި 15 އޮފިސަރުންގެ ތެރޭގައި ފަސް ޖެނެރަލުން ހިމެނެއެވެ. މިމީހުންނަށް ތުހުމަތު ކުރެވެނީ، މިހާރު މަޤާމުން ދުރުކޮށްފައިވާ ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ ދައުރުގައި ސިއްރު ބަންދު މަރުކަޒުތަކެއް ހިންގައި އެތަންތާނގައި މީހުން ވަގަށް ނަގައިގެން ބޭތިއްބި ކަމުގެ ކުށެވެ. ދައުވާ ލިބޭ ހުރިހާ މީހުންނަކީވެސް ބަންގްލަދޭޝްގެ މިލިޓަރީ އިންޓެލިޖެންސްގައި ނުވަތަ އެގައުމުގެ ބިރުވެރި ޕެރަމިލިޓަރީ ރެޕިޑް އެކްޝަން ބެޓޭލިއަން (ކުރިސީބީ) ގައި މަސައްކަތްކޮށްފައިވާ ބައެކެވެ.

ބަނގްލަދޭޝް ސިފައިން ވަނީ ކޯޓުގެ އަމުރަށް ތަބާވާނެ ކަމަށް ބުނެފައެވެ.

އދ ގެ އިންސާނީ ހައްޤުތަކާ ބެހޭ ކޮމިޝަންގެ ވޮލްކާ ޓާކް ވިދާޅުވީ، މި ޝަރީޢަތަކީ ނިޒާމުން މީހުން ގެއްލުވުމުގެ މަސައްކަތުގައި ޖަވާބުދާރީކުރުވުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ބަންގްލަދޭޝް އިން ދަނީ ޙަސީނާގެ ސަރުކާރާ ގުޅިގެން އިންސާނީ ހައްގަށް އަރައިގެންފައިވާ ކުރީގެ އިސް އެތައް މަސްއޫލުވެރިންގެ މައްޗަށް ޝަރީޢަތް ހިންގަމުންނެވެ. ޙަސީނާ މިހާރު ހުންނެވީ އިންޑިޔާގައި ފިއްލަވާފައެވެ. އަދި އޭނާގެ ޕާޓީ، އަވާމީ ލީގް ވަނީ މިހާރު މަނާ ޕާޓީއެއް ކަމަށް ކަނޑައަޅާފައެވެ.

އދ އިން ބުނާ ގޮތުގައި 2024 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހާ ދެމެދު ސަރުކާރާ ދެކޮޅު ކުރި މުޒާހަރާތަކުގައި 1,400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ޙަސީނާގެ ވެރިކަމުގައި، ކްރިސީބީގެ ބާރުތަކުން ގިނަ އަދަދެއްގެ މީހުން މަރާލާފައިވާއިރު، އެ ޖަމާޢަތަށް އެމެރިކާއިން ވަނީ 2021 ވަނަ އަހަރު ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ހިއްސާ ކުރައްވާ!