އިންޑިއާގެ ދިފާއީ ވަޒީރު އޮސްޓްރޭލިއާގައި

އިންޑިއާގެ ދިފާޢީ ވަޒީރު ރާޖްނާތު ސިންގް އޮސްޓްރޭލިއާއަށް ކުރެއްވި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމުގައި މުހިންމު ބަދަލެއް ގެނައި ދަތުރެއް ކަމަށް އިންޑިއާއިން ބުނެއެވެ. މިދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ޚާރިޖީ އަދި ސަލާމަތީ އެއްބާރުލުމުގެ ދާއިރާއިން ގުޅުން ބަދަހިވެ އިންޑޯ-ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ސްޓްރެޓީޖީ ވަރުގަދަވާން މެދުވެރި ވެއެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ޕާޓްނަރޝިޕްގެ ފަސްވަނަ އަހަރާ ދިމާކޮށް ކުރެއްވި ދަތުރުފުޅެކެވެ. އިންޑިއާއާއެކު އޮސްޓްރޭލިއާގެ ގުޅުން ބަދަހި ވެފައި ވަނީ ކަނޑާއި ވައިގެ ދާއިރާއާއި އިންޑޯ-ޕެސިފިކް ސަރަހައްދާ ގުޅުވައިގެންނެވެ.

މިދިޔަ މަދު އަހަރުތަކުގެ ތެރޭގައި، ކެންބަރާ އަދި ނިއުދިއްލީއިން ވަނީ ދެ ޤައުމުގެ ގުޅުމަކީ އިތުބާރު އުފައްދާ ގުޅުމެއްކަން ސާބިތުކޮށްދީފައެވެ. ދެގައުމުން މިޔުޗުއަލް ލޮޖިސްޓިކްސް ސަޕޯޓް އެރޭންޖްމެންޓް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2020ގައެވެ. މި އެއްބަސްވުމުގެ ސަބަބުން އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ އުޅަނދުފަހަރު އެއްގައުމުން އަނެއް ގައުމުގައި މަރާމާތުކުރުމާއި ތެޔޮ އެޅުމުގެ ފުރުސަތު ލިބިފައިވެއެވެ.

އެއަށްފަހު އޮސްޓްރޭލިއާގެ ދިފާޢީ ވަޒީރު ރިޗާޑް މާލްސް ވަނީ މިއަހަރު ނިއުދިއްލީއަށް ދަތުރުފުޅެއް ކުރައްވާފައެވެ. އަދި 2024 ވަނަ އަހަރު، އިންޑިއާ އާއި އޮސްޓްރޭލިއާއިން ވަނީ ރޯޔަލް އޮސްޓްރޭލިއަން އެއަރފޯސް އާއި އިންޑިއަން އާމްޑް ފޯސަސްއަށް ވައިގެތެރޭގައި ތެޔޮ އެޅުމުގެ ކުޅަދާނަކަން އިތުރު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް، ދެގައުމުގެ ސިފައިންގެ އިންޓައޮޕަރެބިލިޓީ ވަރުގަދަކޮށްފައެވެ. މީގެ އިތުރުން އަސްކަރީ ތަމްރީންތައް ކަމަށްވާ ޓެލިސްމަން ސޭބަރ 2025 ގައި އިންޑިއާ ބައިވެރިވުމަކީ ދެ ގައުމުގެ ދިފާޢީ ގުޅުމަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

ސިންގްގެ ދަތުރުފުޅުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި އޮސްޓްރޭލިއާ–އިންޑިއާ ގެ ދިފާޢީ ވަޒީރުންގެ ފުރަތަމަ ޑައިލޮގް ބޭއްވުން ހިމެނެއެވެ. މިބައްދަލުވުމުގެ އެންމެ މުހިންމު ނަތީޖާއަކީ މިޔުޗުއަލް ސަބްމެރީން ރެސްކިއު ސަޕޯޓް އެންޑް ކޯޕަރޭޝަން އާ ބެހޭ އެއްބަސްވުން ތަންފީޒު ކުރުމަށް ކުރަން ޖެހޭ ކަންކަމަށް އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ކަނޑުގެ އަޑީގެ ހަރަކާތްތަކުގެ ދާއިރާގައި ގުޅުން ބަދަހިވެ އިންޑިއާ ކަނޑުގައި ޗައިނާގެ ބާރު ފެތުރުމަށް ހުރަސް އެޅުން ހިމެނެއެވެ.

އޮސްޓްރޭލިއާ އާއި އިންޑިއާއިން ވަނީ ދިފާޢީ ޓެކްނޮލޮޖީގެ ދާއިރާއިން ވެސް އެއްބާރުލުން ދިނުމަށް އެއްބަސްވެފައެވެ. މީގެ ތެރޭގައި ޖޮއިންޓް ވޯކިންގ ގްރޫޕްސް އޮން ޑިފެންސް އިންޑަސްޓްރީ، ރިސަރޗް އަދި މެޓީރިއަލްސް ގެ ދާއިރާ ހިމެނެއެވެ. އިންޑިއާގެ ޝިޕްޔާޑްތަކުގައި ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ އުޅަނދުފަހަރު މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ޚިދުމަތް ދިނުމަކީ ވެސް އެއްބަސްވެފައިވާ ކަމެކެވެ. މީގެ ސަބަބުން ކަނޑުމަތީގައި ގިނަ ދުވަސް ވަންދެން މަނަވަރުތަކަށް އުޅުމަށް އެހީތެރިވެދެއެވެ.

މި ދަތުރުފުޅަކީ ބާރަ އަހަރު ފަހުން އިންޑިއާގެ ދިފާޢީ ވަޒީރަކު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ހިއްސާ ކުރައްވާ!