ޓްރަމްޕް ދޯހާގައި ޤަތަރުގެ އަމީރަށް ޚުޝާމަދު ކުރައްވަނީ

އޭޕެކް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް މެލޭޝިއާއަށް ވަޑައިގަންނަވާ މަގުމަތީގައި އެމެރިކާގެ ރައީސް ޤަތަރުގައި މަޑުކުރައްވައިފިއެވެ. ޓްރަމްޕް ވަނީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލަސާނީއާ އެކު ދޯހާގައި މަޝްވަރާތައް ބާއްވަވާފައެވެ.

އެއާފޯސް ވަންގެ އުދުހޭ ބޯޓުގައި ޝެއިޚް ތަމީމާ އެކު، ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން އާލަސާނީވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޓްރަމްޕް ވަނީ ޖެނޮސައިޑް ހުއްޓުވުމަށް މެދުވެރިއެއްގެ ގޮތުން ޤަތަރުން ކޮށްފައިވާ މަސައްކަތަށް ގަތަރަށް ޝުކުރު އަދާކުރައްވާފަ އެވެ. "އަޅުގަނޑުމެންނަށް މިހާރު ލިބިފަ މިއޮތީ ރައްކާތެރި މެދުއިރުމައްޗެއް، އަދި އެގޮތުގައި އޮންނަން ބޭނުންވަނީ،" އެއާފޯސް ވަން ބޯޓުގައި ޓްރަމްޕް ވިދާޅުވި އެވެ.

"ގަތަރަކީ އެމެރިކާގެ ބަދަހި އެކުވެރިއެއް،" އޭނާ އިތުރަށް ވިދާޅުވި އެވެ.

ޓްރަމްޕްގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާއަށް ތައްޔާރުވާން ދާއިރުވެސް ޣައްޒާއަށް ކާނާއާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ. މިކަމަށް އަދިވެސް ހައްލެއް ހޯދިފައެއް ނުވެއެވެ. އެމރިކާއިން ވެސް ވަނީ ހަމާސް ބަދުނާމުކޮށްފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވެސް ވަނީ ޣައްޒާގައި އެތައް ގައުމުން ބައިވެރިވާ އަސްކަރީ ބާރަކަށް ހުއްދަ ދިނުމަށް އދން ގަރާރެއް ފާސްކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ގިނަ ގައުމުތަކުން ވަނީ މާލީ ގޮތުން ވިޔަސް، އިންސާނީ ގޮތުން ވިޔަސް ނުވަތަ އެ ދެ ގޮތަށް ވިއަސް އަސްކަރީ ބާރުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

 

ހިއްސާ ކުރައްވާ!