ގަވާއިދާ ޚިލާފަށް އުޅޭ މީހުން ދެނެގަންނަ ސްމާޓް ކާރެއް ތައާރަފުކޮށްފި

ދުބާއީގައި ކުރިއަށްދާ ޓެކްނޮލޮޖީގެ މައުރަޒު، "ޖިޓެކްސް" ގައި، އާޓިފިޝަލް އިންޓެލިޖެންސް (މަބު) ގެ އެހީގައި ގަވާއިދާ ޚިލާފަށް އެގައުމުގައި ދިރިއުޅޭ މީހުން ހޯދައި ގަންނަ ކުރިއަރާފައިވާ ސްމާޓް ކާރެއް ތަޢާރަފުކޮށްފިއެވެ. މިއީ ގަވާއިދާ ޚިލާފަށް އުޅޭ މީހން ހޯދުމުގެ މަސައްކަތްތަކަށް އަންނާނެ އިންގިލާބީ ބަދަލެއް ކަމަށް އެގައުމުގެ ކަސްޓަމްސްއާއި އިމިގްރޭޝަން އިދާރާއިން ބުނެއެވެ.

މި ސްމާޓް ކާރުގެ މަޤްޞަދަކީ ބިދޭސީން ޗެކްކުރުމަށް މަގުމަތީގައި އުޅޭ ޓީމުތަކަށް އެހީތެރިވެ، ވިސާގެ ގަވާއިދުތަކާ ޚިލާފުވާ މައްސަލަތައް ވަގުތުން ރައްކާތެރިކަމާއެކު ހައްލުކޮށް ދިނުމެވެ. މިކަމުގެ ސަބަބުން މިހާރު ބޭނުންކުރާ ގަވާއިދާ ޚިލާފަށް އުޅޭ މީހުން ހޯދުމުގެ އާންމު މަސައްކަތަށް ބަރޯސާވުން ކުޑަވެ، ކުއްލި އަދި ނުރައްކާތެރި ޙާލަތްތަކަށް އަވަހަށް އިޖާބަދިނުމަށް އޮޓޮމެޓިކް ތަހުލީލީ މަސައްކަތް ބޭނުންކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް ގެ ފެޑެރަލް އޮތޯރިޓީ ފޯ އައިޑެންޓިޓީ، ސިޓިޒަންޝިޕް، ކަސްޓަމްސް އެންޑް ޕޯޓް ސެކިއުރިޓީން، ބުނެއެވެ.

ވަށައިގެންވާ މާހައުލު ފެންނަގޮތަށް މި ކާރުގައި ހައި ރިޒޮލިއުޝަންގެ ހަ ކެމެރާ ހަރުކޮށްފައި ވެއެވެ. މި ކެމެރާތަކަށް 10 މީޓަރު ދުރުން ފޮޓޯ ނަގައި މީހުންގެ މޫނު ވަގުތުން ދިރާސާކުރުމުގެ ގާބިލްކަން ލިބިފައިވެއެވެ. މީގެ އިތުރުން، އެއްފަހަރާ 50 މީހުންގެ މޫނު ދެނެގަނެ، އެ މީހުންގެ ލޮލުގެ ކަޅުކަޅި ފާހަގަކޮށް އޭގެ ތެރޭން ގަވާއިދާ ޚިލާފަށް އުޅޭ މީހުން ފާހަގަ ކޮށްދޭނެއެވެ. މޫނު ދަނެގަންނަ ފޭސް ރިކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން އިގާމާގެ ގަވާއިދާ ޚިލާފްވެފައިވާ ފަރާތްތައް ފާހަގަ ކޮށް އެމީހުންނަށް ވަގުތުން ޖޫރިމަނާ ދެއްކުމުގެ ފުރުސަތު ވެސް ލިބިގެން ދާނެއެވެ.

ޖިޓެކްސް މައުރަޒުގައި ކާރު މަސައްކަތްކުރާނެ ގޮތުގެ ޢަމަލީ ފިޔަވަޅުތައްވެސް ވަނީ ދައްކާލާފައެވެ. މި ކާރަކީ ކަރަންޓުން ދުއްވާ ކާރެކެވެ. އެއްފަހަރު ފުރިހަމައަށް ޗާޖުކޮށްގެން 680 ކިލޯމީޓަރަށް ދަތުރު ކުރާނެއެވެ. މި ސްމާޓް ކާރު 2026 ވަނަ އަހަރުގެ ތެރޭގައި ޢަމަލީ ޚިދުމަތަށް ނެރެވޭނެ ކަމަށް ލަފާކުރެވެއެވެ.

ހިއްސާ ކުރައްވާ!