އިންޑިއާގެ ލައިފް އިންޝުއަރެންސް ކޯޕަރޭޝަން (އެލްއައިސީ) އިން ވަނީ، އެ ކުންފުނީގެ ފައިސާ ބޭނުންކޮށްގެން އަދާނީ ގްރޫޕަށް އެހީތެރިވުމަށް އިންޑިއާ ސަރުކާރުން ރާވާފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. އިންޑިއާއިން މި ކަން ދޮގު ކުރީ ވޮޝިންޓަން ޕޯސްޓޫން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެންނެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އިންޑިއާ ސަރުކާރުގެ އޮފިޝަލުން ވަނީ އެލްއައިސީގެ ފައިސާގެ ތެރެއިން 3.9 ބިލިއަން ޑޮލަރު އަދާނީގެ ކުންފުނިތަކުގައި އިންވެސްޓު ކުރުމަށް ޕްރޮޕޯސަލެއް އެކުލަވާލާފައެވެ. އެއީ އިންޑިއާގެ މަހާސާދާގަރު ގައުތަމް އަދާނީއަށް ބޭރުގެ މާލީ އިދާރާތަކުން ކިޔާ ފާޑުކިޔުންތަކުން ސަލާމަތްވުމަށް އިންވެސްޓް ކޮށްދޭން ކުރާ ކަމެއްކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ނަމަވެސް، އެލްއައިސީން ވަނީ މި ދައުވާތަކަށް ރައްދުދީފައެވެ. އެ ކުންފުނިން ބުނެފައިވަނީ މި ވާހަކަތަކަކީ "ދޮގު އަދި އެއްވެސް އަސާސެއް ނެތް" ވާހަކަތަކެއް ކަމަށެވެ. އަދި އެލްއައިސީ ނުވަތަ އިންޑިއާ ސަރުކާރުން ވެސް މިފަދަ އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާނެ ކަން އެ ކުންފުނިން ވަނީ ސާފުކޮށްދީފައެވެ. އަދި އެލްއައިސީގެ އިންވެސްޓްމަންޓްތައް ހިންގަނީ ހަރުދަނާ އުސޫލުތަކަކަށް ކަމަށާއި، ސިޔާސީ ފަންތީގެ ނުފޫޒު އެކަމަށް ނުފޯރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އަދާނީ ގްރޫޕް އިން ވެސް ވަނީ މިފަދަ އެއްވެސް ޕްލޭނެއްގައި ބައިވެރިވުމެއް ނެތް ކަމަށް ބުނެފައެވެ. އެ ކުންފުނިން ބުނެފައި ވަނީ އެލްއައިސީން އެތައް ކުންފުންޏެއްގައި އިންވެސްޓްކުރަމުންދާ ކަމަށާއި، އެގޮތުން އަދާނީ ގްރޫޕަށް އެއްވެސް އާދަޔާ ޚިލާފް މުއާމަލާތެއް ކުރުމަށް އިމްތިޔާޒް ދީފައި ނުވާ ކަމަށެވެ. އަދި އެލްއައިސީން 2025 ވަނަ އަހަރުގެ މޭ މަހު އަދާނީ ކުންފުނިން ހިންގާ ޕޯޓްސް ކުންފުނީގައި 568 މިލިއަން ޑޮލަރު އިންވެސްޓްކުރިއިރު، އެ އިންވެސްޓްމަންޓުން 7.75 އިންސައްތައިގެ ފައިދާއެއް ލިބިފައިޥާ ކަމަށްވެސް ބުނެފައި ވެއެވެ. މިއީ ސަރުކާރުގެ ބޮންޑުތަކުގައި އިންވެސްޓު ކުރުމުން ލިބޭ އަދަދަށް ވުރެން މަތީ ފައިދާއެއް ކަމަށް ބުނެއެވެ. އަދި އަދާނީގެ ޖުމްލަ ދަރަންޏަށް ބަލާއިރު، އެލްއައިސީގެ އިންވެސްޓްމަންޓް ހިއްސާ ކުރަނީ ދެ އިންސައްތައަށް ވުރެ ކުޑަ އަދަދެކެވެ.
މި ރިޕޯޓު ލިޔުނު ނޫސްވެރިޔާ، ރަވީ ނައްޔަރަކީ މީގެ ކުރިން ވެސް އަދާނީ ގްރޫޕް ބަދުނާމުކޮށް ވާހަކަ ދެއްކުމުގެ ދަޢުވާތަކާ ކުރިމަތިލާފައިވާ މީހެކެވެ. ބައެއް ފާޑުކިޔުންތެރިން ބުނާ ގޮތުގައި އޭނާގެ ރިޕޯޓިންއަކީ ސިޔާސީ މަގުސަދެއް އޮވެގެން ކުރާ ކަމެއް ކަމަށާއި، އެކަށީގެންވާ ހެއްކެއް އޭނާގެ ރިޕޯޓުތަކުގައި ނުހުންނަ ކަމަށް އަދާނީން ބުނެއެވެ. އެލްއައިސީ އާއި އަދާނީ ގްރޫޕް ވެސް ބުނަނީ ސިއްރު ޕްލޭނެއްގެ ދަށުން އިންވެސްޓްކުރާ ކަމަށް ބުނާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ނޫން ކަމަށާއި، އެލްއައިސީގެ އިންވެސްޓްމަންޓްތައް ހިންގަނީ މިނިވަންކަމާއެކު ކަމަށެވެ.





