ނޫސްވެރިޔާ ޝީރީން އަބޫއަގްލާ ޝަހީދުކޮށްލި މައްސަލައިގެ ރިޕޯޓަށް އެމެރިކާއިން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށްފި

އަލްޖީރިއާގެ ނޫސްވެރިޔާ ޝިރީން އަބޫ އަގްލާ 2022 ވަނަ އަހަރު ޝަހީދުކޮށްލި މައްސަލައިގެ ރިޕޯޓުގައި ހިމެނޭ ހޯދުންތައް ބައިޑަންގެ ސަރުކާރުން ސިއްރުކުރި ކަމަށް އެމެރިކާގެ ސިފައިންގެ ކުރީގެ ކާނަލްއެއް ކަމަށްވާ ސްޓީވް ގަބަވިކްސް އާންމުކޮށް ތުހުމަތުކޮށްފިއެވެ. މި މައްސަލައިގެ އިންޓަ-އޭޖެންސީ އެސެސްމެންޓް އެކުލަވާލުމުގައި ބައިވެރިވި ގަބަވިކްސް ވިދާޅުވީ، އިޒްރޭލުގެ ސިފައިންގެ މީހަކު އަބޫ އަކްލޭ ގަސްތުގައި ބަޑިޖަހާ މަރާލިކަން އަންގައިދޭ ހެކިތައް އިޒްރޭލަށް ފައިދާވާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ނިއުޔޯކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ގަބަވިކްސް ވަނީ، އަބޫ އަގްލާގެ މަރަކީ “ހިތާމަވެރި ހަދިސާއެއް” ކަމަށާއި “އެއީ ގަސްތުގައި ކުރި ކަމެއް ކަމަށް ގަބޫލުކުރަންވީ އެއްވެސް ސަބަބެއް ނެތް” ކަމަށް ބުނެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ރަސްމީ ބަޔާނަކީ އެތެރޭގެ ބަހުސްތަކާއި ހަތިޔާރާ ގުޅޭ ހެކިތަކަށް ފަރުވާލެއް ނުބަހައްޓައި ނެރުނު ބަޔާނެއް ކަމަށް ތުހުމަތުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އިޒްރޭލުގެ ސިފައިންގެ މުވާސަލާތީ ގުޅުމުގެ ރިޕޯޓްތަކާއި ޓްރެފިކް އަދި ސްނައިޕަރުންގެ އަމަލުތައް ހުރިގޮތުން އެއީ އެމީހުން ގަސްތުގައި އަމާޒުކޮށްގެން ހިންގާފައިވާ ޖަރީމާއެއް ކަމުގެ ހެކިތައް ހުރި ކަމަށެވެ. މީގެ އިތުރުން، އެ ވަގުތު ހާދިސާ ހިނގި ތަނުގައި ނޫސްވެރިން ތިބީ ވަރަށް ރީއްޗަށް ފެންނަން ހުރި ތަނެއްގައި ކަމަށާއި، އެތަނުން އެއްވެސް ހަމަލާއެއް ދީފައި ނުވާ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ގަބަވިކްސް ވިދާޅުވީ، އޭނާގެ ކަންބޮޑުވުންތައް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނަށް ހުށަހެޅި ނަމަވެސް، އެކަމުން ފަހުން އޭނާ އެކަހެރިކޮށްފައިވާ ކަމަށާއި، އެމެރިކާއިން އެ މައްސަލައިގެ އަމިއްލަ ތަހުގީގެއް ދުވަހަކު ވެސް އާންމުކޮށްފައި ނުވާ ކަމަށެވެ. މި ހާދިސާގައި އެމރިކާ ސަރުކާރުން ކަންކޮށްފައިވާ ބޭއިންސާފުވެރި ގޮތަކީ، އޭނާގެ ހިތުގައި އަބަދުވެސް އޮންނަ ކަމެއް ކަމަށް ވިދާޅުވަމުން، އެއީ އެމެރިކާގެ ސަލާމަތީ ކަންކަމުގައި އިޒްރޭލަށް ފައިދާވާ ގޮތަށް ނިޒާމު ބައްޓަން ކޮށްފައިވާކަން ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މި ތުހުމަތުތަކުގެ ސަބަބުން އަބޫ އަގްލާގެ މަރުގެ މައްސަލައިގައި އެމެރިކާގެ ސަރުކާރުގެ ދައުރާ މެދު އަލުން ސުވާލު އުފައްދަން ފުރުސަތު ލިބެއެވެ. އެހެންވެސް އެމެރިކާއަކީ އިސްރާއީލުން ހިންގާ ޖެނޮސައިޑާ އަދި އެނޫންވެސް އުދުވާނީ ޖަރީމާތަކަށް ހަތިޔާރާއި ފައިސާއިން އެހީވެދޭ ގައުމެވެ. އެމެރިކާގެ ރައީސް ވެސް ވަނީ ޖެނޮިސައިޑަށް ވާގިވެރި ވެފައިވާ ކަމަށް ޔަހޫދީންގެ ގާނޫން ހަދާ މަޖިލިސްގައި އެއްބަސްވެފައެވެ.

ހިއްސާ ކުރައްވާ!