ދުނިޔޭގެ ސިވިލް އެވިއޭޝަންގެ މާރެސް ބަދަލުކޮށްލާނެ ފަދަ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިންޑިއާއިން ވަނީ ރަޝިޔާއާ އެކު މަތިންދާބޯޓު އުފައްދާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، އެ ދެޤައުމު ގުޅިގެން އެސްޖޭ-100 މަރުކާގެ ބޯޓުތައް އުފެއްދުމަށް ހަމަޖެހިފައި ވެއެވެ. މިއީ އިންޑިއާއަށް ބައިނަލްއަޤްވާމީ އެވިއޭޝަން ވިޔަފާރީގެ މާކެޓަށް ވަނުމުގެ ފުރުސަތު ހުޅުވާލާނެ ކަމެކެވެ.
އިންޑިއާގެ ސަރުކާރު ހިއްސާވާ ހިންދުސްތާން އެއެރޮނޯޓިކްސް ލިމިޓެޑް (އެޗްއޭއެލް) އާއި ރަޝިޔާގެ ޔުނައިޓެޑް އެއަރކްރާފްޓް ކޯޕަރޭޝަން (ޔޫއޭސީ) އާ ދެމެދު މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އޮކްޓޯބަރު 27 ގައި މޮސްކޯގައެވެ. މި އެއްބަސްވުމާއެކު އިންޑިއާއަށް އެސްޖޭ-100 އުފެއްދުމުގެ ހައްގު ލިބެއެވެ. އެސްޖޭ-100 އަކީ ސުކޯއި ސުޕަރޖެޓް 100 ގެ މަރުކާގެ އައު ވައްތަރެކެވެ. މި ފްލައިޓްގައި މިހާރު ބޭނުންކުރާ ބައިތަކަކީ މުޅިވެސް ރަޝިޔާގައި އުފައްދާފައިވާ ބައިތަކެވެ؛ އޭގެ ތެރޭގައި އާ ޕީޑީ-8 މަރުކާގެ އިންޖީނުތަކާއި ރަޝިޔާގެ އޭވިއޮނިކްސް ސިސްޓަމްތައް ހިމެނެއެވެ. މިއީ ރަޝިޔާއާ ދެކޮޅަށް އަޅާާފައިވާ ދެމިގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހުޅަނގުގެ ސަޕްލަޔަރުންނާ ދުރަށް ޖެހި، ރަޝިޔާއިން އަމިއްލަ އުފެއްދުންތަކަށް ބަދަލުކުރަމުންދާ މަސައްކަތާ ގުޅޭ ފިޔަވަޅެކެވެ.
2022 ވަނަ އަހަރު ޔޫކްރެއިންގައި ރަޝިޔާއިން އަސްކަރީ އޮޕަރޭޝަންތައް ފެށިފަހުން، ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއަށް އެއަރކްރާފްޓްގެ ބައިތަކާއި މެއިންޓެނެންސް ސަޕޯޓް ލިބުން ހަނިވެފައިވެއެވެ. އެކަމުގެ ރައްދުގައި ރަޝިޔާއިން ވަނީ އަމިއްލަ އެއަރޯ ސްޕޭސް ސަޕްލައި ޗެއިން ލޯކަލައިޒް ކުރުމުގެ މަސައްކަތް އަވަސްކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މި އަހަރުގެ ކުރީކޮޅު އެސްޖޭ-100 ގައި ވަނީ މުޅިން ރަޝިޔާގެ އަމިއްލަ ސިސްޓަމްތައް ބޭނުންކޮށްގެން ކާމިޔާބުކަމާއެކު ޓެސްޓް ފްލައިޓްތައް ހަދާފައެވެ.
އިންޑިއާއަށް ބަލާއިރު، މި އެއްބާރުލުން ދައްކުވައިދެނީ ހަމައެކަނި އިންޑަސްޓްރިއަލް އެއްބާރުލުމަކަށް ވުރެ މާ މުހިންމު ކަމަކަށެވެ. މިއީ ހައި-ޓެކް މެނުފެކްޗަރިންގައި އަމިއްލަ ސިނާއަތެއް ގާއިމް ކުރުމަށް ކުރާ ސްޓްރެޓީޖިކް މަސައްކަތެކެވެ. އެސްޖޭ-100 ވާނީ އިންޑިއާގައި މުޅިން އުފައްދާ ފުރަތަމަ ޕެސެންޖަރުން އުފުލާ އެއަރކްރާފްޓަށެވެ. މި ކާމިޔާބީއަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ “މޭކް އިން އިންޑިއާ” އިނިޝިއޭޓިވްއާ އެއްގޮތްވާ ކަމެކެވެ.
އިންޑިއާއަށް، ވިޔަފާރީގެ ޖެޓްލައިނަރެއް ގުޅިގެން ތަރައްޤީކޮށް އުފެއްދުމުގެ ފުރުސަތަކީ ދުރުވިސްނޭ އަދި ބަދަލުތަކެއް ގެނުވާނެ ކަމެއް ކަމަށް ވެދާނެއެވެ.





