ވިއެޓްނާމުގެ ކާރު އުފައްދާ ކުންފުނިން އިންޑިއާގައި މަސައްކަތް ފަށައިފި

ވިއެޓްނާމްގެ އިލެކްޓްރިކް ވެހިކަލް އުފައްދާ ކުންފުނި ކަމަށްވާ ވިންފާސްޓް އޮޓޯއިން ވަނީ އިންޑިއާގައި އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ނިންމާފައެވެ. އެގޮތުން، ބޮޑެތި ސިޓީތަކުގައި 24 ޑީލަރޝިޕް ކާމިޔާބުކަމާއެކު ހުޅުވާކަން އެ ކުންފުނިން ވަނީ އިއުލާނުކޮށްފައެވެ. އިންޑިއާގަި ހަލުވިކަމާއެކު ކުރިއަރަމުންދާ އީވީ މާކެޓަށް ވިންފާސްޓްގެ ވެހިކަލްތައް ނެރުމުގެ މަޤްސަދުގައި، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 35 ތަނަކުން އުޅަނދު ވިއްކުމަށް އެ ކުންފުނިން އަމާޒު ހިފާފައިވެއެވެ.

މިހާރު ހުޅުވާފައިވާ ޝޯރޫމްތައް ހުރީ ދިއްލީ، މުމްބާއީ، ޗެންނާއީ، ބެންގަލޫރު، ކޮލްކަތާ، އަހުމަދާބާދު އަދި ހައިދަރުއާބާދު ފަދަ މުހިންމު ސިޓީތަކުގައެވެ. ކޮންމެ އައުޓްލެޓެއް ވެސް ބިނާކޮށްފައިވަނީ ވިންފާސްޓްގެ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށެވެ. މިތަންތަނުގައި މި އުޅަނދުގެ ޑިޒައިންގެ ރީތިކަމާއި ބްރޭންޑު ތަޖުރިބާ ކޮށްލެވެއެވެ.

މިހާރު ކަސްޓަމަރުންނަށް ވިންފާސްޓްގެ ޕްރިމިއަމް އިލެކްޓްރިކް އެސްޔޫވީތައް ކަމަށްވާ ވީއެފް 6 އަދި ވީއެފް 7 ބަލާލުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. މި ވެހިކަލްތަކަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ފެންވަރުގެ ޑިޒައިން އަދި މަތީ ފެންވަރުގެ ސާމާނުތަކާއެކު އައު ތަޖުރިބާއެއް ގެނެސްދިނުމަށް ޚާއްސަކޮށްފައިވާ ވެހިކަލްތަކެކެވެ.

ވިންފާސްޓު ކާރުތައް ވިއްކުމުގެ އިތުރުން، ވިންފާސްޓް އިން ވަނީ އިންޑިއާގައި ވަރުގަދަ އީވީ އިކޯސިސްޓަމެއް ބިނާކުރުމަށް ވެސް މަސައްކަތް ފަށާފައެވެ. އެގޮތުން މުޅި ޤައުމުގައި ޗާޖުކުރާ ސްޓޭޝަންތައް ހެދުމާއި މެއިންޓެނެންސް އަދި މަގުމަތީގެ މަރާމާތުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މ،ަސައްކަތް ކުރާނެ އެވެ.

ވިންފާސްޓްގެ ދިގު މުއްދަތުގެ ރޭވުން އޮތީ ތަމިލް ނާޑޫގެ ސޫތުކުޅީގައި 400 އެކަރުގެ ބިމެއްގައި ކާރު އުފެއްދުމުގެ އަމާޒެވެ. މި ފެސިލިޓީގައި ފުރަތަމަ އަހަރަކު 50,000 ވެހިކަލް އެސެމްބްލް ކުރާނެއެވެ. މި އަދަދު ފަހުން 150,000 އަށް އިތުރުކުރެވޭނެ ގޮތަށް ވަނީ ރާވާފައެވެ. މި ފެކްތްރީ ފުރިހަމައަށް ހިންގަން ފެށުމުން، 3,000 އާއި 3,500 އާ ދެމެދުގެ އަދަދަކަށް ވަޒީފާގެ ފުރުސަތުތަކާއި، ސަޕްލައި ޗެއިން މެދުވެރިކޮށް އިތުރު އެތައް ހާސް ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް ލަފާކުރެވެއެވެ.

ވިންފާސްޓްގެ މި ހަލުވި ފޭދިގެން ދިއުމަކީ އިންޑިއާއިން ގެންގުޅޭ ދުން ބޭރުނުވާފަދަ އުޅަނދުތަކަށް ބަދަލު ކުރުމުގެ ގައުމީ އަމާޒަށް ދިއުމަށް ވިންފާސްޓް ކުންފުނިން ބޭނުންވާ މިންވަރު ދައްކުވައިދޭ ކަމެކެވެ.

ހިއްސާ ކުރައްވާ!