އިންޑިއާގެ ކެރެލާ އަކީ އިންޑިއާގައި އިންތިހާއަށް ފަގީރުކަން ކަނޑުވާލި ފުރަތަމަ ސްޓޭޓްކަން ޗީފް މިނިސްޓަރު ޕިނަރާއީ ވިޖަޔަން އިޢުލާން ކުރައްވައިފިއެވެ. މި ކާމިޔާބީއަކީ ކެރެލާގެ އިޖުތިމާޢީ ތަރައްޤީގެ ތާރީޚުގައި ލިޔެވުނު އައު ބާބެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިޖަޔަން ވިދާޅުވީ، މިއީ އައު ކއެރެލާ ބިނާކުރުމަށް ޙާސިލު ކުރެވުނު ތާރީޚީ ކާމިޔާބީއެއް ކަމަށެވެ. މި މަޝްރޫޢު ފެށުނީ، 2021 ވަނަ އަހަރު އައު ސަރުކާރު ހުވާކުރުމަށްފަހުގައެވެ. މި މަޝްރޫޢުގެ ދަށުން 64,006 ނިކަމެތި އާއިލާތަކަށް އަމާޒުކޮށް ޚާއްސަ ޕްލޭންތަކެއްގެ ދަށުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫޢަށް ގާތްގަނޑަކަށް 120 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. އަދި އޭގެ މުހިންމު ނަތީޖާތަކުގެ ތެރޭގައި 20،000 އަށް ވުރެ ގިނަ އާއިލާއަށް ކާނާގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، 85،721 މީހުންނަށް މެޑިކަލް އެހީތެރިކަން ދިނުން ހިމެނެއެވެ. މީގެ އިތުރުން، 11،000 އާއި ގާތްކުރާ އަދަދެއްގެ ގެ ފަގީރުންނަށް އިމާރާތް ކޮށްދިނުމާއި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދީފައި ވެއެވެ. އަދި ބިމެއް ނެތް 2،713 އާއިލާއަށް ބިން ދޫކޮށްފައިވާއިރު، 21،000 އަށް ވުރެ ގިނަ މީހުންނަށް ފުރަތަމަ ފަހަރަށް ސަރުކާރުގެ ރަސްމީ ލިޔެކިޔުންތައް ހަދާދީފައި ވެއެވެ. އަދި 4،394 އާއިލާއަށް ދިރިއުޅުމުގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައިވެއެވެ.
ލޯކަލް ސެލްފް ގަވަރމަންޓް މިނިސްޓަރު އެމް.ބީ ރާޖޭޝް ވިދާޅުވީ، މި ޕްރޮގްރާމްގެ ކާމިޔާބީގެ އަސްލަކީ ސަރަހައްދުތަކުގެ އިދާރާތަކުން ބައިވެރިވުމެވެ. އެގޮތުން، ވާދަވެރި އިދިކޮޅު ފަރާތްތައް ކަމަށްވާ އެލް.ޑީ.އެފް ޕާީިއާއި އަދި ޔޫ.ޑީ.އެފް ޕާޓީ ގެ ލޯކަލް ބޮޑީތަކުން ވެސް މި މަސައްކަތުގައި ބައިވެރިވި ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެ ކުރިން ވެސް ކެރަލާ އަކީ ސައްތައިން ސައްތަ ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް ހާސިލުކޮށްފައިވާ ސްޓޭތެކެވެ. އަދި، މުޅި ސްޓޭޓްގައި ފުރިހަމައަށް ކަރަންޓުގެ ޚިދުމަތް ޤާއިމުކުރެވިފައިވާ ސްޓޭޓެއް ވެސް މެއެވެ.






