އިންޑިއާގެ ނޭވީގެ މުވާސަލާތީ ނިޒާމު ވަރުގަދަ ކުރުމަށް ޚާއްސަ ސެޓެލައިޓެއް ފޮނުވާލައިފި

އިންޑިއާގެ ސްޕޭސް އެޖެންސީ، އިސްރޯއިން ވަނީ އެ އެޖެންސީގެ ތާރީޚުގައި މިހާތަނަށް ފޮނުވާލި އެންމެ ބަރު ސެޓެލައިޓް މިއަދު ޖައްވަށް ފޮނުވާފައެވެ. 4.4 ޓަނުގެ މި ސެޓެލައިޓް ފޮނުވާލާފައިވަނީ ސަތީޝް ދާވަން ސްޕޭސް ސެންޓަރުން އިންޑިއާއިން އާންމު ކޮށް ސެޓެލައިޓް ފޮނުވުމަށް ބޭނުންކުރާ އެލް.ވީ.އެމް.3 ރޮކެޓް ބޭނުންކޮށްގެންނެވެ. މި ކާމިޔާބީއަކީ އިންޑިއާގެ ސްޕޭސް އަދި ދިފާޢީ ދާއިރާއަށް ލިބުނު ކުރިއެރުމެކެވެ.

މި ސެޓެލައިޓްގެ މައިގަނޑު މަޤްޞަދަކީ އިންޑިއާގެ ކަނޑުގެ ސިފައިންގެ ސަލާމަތީ މުވާސަލާތީ ނިޒާމު އިތުރަށް ވަރުގަދަ ކުރުމެވެ. ސީ.އެމް.އެސް-03 ސެޓެލައިޓްގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަނޑުގެ ސިފައިންގެ އުޅަނދުތަކާއި، ސަބްމެރީންތަކާއި، އަދި މަތިންދާބޯޓުތަކަށް ސިއްރުކުރެވިފައިވާ ސިގްނަލް ބޭނުންކޮށްގެން އެކި ހިސާބުގައި އުޅޭ މަނަވަރުތަކާ މުވާސަލާތު ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. މިއީ ކަނޑުގެ އޮޕަރޭޝަންތަކުގައި މުހިންމު ދައުރެއް އަދާކުރާނެ ނިޒާމެކެވެ.

ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މި މިޝަންއަކީ އިންޑިއާގެ ދިފާޢީ ޖައްވީ ޕްރޮގްރާމަށް ލިބުނު މުހިންމު ކާމިޔާބީއެކެވެ. މިކަމުގެ ސަބަބުން މުވާސަލާތީ ނިޒާމުތަކުގައި އެމެރިކާގެ ސެޓެލައިޓްތަކަށް ބަރޯސާވުން ކުޑަ ކުރެވޭނެއެވެ. އަދި ޤައުމީ ދިފާޢީ ކަންކަމުގައި އަމިއްލއަށް ބަރޯސާވުން އިތުރު ވެގެންދާނެއެވެ.

މިއީ ބަރު ޕޭލޯޑްތައް ޖައްވަށް ފޮނުވުމުގެ ޤާބިލުކަން އިސްރޯއށް އިތުރު ވަމުންދާކަން ދައްކުވައިދޭ ކަމެވެ.

ހިއްސާ ކުރައްވާ!