ނޭޕާލްގެ ކަޓްމަންޑޫގައި ހުންނަ އިންޑިއާގެ އެމްބަސީން އިންޑިއާ އާއި ނޭޕާލްއާ ދެމެދު އީޖާދީ ވިސްނުމާއި ވިޔަފާރީގެ ރޫޙު އާލާކުރުމަށް އަމާޒުކޮށްގެން ހިންގާ އާ ކްރޮސް ބޯޑަރު ސްޓާޓަޕް އިނިޝިއޭޓިވްއަށް އެގައުމުގެ ޒުވާނުން ކުރިމަތިލާން ހުޅުވައިފިއެވެ. މި ޕްރޮގްރާމަކީ ދެ ޤައުމުގެ ޒުވާން ވިޔަފާރިވެރިން އިންޑިއާގެ ވިޔަފާރި ވެރިންނާ ގުޅިގެން މަސައްކަތްކުރުމަށާއި، ޚިޔާލު ބަދަލުކުރުމަށް ހުޅުވައިލެވުނު މުހިންމު ފުރުޞަތެކެވެ.
ދަ ޓްރިބިއުން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން، މި އިސްނެގުމުގެ ދަށުން ދެ ޤައުމުގެ ޒުވާން ވިޔަފާރިވެރިންނަށް ގުޅިގެން ޓެކްނޮލޮޖީއާއި އީޖާދީ ދާއިރާގައި މަސައްކަތްކޮށް ޚިޔާލު ބަދަލުކޮށް ސަރަޙައްދީ ފެންވަރުގައި ދެ ފަރާތަށް އަސަރުކުރާނެ ވިޔަފާރިތައް ފުޅާކުރުމަށް ޕްލެޓްފޯމެއް ފޯރުކޮށްދޭނެއެވެ. މިކަމުގެ ސަބަބުން ސަރަޙައްދީ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި މި އިނިޝިއޭޓިވްގެ މައިގަނޑު މަޤްޞަދަކީ އިންޑިއާ އާއި ނޭޕާލްއާ ދެމެދު އޮތް އިޤްތިޞާދީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމެވެ. އަދި ޓެކްނޮލޮޖީއަށް ބަރޯސާވާ އީޖާދީ ހައްލުތައް ހޯދައި އިތުރުކުރުމާއި، ދެ ޤައުމުގެ ރައްޔިތުންގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަކީ ވެސް މި ޕްރޮގްރާމްގެ މުހިންމު އަމާޒެއް ކަމަށެވެ.
މި ސްޓާޓަޕް ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ހޮވޭ ސްޓާޓަޕްތަކަށް މެންޓަރޝިޕާއި، ނެޓްވޯކިންގގެ ފުރުޞަތުތައް ލިބިގެންދާނެއެވެ. މީގެ އިތުރުން، ދެ ޤައުމުގެ ބާޒާރުތަކަށް ވަނުމުގެ ޤާބިލުކަން ލިބި، ވިޔަފާރި ކުރިއެރުވުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް އެމްބަސީން ވަނީ ބުނެފައެވެ.





