ސައުދީ އަރަބިއްޔާއިން ދެވަނަ ގްލޯބަލް ހާމަނީ އިނިޝިއޭޓިވް އިފްތިތާހުކޮށްފިއެވެ. މި މުނާސަބާގައި މިހާރު ކުރިއަށްދާ ރިޔާޟް ސީޒަން 2025 ގެ ތެރެއިން "އިންޑިއާ ވީކް" ފާހަގަ ކުރުމަށް ހަފްތާއެއް ހޯމަ ދުވަހު ވަނީ ފަށާފައެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ ސައުދީ އަރަބްއާއި ބައިނަލްއަޤްވާމީ ބައިވެރިންނާ ދެމެދު ސަގާފީ އެއްބައިވަންތަކަމާއި، ފަންނާނުންގެ ހުނަރު ބަދަލުކުރުމާއި، އަދި ރައްޔިތުންނަށް މުނުފޫހި ފިލުވަށް ދަސްކޮށްދިނުމެވެ.
އިންޑިއާ ވީކްގައި އިންޑިއާގެ ސަގާފަތް ދައްކުވައިދޭ ތަފާތު ޝޯތަކާއި، ކެއިންބުއިމުގެ ހުނަރުތަކާއި، މައުރަޒުތައް ވަނީ ހުށަހަޅާފައެވެ. މި އިނިޝިއޭޓިވްއަކީ ސަގާފީ މަސައްކަތްތަކަށް ސައުދީ އަރަބިއްޔާ ގެ ތަރައްގީ ދައްކުވައިދޭ ކަމެއް ކަމަށާއި، އަދި އެ ޤައުމުގެ އިޤްތިސާދު ސިންދަފާތުކޮށް ބައިނަލްއަޤްވާމީ ސަގާފީ ގުޅުންތައް ކުރިއެރުވުމަށް އަމާޒުކޮށްފައިވާ ވިޝަން 2030 ގެ ބޮޑެތި ލަނޑުދަނޑިތަކާ އެއްގޮތްވާ ކަމެއް ކަމަށް އޮފިޝަލުން ވަނީ ފާހަގަކުރައްވާފައެވެ.
މުންތަޒިމު ކޮމިޓީން ބުނާ ގޮތުގައި "އިންޑިއާ ވީކް" ގެ ތެރޭގައި ހިމެނޭ މުހިންމު ހަރަކާތްތަކުގެ ތެރޭގައި އިންޑިއާގެ ސަގާފީ އަދި ޒަމާނީ ފަންނާނުންގެ ހުނަރުވެރިކަން ދައްކުވައިދޭ ޝޯތަކާއި، އިންޑިއާގެ އީޖާދީ ހުނަރު ދައްކުވައިދޭ ފިލްމުތަކައި އަދި ފެޝަން ޝޯތައް ދެއްކުން ހިމެނެއެވެ. އަދި ސައުދީ އަރަބްއާއި އަދި އިންޑިއާގެ މުޖުތަމަޢުތަކާ ދެމެދު މަޝްވަރާކުރުމަށް ބާރުއަޅާ ވޯކްޝޮޕްތަކާއި އިންޓަރެކްޓިވް ސެޝަންތައް ވެސް ކުރިއަށްދާނެއެވެ.
ދެ ގައުމުގެ ސަގާފީ ތަފާތުކަން ފާހަގަކޮށް، ޚިޔާލާތު އެއްގޮތް ކުރުމަށް މަޝްވަރާ މަންސަތައް ބިނާކުރުމުގެ މަޤްސަދުގައި ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކުރުމަށް ގްލޯބަލް ހާމަނީ އިނިޝިއޭޓިވް ފަރުމާ ކޮށްފައި ވެއެވެ.
ހަވަނަ އަހަރު ކުރިއަށްދާ ރިޔާޟް ސީޒަން އަކީ މިހާރު މެދުއިރުމަތީގެ އެންމެ ބޮޑު ނާޗަރަންގީ ފެސްޓިވަލްތަކުގެ ތެރޭގައި ހިމެނޭ ފެސްޓިވަލެކެވެ. އަދި ކޮންމެ އަހަރަކު ވެސް މިލިއަނުން ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރެއެވެ.







