އެމެރިކާގެ އޮރެގަން ސްޓޭޓްގެ ޕޯޓްލެންޑަށް ސިފައިން ފޮނުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ އަމުރު ދާއިމީކޮށް ހުއްޓުވައިފިއެވެ. އެމެރިކާގެ ފަނޑިޔާރު ކެރިން އިމާގަޓް ވަނީ މިކަން ހުއްޓުވުމަށް ކުރިންނެރުއްވި ވަގުތީ އަމުރު ދާއިމީ އަމުރެއްކަމަށް ކަނޑައަޅުއްވާފައެވެ. މި ނިންމުމުގައި ވަނީ ޓްރަމްޕްގެ ސިފައިން ފޮނުވާ އަމުރަކީ އެމެރިކާގެ ގާނޫނުއަސާސީއާ ޚިލާފު އެންގުމެއް ކަމުގައެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރު ކެރިން އިމާގަޓް ވިދާޅުވީ، ޓްރަމްޕްގެ މި އަމުރުތަކަކީ ދައުލަތުގެ ހުއްދަ ނެތި އަދި ރައީސަށް ލިބިގެންވާ ބާރުގެ ހުދޫދުން ބޭރުވެގެން ނެރެފައިވާ އޯޑަރުތަކެއް ކަމަށެވެ. އެހެންކަމުން، އެމެރިކާގެ ގާނޫނުއަސާސީއާ ޚިލާފަށް ޓްރަމްޕް މި ބާރު ބޭނުންކޮށްފައިވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި ފަނޑިޔާރަކީ ޓްރަމްޕްގެ ރުހުން ދީގެން އައްޔަން ކޮށްފައިވާ ފަނޑިޔާރެކެވެ.
ރައީސް ޓްރަމްޕް މި އަމުރު ނެރުއްވީ ޕޯޓްލެންޑުގައި ކުރި މުޒާހަރާތަކެއްގައި ހަމަނުޖެހުން ބޮޑުވުމާ ގުޅިގެންނެވެ. ނަމަވެސް، ފަނޑިޔާރުގެ މި ނިންމެވުމާއެކު، ސިފައިން ސްޓޭޓްތަކުގައި ބިރު ދެއްކުމަށް ބޭނުންކުރުމުގައި ޓްރަމްޕް ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭނެ ކަން އަލުން ކަށަވަރުވެގެން ގޮސްފައިވެއެވެ.






